އެންމެ ފަޚުރުވެރި މައިންބަފައިންނަށް ވެވެން އޮތް ގޮތް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އެންމެ ފަޚުރުވެރި މައިންބަފައިންނަށް ވެވެން އޮތް ގޮތް-: މުފްތީ މެންކް

ދުނިޔޭގައި ކިތަންމެ ބޮޑު އުފާވެރިކަމަކާއި ހިތްހަމަޖެހުން ލިބިފައި އޮތްނަމަވެސް އެކަމުން ޙަޤީޤީ ފައިދާއެއް ކުރާނީ އެކަމުން ﷲ ތަޢާލާގެ ޙަޟްރަތުގައި ބުރަދަނެއް ހުރިނަމައެވެ. އެހެން ނޫންނަމަ ދުނިޔޭގައި އެންމެ އުފަލުގައި އުޅެ މަރުވާ އެންމެންނަށް ސުވަރުގެ ވަދެވޭނެ ނޫންހެއްޔެވެ؟ ނަމަވެސް އެއީ އެގޮތަށް ވާން އޮތް ކަމެއް ނޫނެވެ.

އެންމެ ފަޚުރުވެރި ޢާއިލާއަކީ ކޮބައިކަން މިއަދު ގިނަބއަކަށް ވަނީ އޮޅިފައެވެ. ނުވަތަ ނުވެސް އެނގެއެވެ. އެހެންކަމުން އަންގައިދެވޭތީ ބަހެއް ބުނެލާނަމެވެ.

ޢާއިލާގެ ޙަޤީޤީ ފަޚުރުވެރިކަން ބިނާވަނީ ޢާއިލާގެ ތަނަވަސްކަމާއި ލިބިފައިވާ ބާރާއި ދުނިޔަވީ ޢިއްޒަތުގެ މައްޗަކަށް ނޫނެވެ. ނަމަވެސް ގިނަ ބައަކަށް އެކަމެއް ނުވެސް އެނގެއެވެ. ގަދައަޅައި މަސައްކަތްކުރަނީ އެންމެ ތަނަވަސް އަދި ޢިއްޒަތެރި ޢާއިލާއަށްވުމަށެވެ.

"އަހަރެންގެ 6 ފިރިހެން ދަރިން އެބަތިއްބެވެ. ހުރިހާ ދަރިންވެސް އުޅެނީ އަހަރެންގެ އަމިއްލަ ވިޔަފާރީގެ މަސައްކަތުގައެވެ." މިއީ ބައެއް މީހުން ވަރަށް ފަޚުރުވެރިވެލާފައި ބުނާ ވާހަކައެކެވެ. އެހެންކަމުން ކަމުގެ ޙަޤީޤަތަށް ބަލައިލަމާހެއްޔެވެ؟

ތިމާގެ ދަރިން ތިމާގެ ވިޔަފާރީގައި ބައިވެރިވެގެން ވިޔަފާރި ކުރިއަރުވަން މަސައްކަތްކުރުމަކީ ދުނިޔަވީ ގޮތުން ބަލައިފިނަމަ ހަމަ ރަނގަޅުކަމެކެވެ. ނަމަވެސް 20 ދަރިން ތިބެފައި އެހުރިހާދަރިން އެކުގައި ތިމާގެ އަމިއްލަ ވިޔަފާރީގައި އުޅުނު ނަމަވެސް ޤިޔާމަތް ދުވަހުން އެކަމުން ތިމާއަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ފަޚުރުވެރި ބައްޕައަކީވެސް އަދި މަންމަ އަކީވެސް އެމީހެއްގެ ހުރިހާ ދަރިން ގޮވައިގެން ސުވަރުގެއަށް ވަންނަން މަސައްކަތްކުރާ މީހެކެވެ. އެންމެ ފަޚުވެރި ޢާއިލާއަކީ ޢާއިލާގެ އެންމެން އެކުގައި ސުވަރުގެ ވަދެވޭ ޢާއިލާއެވެ. ނަމަވެސް މައިންބަފައިންގެ ތެރެއިން މިކަމަށް ވިސްނަނީ ހަމަ ވަރަށް މަދު ބައެކެވެ. ގިނަ ބައަކު ބަލަނީ ޢާއިލާގެ ވިޔަފާރީގައި ވީހައި ގިނަ ދަރިން ބައިވެރިކޮށް ވިޔަފާރި ބޮޑުކޮށް ފުޅައުކޮށް އިތުރު މުއްސަނދިކަން ހޯދުމަށެވެ!

ތިމާގެ އަމިއްލަ އަނބިދަރިން ނަމަވެސް އެއްވެސް މީހަކު ސުވަރުގެ ވެއްދުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ސުވަރުގެ ވަދެވޭނީ އެމީހަކު އެކަމަށް އެދިގެން ގަދައަޅައި މަސައްކަތްކުރުމުންނެވެ. ވީމާ ޢާއިލާތައް އެކުގައި ތިބެގެން މަސައްކަތްކުރަންވީ ސުވަރުގެ ވެއްދެވުން އެދިގެންނެވެ. ކުރަންވީ މަސައްކަތަކީ ސުވަރުގެ ލިބިގަތުމަށް ކުރަން ޖެހޭ މަސައްކަތެވެ! ޙަޤީޤީ ކާމިޔާބު ޙާޞިލުކުރެވޭނީ އެއިރުންނެވެ.

ދުނިޔޭގައި ކިތަންމެ ފަޤީރު ޙާލުގައި އުޅެންޖެހުނު ނަމަވެސް ލިބިފައިހުރީ އެންމެ ދަރިއެއްނަމަވެސް އެދަރިފުޅު ގޮވައިގެން ސުވަރުގެވަދެވޭތޯ ދެމަފިރިންވެސް މަސައްކަތްކުރާށެވެ! އެކަމަށްވުރެ ބޮޑު އުފަލެއް އަދި ފަޚުރުވެރިކަމެއް ނުވެއެވެ.

  •  
  • މުފްތީ މެންކުގެ ދަރުސަކުން
މިއަދު އޮންލައިން