ސުވަރުގެ ލިބުން އެދޭމީހާ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ސުވަރުގެ ލިބުން އެދޭމީހާ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-: ޝައިޚް ޢަލީ ހައްމުދާ

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ ސުވަރުގެ ލިބުމެވެ. އެކަމަށް އެދިގެން އަޅުކަންކުރަމުން ދެން ކުރެވޭ ކަންކަމުގެ ސަބަބުން ސުވަރުގެ ނުލިބިދާނެ މީހުން ގިނައެވެ. ވީމާ ވިސްނައިލާށެވެ!  

އަންހެނުންގެ ތެރެއިން ރަސޫލް އެބައަކާއިމެދު އިންޒާރު ދެއްވަވާފައިވާ ބައަކު ވެއެވެ. މިޘާލަކަށް އެއް އަންހެނަކީ ވަރަށް ތަޤްވާވެރި، ސުންނަތް ރޯދަތައްވެސް ހިފައި ރޭއަޅުކަންވެސް ކުރާ އަދި ދީލަތިކަމާއިއެކު ޞަދަޤާތްވެސް ކުރާ އަންހެނެކެވެ. އެހެންނަމަވެސް އޭނާގެ ނުބައިކަމުން އަވަށްޓެރިޔާއަށް އުނދަގޫތައް ކުރިމަތިވާތީ ޙަދީޘްފުޅު ކުރެއްވެވީ އޭނާ ވަނީ ނަރަކައިގައި ކަމަށެވެ.  

ހަމަ އެފަދައިން ފަރުޟު 5 ނަމާދުކޮށް ކުޑަމިންވަރަކުން ޞަދަޤާތްކުރާ އެހެން ނަމަވެސް އެއްވެސް މީހަކަށް އުނދަގޫ ނުކުރާ، އެއްވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ބަހެއް ނުބުނާ އަންހެނަކާއިމެދު ޙަދީޘްފުޅު ކުރެއްވެވީ އޭނާ ވަނީ ސުވަރުގޭގައި ކަމެވެ.  

ވީމާ ވިސްނައިލާށެވެ!  

ކަނބަލުން ބުރުގާ އެޅުމާއި މޫނު ބުރުގާ އެޅުމަކީ ދީނުގެ ބައެކެވެ. އެހެންކަމުން އެކަންކަން ކުރަން ހިތްވަރުދޭންވާނެއެވެ. އަދި އެގޮތުގައި ތިބޭ ކަނބަލުންނަށް ޙައްޤު އިޙްތިރާމް އަދާކުރަންވާނެއެވެ. އެހެންކަމާއިއެކުވެސް ހަމައެކަނި ބޭރުފުށަށް ބަލައި އެއްވެސް މީހަކާއިމެދު ގޮތް ނުނިންމާށެވެ.  

އެބައިމީހުން ތިބޭނީ ކިޔަވައިގެންނެވެ. އިސް މަޤާމްތަކުގައެވެ. މުޖުތަމައުގެ ކަންކަމުގައި ބަސް ބުނާނެއެވެ. މުސްލިމް އަންހެނުން ފަދައިން ފޭރާންލައި ނިވާވެގެންވެސް ތިބެދާނެއެވެ. 

އެކަމަކު އެމީހުންގެ ކަމަކަށް އޮންނާނީ ނެތިމޮށުމާއި ފިތުނަ އުފެއްދުމެވެ. މީހުންގެ މުޅަމަސް ކެއުމެވެ. ދެމަފިރިންގެ ދޭތެރޭގައި ފިތުނަ އުފެއްދުވުމެވެ. އެގޮތުން ނުކުރާނެ ނުބައިކަމެއް، ނުދައްކާނެ ނުބައި ވާހަކައެއް ނުއޮންނާނެއެވެ. ދެމަފިރިން ވަރިވެ ދުރުވުމަށް ޙިތްވަރުދޭނެއެވެ.  

މީސްތަކުންނޭވެ! މިބުނެވުނީ އަންހެނުންގެ ވާހަކައެވެ. ހަމަ މިފަދައިން އުޅޭ ފިރިހެނުންވެސް އުޅެއެވެ. ބޭރުފުށުން އެމީހުންގެ ސިފަ ފެންނަ ގޮތާއި އެމީހުންގެ ޢަމަލުތައް ހުންނަ ގޮތް މުޅިން ތަފާތު އެތައް ބައިވަރު ބައަކު އުޅޭކަން އެންމެންނަށްވެސް އެނގޭނެއެވެ.  

ވީމާ އަހުރެންގެ ނަޞޭޙަތަކީ އެއްވެސް މީހެއްގެ ބޭރުފުށުން ފެންނަ ގޮތަށް ބަލައި އެމީހަކާއިމެދު ގޮތް ނުނިންމުމެވެ. ޢަމަލުތަކަށް ބަލައި ގޮތް ނިންމުމެވެ. ބޭރުފުށުން ރިވެތި ސިފަތައް ދައްކައި ޢަމަލުތަކުން ކުރި މިބުނި ފަދަ ކަންކަން ކުރާ މީހުން އެތިބެނީ ޝައިޠޯނުންނަށް ވެގެންނެވެ. އެފަދަ މީހަކު މަގަކުން ފެނުނު ނަމަވެސް އަނެއް މަގުން އަޅައިގެން ދުވެފިލާށެވެ.

 

- ޝައިޚް ޢަލީ ޙައްމުދާގެ ދަރުސަކުން

 

 

މިއަދު އޮންލައިން