އިސްމާޢީލްގެފާނުގެ ސިޔަރަތު- 9: ލިބިވަޑައިގެންނެވި ބޭފުޅުން

ކިޔުމަށް ހޭދަވާނީ 5މ 7ސ
އިސްމާޢީލްގެފާނުގެ ސިޔަރަތު- 9: ލިބިވަޑައިގެންނެވި ބޭފުޅުން

ޢަލީ އިޙްޞާން ފިރާޤް

 

ބޭފުޅުން:

إسماعيل عليه السّلام، ދެބޭކަނބަލުންނާ ކާވެނި ބައްލަވައިގެންނެވި ކަމުގައި ބުޚާރީގައި ރިވާވެގެންވާ ޙަދީޘުން ދޭހަވެއެވެ. އެ ޙަދީޘް ގެ ޢިބާރާތްތައް ކުރިން ލިޔެވި ހިނގައްޖެއެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ކާވެނިބެއްލެވީ ޢަމާލިޤުންގެ ތެރެއިން ހިމެނޭ ބޭކަނބަލަކާއެވެ. ނަންފުޅަކީ،عمارة بنت سعد އެވެ. إبراهيم عليه السّلام ގެ އެދިވަޑައިގެންނެވުމުގެ މަތިން އެކަމަނާ ވަރިކުރެއްވީއެވެ. ދެވަނައަށް ކާވެނި ބެއްލެވީ ޖުރުހުމް ވަންހައިގެ ބޭކަނބަލަކާއެވެ. އެކަމަނާއަކީ ޖުރުހުމްވަންހައިގެ ވެރިއެއްކަމުގައި ހިމެނޭ مضاض بن عمرو ގެ ދަރިކަނބަލެކެވެ. ނަންފުޅަކީ، السيدة بنت مضاض بن عمرو الجرهمي އެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 445}  

إسماعيل عليه السّلام، އަށް ބާރަ ދަރިކަލުން ލިބިވަޑައިގެންނެވި ކަމުގައި، ޢައްލާމާ އިބްނު ކަޘީރު ރަޙިމަހުއް، އެކަލޭގެފާނު ލިޔުއްވި އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. މުޙައްމަދު ބިން އިސްޙާޤު ރަޙިމަހުއް، އެބޭފުޅުންގެ ނަންފުޅުތައް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. نابت، قيذر، ازبل، ميشى، مسمع، ماش، ودوصا، ارر، يطور، نبش، طيما، އަދި قذيما، އެވެ. މިނަންފުޅުތަކަކީ، އަހުލު ކިތާބީން އެބައިމީހުންގެ ފޮތްތަކުގައި ބަޔާންކޮށްފައިވާ ނަންފުޅުތައް ކަމުގައި ޢައްލާމާ އިބްނު ކަޘީރު ރަޙިމަހުއް، ލިޔުއްވައިފައިވެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 445} 

واثلة بن الأسقع رضى الله عنه ގެ އަރިހުން އިމާމު ތިރުމިޛީ ރިވާ ކުރައްވައިފައިވެއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ.

"‏ إِنَّ اللَّهَ اصْطَفَى مِنْ وَلَدِ إِبْرَاهِيمَ إِسْمَاعِيلَ وَاصْطَفَى مِنْ وَلَدِ إِسْمَاعِيلَ بَنِي كِنَانَةَ وَاصْطَفَى مِنْ بَنِي كِنَانَةَ قُرَيْشًا وَاصْطَفَى مِنْ قُرَيْشٍ بَنِي هَاشِمٍ وَاصْطَفَانِي مِنْ بَنِي هَاشِمٍ" {جامع الترمذي/ كتاب المناقب عن رسول الله صلى الله عليه وسلم/ ޙަދީޘް ނަންބަރު 3964/ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ} 

މާނައީ: "إبراهيم عليه السّلام ގެ ދަރިފަސްކޮޅުގެ ތެރެއިން މާތް، إسماعيل عليه السّلام، ގެ ދަރިފަސްކޮޅު ހޮއްވަވައި ޚިޔާރުކުރެއްވިއެވެ. إسماعيل عليه السّلام، ގެ ދަރިފަސްކޮޅުގެ ތެރެއިން ބަނީ ކިނާނަތުގެ ދަރިފަސްކޮޅު ހޮއްވަވައި ޚިޔާރުކުރެއްވިއެވެ. ބަނީ ކިނާނަތުގެ ދަރިފަސްކޮޅުގެ ތެރެއިން ޤުރައިޝުވަންހަ ހޮއްވަވައި ޚިޔާރުކުރެއްވިއެވެ. ޤުރައިޝުވަންހައިގެ މީސްތަކުންގެ ތެރެއިން ބަނީ ހާސިމުވަންހައިގެ މީސްތަކުން ހޮއްވައި ޚިޔާރު ކުރެއްވިއެވެ. އަދި ބަނީ ހާޝިމުވަންހައިގެ މީސްތަކުންގެ ތެރެއިން ތިމަންކަލޭގެފާނު ހޮއްވަވައި ޚިޔާރު ކުރެއްވިއެވެ." 

އަވަހާރަވުން

ދީންވެރި، ތަޤްވާވެރި، ޞާލިޙު ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު، إسماعيل عليه السّلام، އަވަހާރަވީ މާތްވެގެންވާ މައްކާގައެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުން 137 އަހަރުފުޅެވެ. ފަސްދާނުވެޑުވިފައިވަނީ ޙިޖުރުގައެވެ. އެކަލޭގެފާނުގެ މާތް މަންމާފުޅު ހާޖަރުލް ޤިބްތިއްޔާގެ އަރިހުގައެވެ. މިވާހަކަ މިދެންނެވި ފަދައިން ޢައްލާމާ އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 446}

 

 

މިއަދު އޮންލައިން