ފާފަކުރާހިތްވަނީ ޝައިޠޯނާ އެކަމަށް ވަސްވާސްދޭތީ! މިކަންކަމަށް ވިސްނަން މަސައްކަތްކޮށްފިނަމަ ފާފަކުރަން ބިރުވެތިވެ ދުރުހެލިވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ފާފަކުރާހިތްވަނީ ޝައިޠޯނާ އެކަމަށް ވަސްވާސްދޭތީ! މިކަންކަމަށް ވިސްނަން މަސައްކަތްކޮށްފިނަމަ ފާފަކުރަން ބިރުވެތިވެ ދުރުހެލިވެވޭނެ! އިން ޝާ ﷲ

ސަމާލުކަންދީގެން ރަނގަޅަށް އަޑުއަހާށެވެ! ﷲ އީ އެންމެ ދީލަތިވަންތަ އެންމެ ރަޙުމްކުރައްވަވާ ރަސްކަލާނގެ އެވެ. އެކަމަކަށް އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް ޢަޛާބް ޙައްޤުވާ މީހުންނަށް ޢަޛާބު ދެއްވެވުމުގައި ގަދަފަދަ ރަސްކަލާނގެކަން އަބަދުވެސް ތިމާގެ ހަނދާނުގަ ބަހައްޓަންޖެހޭނެއެވެ.! ޚާއްޞަކޮށް ފާފައެއް ކުރެވެން އުޅޭ ވަޤުތުގައެވެ.  

ހަމަކަށަވަރުން މީހަކަށް ކުރެވޭނެ އެންމެ ބޮޑު ފާފައަކީ ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑާލުމެވެ. ﷲ ތައާލާގެ ރަޙްމަތުން އުންމީދުކަނޑާލައިފި މީހަކު ވާނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅު  (ޤުރްއާން) ދޮގުކުރާ މީހަކަށެވެ. ހަމައެއާއިއެކު ﷲ ތަޢާލާއީ ދީލަތިވެވޮޑިގަތުމުގައި އިމެއްނެތި ދީލަތިވެވޮޑިގަންނަވާ ރަޙްމާންވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. 

އެހެންކަމާއިއެކުވެސް ﷲ ތަޢާލާއީ އެންމެ ދީލަތިވަންތަ، އެންމެ އޯގާތެރިވަންތަ ރަސްކަލާނގެ ކަމަށްވުމަކީ އެއްވެސް މީހަކަށް އެމީހަކު ކުރާ ކުށަކަށް (ތައުބާ ނުވާނަމަ) ޢަޛާބް ނުދެއްވަވާނެ ކަމަށް ނިންމަންޖެހެންވީ ސަބަބެއް ނޫނެވެ. އަދި އެކަމާއި ޝަކުވާ ކުރެވެން އޮތް ކަމެއްވެސް ނޫނެވެ.  

ސަބަބަކީ އިންސާނާއަށް ބޭނުންވާނޭ ހުރިހާ ނިޢްމަތްތަކެއް ދެއްވެވުމަށްފަހު އަންގަވަނީ ފާފަ ނުކުރުމަށެވެ. އަދި އެވަރުންވެސް ނިންމަވައިލައްވަވަނީއެއް ނޫނެވެ. ފާފައެއް ކުރެވިއްޖެނަމަ އެމީހެއްގެ ޢުމުރު ހުސްވަންދެންވެސް ތައުބާވާން ފުރުޞަތު އެބަދެއްވަވައެވެ. އަދި ތައުބާވުމަކީ އެއްވެސް ބުރައެއް އުފުލަން ނުޖެހޭނެ، ނުހަނު ފަސޭހައިން ކުރެވޭނެ ކަމެއް ކަމުގައިވެސް ވަނީ ލައްވަވައިފައެވެ.  

އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާ އީ އެންމެ ދީލަތިވަންތަ އަދި އެންމެ ގަދަފަދަ ޢަޛާބު ދެއްވަވާ ރަސްކަލާނގެކަން ވަނީ ވަޙީކުރައްވަވައިފައެވެ. 

"ﷲ، އެއުރެންނަށްޓަކައި ގަދަވެގެންވާ ޢަޛާބެއް ތައްޔާރުކުރެއްވިއެވެ. ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!"

(އަލްމުޖާދިލަ: 15) 

"އަދި ހަމަކަށަވަރުން، އޭނާ ކުޅަ ޢަމަލެއް ނިކަންހުރެ އޭނާ ދެކޭނެތެވެ."

"ދެން އޭނާ ކުޅަ ޢަމަލަށް" އެންމެފުރިހަމަ ޖަޒާ ދެއްވާނެއެވެ."

(އައްނަޖުމް: 40،41)  

ﷲ ތަޢާލާގެ ޢަޛާބު ލިބިގަންނަން ޖެހޭނީ، ނުވަތަ ޙައްޤުވާނީ ﷲ ތަޢާލާއަށް އުރެދުމުގައި މުޅި ޢުމުރު ހޭދަކޮށްލި މީހުންގެ ތެރެއިންވެސް މަރުވުމުގެ ކުރިން ތައުބާ ނުވި މީހުންނެވެ. ވީމާ އާދޭސްކޮށްފައި ބުނަމެވެ. ކޮންމެ ދުވަހަކު މަދުވެގެން 100 ފަހަރު އިސްތިޣްފާރުކުރާށެވެ. އަދި ރަމަޟާން މަހު އެއަށްވުރެވެސް ގިނަކުރާށެވެ! ރަމަޟާން މަސް ނިމިގެންދާއިރު ތިމާއަކީވެސް ފާފަތައް ފުއްސވައި ދެއްވަވާފައިވާ އަޅކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން