ﷲ ތަޢާލާ އެންމެ ލޯބިވެވޮޑިގަންނަވާ އަޅަކަށް ވެވުމުން އެކަން ނުވިސްނޭ އަދި ޤަބޫލުނުކުރެވޭ މީހުން ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ﷲ ތަޢާލާ އެންމެ ލޯބިވެވޮޑިގަންނަވާ އަޅަކަށް ވެވުމުން އެކަން ނުވިސްނޭ އަދި ޤަބޫލުނުކުރެވޭ މީހުން ވަރަށް ގިނަ!

ހިހޫތަނުން ކާން އުޅުމަކީ ގިނައެއްގެ ކިބައިގައި ހުންނަ ސިފައެކެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެންމެ މީރުވާނީ އަމިއްލައަށް ބުރައުފުލައިގެން ހޯދާތަކެތި ކައްކައި ކެއުމުންނެވެ.

އެގޮތުން ލުއިފަސޭހަމަގުން ސުވަރުގެހޯދަން ވިސްނާ މީހުންނަށް ބުނެލަމެވެ. ހިތާމައާއި ހިތްދަތިކަން ކުރިމަތިވެއްޖެނަމަ އޮތީ ކަންބޮޑުވުމެއް ނޫނެވެ. އުފާކުރުމެވެ. އުފުލަންޖެހޭ ތަކްލީފް އުފުލުމުގައި ﷲ ތަޢާލާގެ މަގުގައި ޘާބިތުވެއްޖެނަމަ ލިބެން އޮތް އުފާވރިކަން މާބޮޑެވެ. މާމަތިވެރިއެވެ.

މިމޭރުމުން ވިސްނާށެވެ! ތިބާއަށް ސުވަރުގެ ހޯދަން މަސައްކަތްކުރެވެނީ ވަރަށް ކުޑަކޮށެވެ! ކިރިޔަކިރިޔާ ސުވަރުގެ ވަދެވޭވަރަށެވެ. ނަމަވެސް ތިބާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުން ލިބިފައިވާ އަޅެކެވެ. ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވަނީ ތިބާ ސުވަރުގޭގެ އެންމެ މަތީދަރަޖައަށް އުފުއްލަވަން ކަމުގައި ވެއްޖެނަމަ ދެން ކަންކަން މެދުވެރިވާގޮތް އެނގޭ ހެއްޔެވެ؟

މިވާހަކަ މިބުނަނީ ވަރަށް ސިއްރުންނެވެ. އެކަމަކު ރަނގަޅަށް އަޑުއަހާށެވެ! "ތިބާއަށް ބޮޑު މުޞީބާތެއް، ވަރަށް ބޮޑު ހިތްދަތިކަމެއް" ފަދަ ކަމެއް ކުރިމަތިކުރައްވަވާނެތެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟

"އެއީ އެހާލަތުގައި އިތުރަށް ތިބާ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވާން މަސައްކަތްކުރާނެތީއެވެ. އަޅުކަންކުރުމުގައި އިތުރަށް ހީވާގިވާނެތީއެވެ. އެކަންކަމުގެ ސަބަބުން ﷲ ތަޢާލާ ބޭނުންފުޅުންވެވޮޑިގަންނަވާ ދަރަޖަ ސުވަރުގެއިން ޙައްޤުވާ މިންވަރަށް ތިބާ މަސައްކަތްކުރާނެތީއެވެ!"

ބުނެލަން ބޭނުންވަނީ ކަންކަމާއި ގުޅިގެން ކަންބޮޑުނުވާށެވެ! ހިތްދަތިކަމާއި އެހެންކަންކަން ވެސް ކުރިމަތިވާނެއެވެ! ކުރިމަތިވުމުން އެއީ ބަދު ނަޞީބުކަމަށް ނުބަލައި އެއީ ނަޞީބުކަމަށް ޔަޤީންކުރާށެވެ. ތިބާގެ ދަރަޖަ ސުވަރުގޭގައި އުފުލިގެން ދިއުމަށް ދެއްވެވި ފުރުޞަތެއް ކަމުގައި ނޫނީ ނުދެކޭށެވެ! އަދި އެކަމަށް އެދި ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން