ފަސްދޮޅަސް އަަހަރުވަންދެން ހެޔޮ ޢަމަލުކުރެވުނު މީހަކަށް ފާފަކުރެވުމުން ގަތް ބިރުން ޢަމަލުކުރި ގޮތާ އޭނާއަށް މެދުވެރިވި ގޮތުގެ ވާހަކަ- ތައުބާވާން ބޭނުން މީހުންނަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 13ސ
ފަސްދޮޅަސް އަަހަރުވަންދެން ހެޔޮ ޢަމަލުކުރެވުނު މީހަކަށް ފާފަކުރެވުމުން ގަތް ބިރުން ޢަމަލުކުރި ގޮތާ އޭނާއަށް މެދުވެރިވި ގޮތުގެ ވާހަކަ- ތައުބާވާން ބޭނުން މީހުންނަށް އަގުހުރި ފިލާވަޅެއް!

ތިރީގައިވާ ލިޔުން މިގެނެސްދެނީ ކިޔުންތެރިއަކު އޭނާއަށް ކުރެވުނު ފާފަތައް ބަޔާންކޮށް އެފާފަތަކަށް ތައުބާވެވޭނެތޯ ކޮށްފައިވާ ސުވާލުގެ ޖަވާބުގައާއި އޭނާއަށް ހިތްވަރުދިނުމަށެވެ.

އޭނާގެ ވާހައިން އެނގޭ ގޮތުގައި މީހުން މެރުމާއި ވައްކަންކުރުމާއި މީހުންގެ ޙައްޤުތަކަށް އަރައިގަތުން ނޫން ހުރިހާ ފާފަތަކެއްހެން އޭނާއަށްވަނީ ކުރެވިފައެވެ. އެކަމުން އެނގެނީ އޭނާއަށް ކުރެވުނު ފާފަތަކަށް ތައުބާވުމަށް އެއްވެސް ހުރަހެއް ނެތްކަމެވެ. ސަބަބަކީ މީހެއްގެ ހައްޤަކަށް އަރައިގެންފައި ނުވާތީ އެވެ. ތައުބާވުމުގައި ހުރަސް ކުރިމަތިވާނީ އެހެން މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމައެވެ. އޭނާގެ ޙައްޤު އަދާކޮށްދީ އޭނާގެ ކިބައިން މާފުހޯދަންޖެހޭނެތީއެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ކިތަންމެ ބޮޑު ފާފައެއް ނުވަތަ ކިތަންމެ ގިނަ ފާފަތަކެއް ކުރެވުނަސް ﷲ ތަޢާލާ ލައްވަވާ ރަހްމަތުގެ ބޮޑުކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ

މިކިޔައިދެނީ ވަރަށް ޢިބްރަތްތެރިވާހަކައެކެވެ. ސަމާލުކަންދީގެން އަޑުއަހާށެވެ. އަދި ޢަމަލުކުރަމުން ގެންދާށެވެ! އިން ޝާ ﷲ ތިބާގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ.

ﷲ ތަޢަލާއަށް އަޅުކަން ކުރުމުގައި 60 އަހަރު ހޭދަކުރި މީހެކެވެ. 60 އަހަރު އޭނާ ހޭދަކުރީ އެއްވެސް ފާފައެއް ނުކޮށެވެ! އެގޮތުގައި 60 އަހަރު ހޭދަކުރިފަހުން ބައްދަލުވި އަންހެނަކާއި ގުޅުން އުފެދި 6 ރޭ އޭނާ އެ އަންހެން މީހާ އާއިއެކު ގުޅުން ހިންގިއެވެ.

އެއަށްފަހު އޭނާއަށް ކުރެވުނީ ބޮޑު ފާފައެއްކަން ވިސްނި މާދުރުގައި ހުރި މިސްކިތަކަށް ބަދަލުވިއެވެ. އޭނާ އެ މިސްކިތަށް ދިއައީ ﷲ ތަޢާލާއަށް ފިލާކަށް ނޫނެވެ. ﷲ ތަޢާލާއަށް ފިލަން ދެވޭނެ އެއްވެސް ތަނެއް ނޯންކަން އޭނާއަށް އެނގެއެވެ. އޭނާ އެ މިސްކިތަށް ދިއައީ އެކަން ހިތުގެ އަޑިން ޤަބޫލުކުރާތީއެވެ.

އެ މިސްކިތުގައި އޭނާ 3 ދުވަސް ހޭދަކުރިއެވެ. އެ 3 ދުވަސް ހޭދަކުރީ އެކަމަށް ހިތާމަކުރުމުގައެވެ. ﷲ ތަޢާލާ ދެއްވަވާނެ ގަދަ ފަދަ އަޛާބަށް ބިރުވެތިވެ ތައުބާވުމުގައެވެ. އެ 3 ދުވަހު އޭނާ އެއްވެސް އެއްޗެއް ކައި ބޮއިވެސް ނުހަދައެވެ. އެއީ ކޮންމެހެން ނުކައި ބަނޑަށް މަރުވުމުގެ ބޭނުމުގައެއް ނޫނެވެ. އޭނާގެ ހިތަށް ވަމުން ދިއަ އުނދަގޫތަކުގެ ސަބަބުން ކާ ހިތް ނުވެސްވީއެވެ. ބަނޑުހައިކަން އިޙްޞާޞް ވެސް ނުކުރެވުނީއެވެ.

3 ދުވަސްވީތަނާ މީހަކަށް އޭނާ އިންނަނީ ނުކައިކަން އެނގިގެން ޕާންފޮތްޗެއް ފަދަ އެއްޗެއް އޭނާއަށް ގެންގޮސްދިނެވެ. ލިބުމުންވެސް އޭނާ ކާން ބޭނުމެއް ނުވިއެވެ. ދެފަޅިއަށް ފަޅައިލުމަށްފަހު ދެފަރާތުގައި ތިބި ދެ މީހުންނަށް ދެ ފަޅި ދިނީއެވެ.

އެވަގުތަކީ މަރުގެ މަލާއިކަތާ އޭނާގެ ފުރާނަ ހިއްޕެވިވަގުތެވެ. އޭނާ އާއިމެދު ކަންތައް ވީގޮތް ޢިލްމުވެރިން ބަޔާންކުރައްވަވަތެވެ. އޭނާ 60 އަހަރު ދުވަހު ކުރި އަޅުކަމަށްވުރެ އޭނާ 6 ރޭ ކުރި ފާފަތަކުގެ ބަރުދަން މާ އިތުރެވެ. ނަމަވެސް އޭނާއަށް ﷲ ތަޢަލާ ސުވަރުގެ ދެއްވެވިއެވެ. އެއީ އޭނާ ޞަދަޤާތްކުރި ޕާންފޮތީގެ ބުރަދަން އިތުރުވުމުންނެވެ. އެބޭކަލުން އެކަންކަން ބަޔާންކުރައްވަވަނީ އެނގިވަޑައިގެންފައިވާ ރިޢާޔަތްކުގެ އަލީގައެވެ. (މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.)

މިބުނި ބަސް އޮޅުވައިނުލާށެވެ. ފާފަތަކެއް ކޮށްފައި ޞަދަޤާތް ކުރީމާ ހުރިހާ ފާފައެއް ފޮހެވޭނެ ކަމަށް ވެސް ނުބަލާށެވެ. އޭނާއަށް އެގޮތް މެދުވެރިވީ އެނާގެ ހިތުގައި ﷲ ތަޢާލާ އަށް އޮތް ލޯތްބާއި ބިރުވެރިކަން ބޮޑުވެފައި ތައުބާއަށް އެދި ކުރި މަސައްކަތުގެ ބުރަކަމުން ކަމަށްވެދާނެއެވެ.

ހަމައެއާއިއެކު އޭނާއަށް ކުރެވުނު ކުށް އެހެން އެއްވެސް މީހަކަށް ނުވެސް އެނގެނީސް އޭނާއަމިއްލައަށް ބިރުވެތިވެ ތައުބާވުމަކީ ވެސް ފާހަގަކުރަންޖެހޭނެ ކަމެކެވެ. އަދި ޖެހިޖެހިގެން 3 ދުވަހު ކާހިތްވެސް ނުވެ ހިތާމަކުރަން އިންކަންވެސް ފާހަގަކުރަން ޖެހެއެވެ. ވީމާ އޭނާ އެވަނީ ވަރަށް ފުރިހަމަ ތައުބާއަކުން ތައުބާވެފައެވެ.

ޞަދަޤާތްކުރުމުގެ ހުރި މަތިވެރިކަން މިކަމުންވެސް އެނގިގެންދެއެވެ. އެންމެ 6 ރޭ ކުރެވުނު ފާފަ އެދިއައީ 60 އަހަރުވަންދެން ކުރި އަޅުކަމަށްވުރެ ބުރަވެގެންނެވެ. ފާފަ ނުކުރަންވީ މިސަބަބަށްޓަކައެވެ. ވިސްނައިލަންވީ ކަމަކީ ފާފަކުރެވުމުން އޭނާ ﷲ ތަޢާލާއަށް ބިރުވެތިވީ މިންވަރަށެވެ. އެކަމަށް ﷲ ތަޢާލާ ލެއްވެވި ރަޙްމަތަށެވެ. 60 އަހަރު ކުރި ފާފަތަކަށްވުރެ ބުރަވި ފާފަތަކަށްވުރެ އެ ބުރަދަން މަތިކުރެއްވެވީ ޞަދަޤާތްކުރި އެންމެ ޕާންފޮތީގައެވެ.

ފެނިގެން މިދިއައީ ފާފަ ކުރެވުނު ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވެ އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމުން ދެއްވަވާ މަތިވެރި ނިޢްމަތެވެ! ލައްވަވާ ރަޙްމަތެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން