ޑުޕްލިކޭޓް އުފެއްދުންތައް ގަތުމާ ބޭނުންކުރުން ހުއްދަތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ޑުޕްލިކޭޓް އުފެއްދުންތައް ގަތުމާ ބޭނުންކުރުން ހުއްދަތަ؟

ކޮންމެ ކުނަފުންޏަކުންވެސް އަދި މީހަކު ނަމަވެސް އެއްޗެއް އުފައްދާނީ އެކަމަށް ޚަރަދުތަކަކާއި މަސައްކަތްތަކެއްކޮށްގެންނެވެ. ވީމާ އެއުފެއްދުމަކީ އުފެއްދި ފަރާތުގެ ޙައްޤެކެވެ. ބޭނުންކުރަންވާނީ ހުއްދަލިބިގެންނެވެ. ނޫންނަމަ އެކަމުގައި ހިމެނޭ އަނެކާގެ ޙައްޤުގެ ބައި އޮންނާނެއެވެ.

ކްރެކްކޮށްފައި ފިހާރަތަކުގައި ވިއްކަންހުންނަ ކޮމްޕިއުޓަރ ސޮފްޓްވެއަރ ގަނެގެން ބޭނުންކުރުމަކީ  ވައްކަމަކަށްވާނެތޯ؟ 

މި ސުވާލު ސަޢޫދީގެ ޢިލްމުވެރިންގެ މަޖްލިހާއި ކުރެވުމުން އެބޭފުޅުން ޖަވާބުގައި ވިދާޅުވެފައިވެއެވެ.

ކުންފުންޔަކުން އެބައިމީހުންގެ ހުއްދަނެތި ކޮޕީ ހައްދައިގެން ނުވާނެކަމަށް އިޢްލާންކޮށްފައިވާ އެބައިމީހުންގެ ޕްރޮޑަކްޓްތައް ނުވަތަ ސޮފްޓްވެއަރތައް ކްރެކް ހަދައިގެން ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.

ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މިފަދަ ސޮފްޓްވެއަރތައް އެތަކެތީގެ ފައިދާ ހޯދުމުގެ ނިޔަތުގައި ކްރެކް ހަދައިގެން ބޭނުން ކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެތަކެތިން ވިޔަފާރިކޮށްގެން ނުވާނެއެވެ. ޚާއްޞަގޮތެއްގައި އޭގެ އޮރިޖިނަލް ގަންނަން ލިބެން ނެތުން ނުވަތަ އަމިއްލަ އަށް ގަނެވޭނެފަދަ މާލީ ޙާލަތު ތަން ނުދިނުން ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ކްރެކް ހެދުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް މިފަދަ ޙާލަތުގައި ބޭނުން ކުރަންވާނީ އަމިއްލަބޭނުމަށް އެކަންޏެވެ. އެހެން މީހުންނަށް އޭތިފޯރުކޮށްދީގެން ނުވާނެއެވެ. އަދި އެއިން ވިޔަފާރިކޮށްގެންވެސް ނުވާނެއެވެ.  

ވީމާ، ޚުލާޞާއަކީ، ކުންފުނިން އެސޮފްޓްވެއަރ އެއްގެ ކްރެކް ހެދުން ނުވަތަ ކޮޕީ ހެދުން މަނާކޮށްފައިނުވާނަމަ އެފަދަ ސޮފްޓްވެއަރ ތަކުގެ ކޮޕީ ހެދުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް ކުންފުނިން ކޮޕީ ހަދައިގެން ނުވާނެކަމަށް އިޢްލާންކޮށްފައިވާނަމަ ނުވަތަ ޝަރްޠުކޮށްފައިވާނަމަ އެފަދަ ސޮފްޓްވެއަރ އެއްގެ ކޮޕީ ހަދައިގެން ނުވާނެއެވެ. ނަމަވެސް އަމިއްލަ އަށް އެސޮފްޓްވެއަރ ގަނެވޭނެ ފެންވަރުނެތް މީހުން، ނުވަތަ ސޮފްޓްވެއަރ ބާޒާރުގައި ގަންނަން ލިބެން ނެތްނަމަ، އަމިއްލަ ބޭނުމަށް ކޮޕީ ހެއްދުމަކީ ބައެއް ޢިލްމުވެރިން ހުއްދަ ކުރައްވާ ކަމެކެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން