ދެއަންތބަށް ކައިވެނިކޮށް ﷲ އަންގަވާފައިވާ ގޮތަށް ދިރިއުޅުމުގެ ނިޔަތް ނެތި ދެމަފިރިއެއްގެ ދެމެދަށް ވަންނަން ހެޔޮނުވާނެ! އެއީ ކުރެވޭ ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 30ސ
ދެއަންތބަށް ކައިވެނިކޮށް ﷲ އަންގަވާފައިވާ ގޮތަށް ދިރިއުޅުމުގެ ނިޔަތް ނެތި ދެމަފިރިއެއްގެ ދެމެދަށް ވަންނަން ހެޔޮނުވާނެ! އެއީ ކުރެވޭ ބޮޑު ފާފައެއް!

ޝަރުޠުހަމަވާ ފިރިހެނަކާ ދެއަންތބަށް ކައިވެނިކުރުމަކީ އެއްވެސް މައްސަލައެއް ނޫންކަން އަޅުގަނޑަށްވެސް އެނގެއެވެ. ނަމަވެސް ކުރީގެ އަނބިމީހާ އާއި އޭނާއަށް ލިބިފައިވާ ދަރިން ނިކަމެތިކޮށްލުމުގެ ބޭނުމުގަ ދެއަންތބަށް ކައިވެނިކުރުމަކީ ހުއްދަ ކަމެއްތޯ؟  

އަޅުގަނޑާ އަޅުގަނޑުގެ 5 ދަރިންނަށް މިއުޅެނީ ފިރިމީހާގެ ދެވަނަ އަނބިމީހާގެ ނުބައިކަމުން ސަލާމަތް ނުވެވިގެން! އަޅުގަނޑުގެ ފިރިމީހާއާ އޭނާ ކައިވެނިކުރީ އަޅުގަނޑުމެން ނިކަމެތިކުރަންކަމަށް އޭނާ ބުނެފަ އެބަހުރި! އެކަމަކު އަޅުގަނޑުގެ ކިބައިން ބަދަލު ހިފަން ޖެހޭ ނުވަތަ އަޅުގަނޑަށް ޙަސަދަވެރިވާންޖެހޭ އެއްވެސް ސަބަބެއް ބުނެއެއް ނުދެވޭ! އެކައިވެނިކުރީ އަޅުގަނޑުގެ ރުހުމުގަ. މިހާރުވެސް މިއިންނަނީ އެއްބާރުލުން ދީގެން!  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ދެއަންތބަށްވެސް އަދި އެއް އަންތބަށްވެސް ކައިވެނިކުރަންވާނީ ތިމާ ރިވެތި ގޮތުގައި ދިރިއުޅުމަށެވެ. ދެވަނަ މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ނިޔަތުގައި ކައިވެނިކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެފަދަ ކަންކަން ކުރުމުން އެކުރެވެނީ ފާފައެކެވެ. އަނިޔާ ނުވަތަ ގެއްލުން ލިބޭ ބައަކަށް ބަދަލުދޭންވެސް ޖެހޭނެއެވެ. އަދި އެއްވެސް މީހަކަށް އަނިޔާވެރިވާނަމަ އެކަން ތިމާއާއި އަރައި ހަމަކުރާނެކަން ޤަބޫލުކުރަންވާނެއެވެ.  

މިމައްސަލައަކީ ވަރަށް ގިނައިން ކިޔުންތެރިން ސުވާލުކުރައްވާ މައްސަލައަކަށްވާތީ ކުރިން ކުރެވިފައިވާ ބައެއް ސުވާލުތަކާއި އެސުވާލުތަކަށް ދެވިފައިވާ ޖަވާބުވެސް ހިމަނައިލާނަމެވެ.

"އަޅުގަނޑުގެ ފިރިމީހާއަކީ ދުވަހަކުވެސް ނުބައި ޢަމަލެއް ކުރި މީހެއް ނޫނެވެ. ނަމަވެސް އަންހެނެއްގެ އަވާގައި ޖެހި މިހާރުދަނީ ހުރިހާ ގޮތަކުން މަގުއޮޅެމުންނެވެ. އެއަންހެން މީހާ ދައްކާ ދަޅަތަކަށް ހެއްލި މަގުއޮޅެމުންދާއިރު އޭނާއަކީ މީގެ ކުރިން 2 ދެމަފިރިއެއްގެ ދެމެދަށް ވަދެގަނެ ކައިވެނި ރޫޅުވާލާފައިވާ އަންހެނެކެވެ.  

އަޅުގަނޑު ދެރަވަނީ އަންހެނުން ނުކުމެ އެހެން އަންހެނުންގެ ދިރިއުޅުން ހަލާކުކުރުވާތީއެވެ. އެފަދަ އަންހެނުން އެންމެ ގިނައިން ދައްކާނީ އޭނާއަށް ކޮންމެވެސް މީހަކު ދެރައެއް ނުވަތަ ލަނޑެއްދިން ވާހަކައެވެ. މީހަކު ލަނޑެއް ދިނިއްޔާ އެއީ އެހެން މީހުންގެ ދިރިއުޅުން ހަލާކުކުރަމުން ދުވަންޖެހޭ ސަބަބެއްތޯއެވެ.؟"  

ކިޔުންތެރިޔާ އެކުރައްވާ ސުވާލުގެ ސާފުޖަވާބަކީ ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ދެމަފިރިއެއްގެ ދޭތެރެއަށް ނުބައި ނިޔަތެއްގައި ވަނުމަކީ އިސްލާމް ދީން ހުއްދަކުރާކަމެއް ނޫނެވެ. ދެއަންތބަށް ކައިވެނިކުރާނަމަ ކުރަންވާނީ ރަނގަޅު ނިޔަތުގައެވެ.  

ކޮންމެއަކަސް މިފަދަ މައްސަލަތައް ކުރިމަތިވެއެވެ. މަދަކުންނޫނެވެ. ހަމަ ގިނައިން ކުރިމަތިވެއެވެ. ތިރީގައި އެވަނީވެސް ހަމަ ބޭކަނބަލެއްގެ އިޙްޞާޞްތަކެވެ. ވަރަށް ރަނގަޅު ފިލާވަޅެކެވެ.   

ދެއަންތބަށް އިންނަންކަމަށް ބުނާ ގިނަ އަންހެންވެރިން އެކަން ކުރަން ބުނަނީ ދީނީގޮތުން، ހަޤީގަތަކީ މިއީތޯ؟ 

މިސުވާލުގެ ޖަވާބުގައި އަޅުގަނޑު މިކިޔައިދެނީ އަޅުގަނޑުގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ނުބައިކަންބޮޑު ޒަލްޒަލާއެއްގެ ވާހަކައެވެ. އަދިވެސް އަޅުގަނޑަށް މިއުޅެނީ އެ ނުބައިކަން ހައްދުފަހަނނައަޅާފައިވާ ޒަލްޒަލާއިން ސަލާމަތްނުވެވިގެންނެވެ. އަޑުއައްސަވާށެވެ! 

އަޅުގަނޑަކީ މިއަދުނޫހުގެ ކިޔުންތެރިއަކީމުއެވެ. އަދި މިއަދުނޫހަކީ ޒަވާޖީ ހަޔާތާބެހޭ ވަރަށް ގިނަ ވާހަކަ ޝާއިއުކުރާ ނޫހަކަށްވާތީ އަޅުގަނޑުގެ ހަޔާތުގައި ދިމާވި ކަންތައްތަކަށް ބިނާކޮށް އަޅުގަނޑުގެ ހިޔާލެއް ފާޅުކުރަން ބޭނުންވާތީ މިވާހަކަ ހިއްސާކުރަމެވެ.  

އަޅުގަނޑަކީވެސް އުފާވެރި ކައިވެންޏެއްގައި އުޅެމުން އައި އަންހެނަކީމެވެ. ފިރިމީހާގެ ލޯތްބާއި އަޅާލުން އިންތިހާއަށް ލިބި ދެމަފިރިންގެ ދޭތެރޭގައި މައްސަލައެއް ނުޖެހި އުޅެމުން އަންނަނިކޮށް ކުއްލިއަކަށް ހަޔާތަށް ދިމާވީ ބުނަންވެސް ނޭނގޭ ކަހަލަ ކަމެކެވެ.  

އަޅުގަނޑުމެންގެ ދެމަފިރިންގެ ދޭތެރެއަށް ވަނީ ދެއަނބަށް އިންނަން ބޭނުންވި އަންހެނެކެވެ. އަޅުގަނޑުގެ ފިރިމީހާއަށް ކުރަމުން އައި އިތުބާރު ހީނަރުވެގެން ދިއައީ ހީވެސް ނުކުރާ މިކަންތައްގަނޑު ހަޔާތަށް ލައިގަތީމައެވެ. އެއަންހެން މީހާއަކީ މީގެ ކުރިން ކައިވެންޏެއްވެސް ކޮށް ދަރިއަކު ލިބި އަދި ކުރީގެ ފިރިމީހާ ކައިރިން ވަރިވެ ގިނަދުވަސްތަކެއް ވެފައިވާ އަންހެނެކެވެ. އަދި ތަފާތު އެކި ވާހަކަތައްވެސް އެއަންހެން މީހާއާއި ބެހޭގޮތުން އަޅުގަނޑަށްވެސް ވަނީ އަޑުއިވިފައެވެ.  

އަޅުގަނޑުގެ ފިރިމީހާއަކީ ވަރަށް މާތް އަޚްލާޤެއްގެވެރިއެކެވެ. އަންހެނުންނަށް ލޯބިކުރާ އަދި މީހުންނަށް ފުރައްސާކުރުމާއި މަލާމާތްކުރުމާއި ބޭކާރު ވާހަކަ ދައްކައި އުޅޭ މީހުންދެކެ ނަފްރަތު ކުރާ ފިރިއެކެވެ. އަދި އަޅުގަނޑުގެ ފިރިމީހާއަކީ ސިނގިރޭޓު ބުއިމާއި އެފަދަ އެހެންކަންތައްތަކާއި ދުރުވެ ހުންނަ މީހެކެވެ. އަދި ދީނީ ކަންތައްތަކަށް އިސްކަންވެސް ދޭ މީހެކެވެ.  

ނަމަވެސް މިއަންހެންމީހާގެ މީޒާޖު ވަރަށް ތަފާތުކަމަށް އަޅުގަނޑަށް ވަނީ އަޑުއިވިފައެވެ. ކޮފީ މޭޒުތަކުގައި ހުސްވަގުތު ބޭކާރު ކުރުމަކީ އަޅުގަނޑުގެ ފިރިމީހާ ދަންނަކަމެއްނޫނެވެ. އަޅުގަނޑުގެ ފިރިމީހާއަކީ ޒިންމާދާރު ވަޒީފާއަދާކޮށް ބުރަ މަސައްކަތްކުރާ މީހެކެވެ. ނަމަވެސް ޝައިޠާނީ ވަސްވާހުގައި ޖެހި ފިރިމީހާވެސް ހެއްލިގެން އެއަންހެންމީހާގެ ބަހަށް ބަރޯސާވެ އަންހެންމީހާއާ ދިޔައީ ގުޅުން ބާއްވަމުންނެވެ. ދެމީހުން އެކީގައި ތަންތަނަށް ދިއުމާއި ގިނައިރު ފޯނުކުރުމާއި މިކަންތައްތައް އިންތިހާއަށް ބޮޑުވެގެން ދިއައީއެވެ.  

ޝީޝާ ބުއިމާއި ކޮފީމޭޒުތަކާއިވެސް ރައްޓެހިވި ޚަބަރުތައް ތުންތުން މަތިން އަޅުގަނޑަށް ދިއައީ އަޑު އިވެމުންނެވެ. ހަރާމްކަންކަމުގެ މައްޗަށް ހަރާމްކަންތައް އިސްވާ ވާހަކަ ކިޔާތީ އަޑުއަހަމެވެ. އެގޮތަށް ލަވަޔާ މިއުޒިކްވެސް ހަލާލްވެގެން ދިޔަ ފަދައެވެ. ފެންނަމުން ދިޔަ މަންޒަރު ވަރަށްވެސް ތަފާތެވެ. މިއަންހެން މީހާ އަބަދުވެސް ސޯޝަލް މީޑިޔާގައި ހާމަކުރަމުން ދިޔައީ އޭނާގެ ދީންވެރިކަމެވެ. އިސްލާމްދީނަށް ކުރާ ލޯތްބާއި އިޚްތިރާމެވެ. އަދި މީހުން ކައިރީވެސް ބުނަމުން ދިއައީ ދެއަނބަތް އިންނަން ބޭނުންވަނީ އެއޮންނަ އުސޫލުގެ ތެރެއިން ދީނީގޮތުން އޮންނަ ގޮތަށް ކަމަށެވެ. ދެމަފިރިން ވަކިކުރަން ބޭނުންނުވާ ކަމަށެވެ. 

ކިޔުންތެރިންނޭވެ! މިއީހަމަ ދައްކާ ދަޅައަކަށްވެގެން ދިއަ ކަމެކެވެ. ފޭސްބުކަށް ލަމުން ގެންދިއަ ދީނީ ޕޯސްޓްތައް ބަދަލުވެގެން ދިއައީ އަޅުގަނޑާއި ދިމާއަށް އުކަމުން ދިއަ ގާތަކަކަށެވެ. ކުރާ ކޮންމެ ދީނީ ޕޯސްޓެއްގައި ރައްޓެހިން ބައިވެރިކޮށް ކޮމެންޓްކޮށް އަޅުގަނޑަށް ފުރައްސާރަކުރަމުން ދިއައިރު މިކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަންވެސް ނޭނގެއެވެ. އަދި ހިތާމައަކީ އެއަންހެން މީހާ ދިއައީ އަޅުގަނޑުގެ ފިރިމީހާ ގާތު އަޅުގަނޑުގެ ހިލޭ ފިރިހެނަކާއި ގުޅުން އޮތްކަމަށް ބުނެ އަދި އަޅުގަނޑާ ބެހޭގޮތުން ތަފާތު ވާހަކަތައް ފިރިމީހާ ގާތު ދައްކައި  އަޅުގަނޑާއި ދޭތެރޭގައި ފިރިމީހާގެ ހިތުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ﷲ ގެ ރަހުމަތުން އަޅުގަނޑުގެ ނަސީބަކަށްވީ ފިރިމީހާ އެވާހަކަތަކެއް ޤަބޫލު ނުކުރިކަމެވެ. އެއީ އަޅުގަނޑުގެ މިޒާޖު ފިރިމީހާއަށް އެނގޭތީއެވެ.  

ދެން އެއަންހެން މީހާ ބެލީ ތަފާތު އެކި ގޮތްގޮތުން އަޅުގަނޑަށް ފުރައްސާރަ ކުރެވޭތޯއެވެ. ސޯޝަލް މީޑިއާގައި އަޅުގަނޑު ބަދުނާމުކޮށް އަޅުގަނޑާއި ދިމާއަށް ރައްޓެހިންލައްވައިވެސް އެއްޗެހި ކިޔުއްވައި އަދި ފިރިމީހާއާއި ބެހޭ ކަންތައްވެސް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެކަމަކީ ދެއްކުންތެރި ކަމެއްގެ ގޮތުގައި އެކަންކުރަމުން އައި ކަމެކެވެ. އޭނާ ގެންދިއައީ ރައްޓެހިންގާތު އަޅުގަނޑާއި ދިމާއަށް އެކި ފާޑުފާޑުގެ ވާހަކަ ދައްކަމުންނެވެ. އަދި ތަފާތު އެކިގޮތްގޮތުން މެސެޖުތައް އަޅުގަނޑާއި ހިސާބަށް ފޯރުކޮށް ދެމަފިރިންގެ ދޭތެރޭގައި ވީއެންމެ ބޮޑަކަށް ފަނިކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. 

ކިޔުންތެރިންނޭވެ! އަޅުގަނޑުގެ ކުށަކީ ކޮބައިކަން އަޅުގަނޑަށް އަދިވެސް ނޭނގެއެވެ. އަޅުގަނޑަކީ އެއަންހެން މީހާއަށް މެސެޖުކޮށް އަދި މީހުން ގާތުގައިވެސް އޭނާގެ ވާހަކަ ދައްކަމުންދާ މީހެއްނޫނެވެ. އަޅުގަނޑުގެ ހަޔާތުގައި މިދިމާވި ކަންތައްތަކަށް އަޅުގަނޑު އޭނާގެ ފަހަތުން ދުވުމުގެ ބަދަލުގައި އިސްކުރީ މާތް ﷲ ގެ ހަޟަރަތަށް ގިނަ ގިނައިން ކުއްތަންވެ އެއިލާހުގެ މަދަދު ލިބިގަތުމެވެ. އަދި އިސްކުރަމުން އައީ ކެތްތެރިކަމެވެ.  

އަޅުގަނޑު ތިއަ ކިޔުންތެރިންނަށް ކޮށްލަން ބޭނުންވާ ސުވާލަކީ މީތޯއޭ އެވިދާޅުވާ ދީނީގޮތުން ދެއަތްބަށް މީހުންނާ އިންނަން ހުއްދަ ކުރައްވާފައިވާ ގޮތަކީ؟ ދީނީ ގޮތުން އެބަވޭތޯއޭ ދެމަފިރިން ވަކިކުރުވައިގެން ދެމަފިރިން ދޭތެރެ ޖައްސުވައިގެން ދޮށީ އަނބިމީހާއަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ބަދުނާމުކޮށްގެން އެއްވެސް ކުށަކާއި ނުލައި މީހަކާ ދިމާއަށް އެއްޗެހި ކިޔައިގެންވެސް ތިމާގެ އަމިއްލަ އުފާތައް ހާޞިލްކުރަން ކައިވެނިކުރަން؟ މީތޯއޭ ތިޔަ އެވިދާޅުވާ ހަޤީޤީ ލޯތްބަކީ؟ އާޚިރަތުގައި ޖަންނަތުގައި ލެއްވުން އެދި ދަންނަވާ ލޯތްބަކީ؟ މީތޯއޭ ﷲ އަށްޓަކައި އެކަކުއަނެކަކު ދެކެ ލޯބިވުމަކީ؟  

ހަމަ ގައިމުވެސް އަޅުގަނޑު، އަޅުގަނޑުގެ ފިރިމީހާ ދެކެ ލޯބިވަނީ ﷲ އަށްޓަކައެވެ. އެހެންވީމާ އަޅުގަނޑު ދުވަހަކުވެސް އަޅުގަނޑުގެ ފިރިމީހާއަކީ އެއްފަޅިވާވެފައިވާ މީހެއްގެ ގޮތުގައި މަޚުޟަރު ކުރެއްވުމަކަށްވެސް ނޭދެމެވެ. އަދި މިފަދަ އަންހެން ވެރިންނާޖެހި އަޅުގަނޑުގެ ފިރިމީހާ ހަރާމްކަންތައްތަކުގެ ތެރެއަށް ވަދެގެންދާން އަޅުގަނޑު ދުވަހަކުވެސް ނޭނދެމެވެ. މިފަދަ އަންހެނުންނަކީ ލޯބިން ދިރިއުޅެމުން އަންނަ ދެމަފިރިންގެ ހަޔާތަށް ހުރި ވިހައެއްކަމުގައި މިކުޑަކުޑަ މުޖުތަމަޢުގައިވެސް މިވަނީ ވެފައެވެ. މިފަދަ އަންހެނުން ހާޞިލްކުރަން ބޭނުންވާ ކަމެއް ހާޞިލްވަންދެން އެކަމެއް ނުހުއްޓާނެކަމީވެސް އެކަށީގެންވާ ކަމެކެވެ. އެހެނަސް ހަމަ ﷲގެ ކުޅަދުންވަންތަކަން މިފަދަ އަންހެނުންނަށް އިޙްސާސް ނުކުރެވެނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. 

އަޅުގަނޑު ހިތަށް އަރަނީ އަމިއްލައަށް އަޅާ ހެދުުން އިސްތިރި ނުކުރެވޭ އަންހެނަކަށް ފިރިމީހާގެ ހެދުން އިސްތިރިކޮށްދެވޭނެތޯއެވެ؟ އަޅުގަނޑުގެ ހިތުގައި ދެން އުފެދޭ ސުވާލަކީ ދިރިއުޅުމުގެ މުހިއްމުކަން ނޭނގި އަބަދު މިހެން އުޅެމުންދާ އަންހެނުންނަށް އެހެން މީހެއްގެ ދިރިއުޅުން އެމީހަކަށް މުހިއްމުވާނެ ވަރު ދުވަހަކުވެސް ވިސްނޭނެތޯއެވެ؟. ލޯބިން ހަޔާތެއް ވޭތުކުރަމުން އަންނަނިކޮށް ތިމާގެ ފިރިމީހާ އެހެން އަންހެނަކު ޖަހައިގަތީމާ އެކުރެވޭ އިޙްސާސް ހިތުގައިވާ ވޭން މިފަދަ އަންހެނުންނަށް އިހްސާސް ނުކުރެވޭނީ ދިރިއުޅުމުގެ މުހިއްމުކަން ނޭނގި އަބަދުވެސް މީހުންގެ ދިރިއުޅުން ފަނާ ކުރަން މަސައްކަތްކުރަމުންދާތީއެވެ. މިފަދަ އަންހެނުންނަށްވެސް އެފަދަ ކަމަކާއި ދިމާވީމާ އެކަމުގެ އިޙްސާސް ކުރެވޭނެކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ.  

