އަސްތަޣްފާރުކުރުމާއި ތަސްބީޙްކިޔުމާއި ކުރެން އިސްކަން ދޭންވީ ކޮން ކަމަކަށްތޯ؟ މިއީ ގިނަބައަކު ކުރާ ސުވާލެކެވެ. ޖަވާބުގައި ބުނަން އޮތީ ދެކަންތައްވެސް ކުރަންޖެހޭ ކަމަށެވެ. އެކަމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ މިޘާލެއް ބުނެލާނަމެވެ.
މިސާލަކަށް ތިބާގެ ހެދުންވަނީ ކިލާވެފައެވެ. އެއިގައި ނަޖިސްވެސް އެބަހުއްޓެވެ. އެހާލަތުގައި ތިބާ ފުރަތަމަކަމަކަށް ހެދުން ދޮވެލާނީ ހެއްޔެވެ؟ ނޫނީ ފުރަތަމަ ނަޖިސްތައް ފިލުވާލާފައި ދެން ހެދުން ދޮވެލާނީ ހެއްޔެވެ؟ އަހަރެންނަށް ޤަބޫލުކުރެވޭ ގޮތުން ފުރަތަމަ ނަޖިސްތައް ފިލުވައިލާނީއެވެ. ހެދުން ދޮންނާނީ އެއިގެ ފަހުންނެވެ.
އަސްތަޣްފާރުކުރުމާއި ތަސްބީޙް ކިޔުމަކީ ހަމަ މިފަދަ ކަމެކެވެ. އަސްތަޣްފާރުކުރުމަކީ ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުން އެދި ﷲ ތަޢާލާއަށް ދެންނެވުމެވެ. މީހާގެ ނަފުސް ޠޯހިރުވާނީ ފާފަތަކުން ސަލާމަތްވެހުރެވުމުންނެވެ. ތައުބާވުން ގިނަކުރިވަރަކުންނެވެ.
ހަމައެއާއިއެކު ޛިކުރުކޮށް ތަސްބީޙްކިޔަންޖެހެއެވެ. ކިޔަންވީ މަތިވެރިވެގެންވާ އެތައް ޛިކްރްތަކެއް ޙަދީޘްފުޅުތަކުން ފެންނަން އެބަހުއްޓެވެ. ބައެއް ތަސްބީޙް ނުވަތަ ޛިކުރްތަކުގެ ޙަދީޘް ކިޔައިލުމުން އެއީ ހަމަ އެންމެ މަތިވެރި ޛިކުރްކަން ހީވާނެއެވެ. މިފަދަ އެތައް ޛިކުރެއްވެއެވެ. އެއިގެ މާނައަކީ އެހުރިހާ ޛިކުރްތަކަކީވެސް ހަމަ އެންމެ މަތިވެރި ޛިކްރްތައް ކަމެވެ. ގިނަގިނައިން ކިޔަންވީއެވެ.
ކޮންމެ ދުވަހަކުވެސް މަދުވެގެން 100 ފަހަރު އަސްތަޣްފާރުކުރާށެވެ! އަދި ޛިކުރްތައް ވީހައި ގިނައިން ކިޔާށެވެ! ބަރަކާތުން ފުރިގެންވާ ރަމަޟާންމަސް ފެށިގެން ދުވަސްތައް ކުރިއަށްދަނީއެވެ. އެންމެ ވަގުތުކޮޅެއްވެސް ބާކާރުކޮށްނުލައި އާޚިރަތަށް ފައިދާކުރާނެ ގޮތުގަ ބޭނުން ހިފަން މަސައްކަތްކުރާށެވެ!
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން