ޤިޔާމަތް ދުވަހު އެމީހަކު ބޭނުން ފޭރާމެއް ލުމުގެ ފުރުޞަތު ދެއްވަވާނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޤިޔާމަތް ދުވަހު އެމީހަކު ބޭނުން ފޭރާމެއް ލުމުގެ ފުރުޞަތު ދެއްވަވާނެ މީހުން-

އެންމެ އަގުބޮޑު އެންމެ ރީތި ފޭރާން ނޫނީ ނުލެވިގެން ކަންބޮޑުވާ މީހުން ވިސްނާލަންވީ މި ޙަދީޘްފުޅަށެވެ. އަދި ތަނަވަސްކަން ލިބިގެންވާ މީހުންވެސް ވިސްނައިލާށެވެ. މިއީ ތަނަވަސްކަން ހުރިނަމަވެސް ދޫކޮށްލަން ހެޔޮވާނެ ފުރުޞަތެއް ނޫނެވެ.

ސަހުލް ބިން މުޢާޛް ބިން އަނަސް އަލްޖުހަނީ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާ ކުރައްވަވަތެވެ. ރަސޫލް ﷺ ޙަދީޘް ކުރެއްވެވިއެވެ. “ﷲ އަށް ތަވާޟުޢުވެރިކަމުން އަގުބޮޑެތި ފޭރާން ލެވެން އޮވެމެ އެނުލައި ދޫކޮށްލައިފި މީހާއަށް ޤިޔާމަތް ދުވަހު އެންމެހައި ޚަލްޤްތަކުންގެ ބޯތައްމަތިން ﷲ އެމީހަކަށް ގޮވާލައްވަވައި އީމާންކަމުގެ އަހުލުވެރިންނަށް ލިބިގެންވާ ފޭރާމުންކުރެ (އެމީހަކު ބޭނުން) ފޭރާމެއް ލުމުގެ އިޚްތިޔާރު ދެއްވަވާހުއްޓެވެ." ރަވާޙް ތިރްމިޛީ: ( 2481) އިމާމް އަޙްމަދު (15631) އަލްޙާކިމް: ( 7372)

މިއަދު ބައެއް މީހުން ދެކެނީ އެންމެ އަގުބޮޑު ފޭރާންލުމަކީ އެމީހާގެ އަގު އުފުލިގެންދާ ކަމެއްގެ ގޮތުގައެވެ. އެހެންކަމުން ހީވެސް ނުކުރެވޭހައި ބޮޑެތި ހޭދަތައް ފޭރާން ގަތުމަށް އެބަ ކުރެއެވެ. އެފަދަ މީހުން މިފަދަ ޙަދީޘްފުޅުތަކަށް އެންމެފަހަރަކުވެސް ވިސްނައިލުން ކީއްހެއްޔެވެ؟

ތަވާޟުޢުވެރިވުމަކީ ހިތްތިރިކުރުމެވެ. ވީމާ މިއީ އެމީހެއްގެ ކިބައިގައި ތަނަވަސްކަންހުރިނަމަވެސް ﷲ ތަޢާލާއަށްޓަކައި ހިތްތިރިކުރުމުގެ ގޮތުން އަގުބޮޑު ފޭރާން ނުލާ މީހުންނަށް ﷲ ތަޢާލާ ދެއްވަވާނެ މަތިވެރި ނިޢްމަތެވެ.

ރަސޫލް ﷺ އަށް ދުނިޔޭގައި ލިބިވަޑައިގެންނެވި މިފަދަ ހުރިހާ ފުރުޞަތުތަކެއް ވަނީ ދޫކޮށްލައްވަވައިފައެވެ. ތަވާޟޫޢުވެރިވެވަޑައިގެންފައެވެ. ވީމާ ސުންނަތުގައި އޮތީ އެގޮތެވެ!

--މަޢްލޫމާތު: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

މިއަދު އޮންލައިން