ކޮންމެ އިންސާނަކީވެސް ކުށްކުރެވިދާނެ މީހެކެވެ. އެގޮތުން އަޅުގަނޑުގެ ލޯބިވާ ފިރިމީހާއަށްވެސް އެވަނީ ބޮޑު ކުށެއް ކުރެވިފައެވެ. އަޅުގަނޑުވާނީ ﷲ އަށްޓަކައި އަޅުގަނޑުގެ ލޯބިވާ ފިރިމީހާއަށް މަޢާފްކޮށްދީފައެވެ. އަދި އަޅުގަނޑު ތިއަ ކިޔުންތެރިންގެ ކިބައިން އެދެން ބޭނުންވަނީ އަޅުގަނޑުގެ ފިރިމީހާއަށް ނިޞްބަތްވާގޮތަށް އެއްވެސް ކޮމެންޓެއް ނުކުރުމެވެ. ހަމަ އެކަނި އަންހެނުން ކުށްވެރިކުރަނީއެއް ނޫނެވެ. އަޅުގަނޑުގެ ހަޔާތުގައި ދިމާވި ކަންތަކާއި ގުޅޭގޮތުން ވާހަކަ ދައްކާއިރު އަޅުގަނުގެ ފިރިމީހާގެ ކުށެއް އޮތް ނަމަވެސް އަޅުގަނޑަށް ބޮޑަށް ކުށްވެރިކުރެވުނީ މިފަދަ ނުބައި ފަސާދަ އުފައްދާ އަންހެނުންކަމަށްވާތީއެވެ.  

އޭނާގެ މަކަރުވެރި ރޭވުމުން ހިންގި ޙީލަތްތެރި އަނިޔާވެރި ޖަރީމާތަކުން ނެރެން އޭނާ ބޭނުންވި އެއްވެސް ނަތީޖާއެއް ނުނެެރެވުނީ، އަޅުގަނޑުމެންގެ ޒަވާޖީ ހަޔާތަށް ބުރޫއަރުވައި ނުލެވުނީ މާތް ﷲ އެކަމަށް މަގުފަހިކޮށް ނުދެއްވެވުމުންކަން ޤަބޫލުކުރަން އަދިވެސް އޭނާ ބޭނުމެއް ނުވެއެވެ. ބޭނުންވެގެން އުޅެނީ އަދިވެސް އަޅުގަނޑަށް ދެރައެއް ދިނުމަށެވެ. ޝައިޠޯނުންނަކީ ކާމިޔާބު ނުކުރެވުނު ނަމަވެސް ކޮންމެ މީހެއްގެ ފަހަތުންވެސް މަރުވުމާއި ހަމައަށް އަޅައިގަނެގެން އުޅޭނެބައެއްކަމަށް ބުނެވޭ ބުނުމުގެ ޙަޤީޤަތް އަޅުގަނޑަށް މިދަނީ ފެންނަމުންނެވެ.    

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުގެ ފިރިމީހާ ފަދަ ފިރިންނަށް ﷲ ހެޔޮ ވިސްނުން ދެއްވައި އަދި މިފަދަ ނުބައި ޢަމަލު ހިންގާ ހިތްނިޔަތް ގޯސް އަންހެނުންގެ ކިބައިން ދެމަފިރިން ދިރިއުޅުންތައް ﷲ ސުބްހާނަހޫ ވަތަޢާލާ ރައްކާތެރިކޮށްދެއްވައި މިފަދަ ނުބައި އަންހެނުންގެ ކިބައިން ދެމަފިރިންގެ ކައިވެނީގެ ހަޔާތް ސަލާމަތްކޮށްދެއްވުމެވެ. މިފަދަ އަންހެނުންނަކީ ހަމަ ދެމަފިރިންގެ ހަޔާތަށްހުރި ނުރައްކަލެކެވެ. ކޮންމެ ކަމެއްގައިވެސް ﷲގެ ހަޟްރަތަށް ވަކީލްކޮށް ކެތްތެރިވާ މީހަކަށް އެއިލާހުގެ ނިންމެވުންމާ ފުރިހަމަވާނެކަމާ މެދު އަޅުގަނޑު ޝައްކެތް ނުކުރަމެވެ. އިން ޝާ ﷲ. ޔާ ﷲ! މިފަދަ ނުބައި ފަސާދަ އުފައްދާ އަންހެނުންގެ ކިބައިން އަޅަމެންގެ ކައިވެނިތައް ރައްކާތެރިކޮށްދެއްވާށި! އާމިން!

 

-  މިއަދުނޫހުގެ ކިޔުންތެރިއެއް (އޭނާގެ އަމިއްލަ ޢިބާރާތުން)

 

 

މިއަދު އޮންލައިން