އެންމެ ކާމިޔާބު ދަރިވަރަކަށްވުމަށްޓަކާ ސަމާލުކަންދޭންޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 15މ 14ސ
އެންމެ ކާމިޔާބު ދަރިވަރަކަށްވުމަށްޓަކާ ސަމާލުކަންދޭންޖެހޭ ކަންކަން-

ކޮލެޖުގައި އެކުގައި ކިޔަވާ ދަރިވަރުންގެ ތެރޭގައި ހުންނަނީ އެންމެ އެކުވެރިއެކެވެ. މިދެންނެވީ އަޅުގަނޑަކީ އެކުވެރިއެއްކަމަށް ބަލައިގެން އުޅޭ ހުންނަނީ އެންމެ އެކުވެރިއެއް ވާހަކައެވެ. އޭނާ ބުނަނީ ހަމައެކަނި ފިލާވަޅުތައް ދަސްކުރުމުން އެންމެ މަތިން ފާސްވާނެކަމަށެވެ. އެއީ ތެދެއްތޯއެވެ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެކުވެރިޔާގެ ވާހަކައިގެ މަޤްޞަދަށް ބަލައިފިނަމަ އެބުނާ ވާހަކައިގައި ތެދެއްވެސް އެބަ އޮތެވެ. އެއީ މަތިން ފާސްވުމަށްޓަކައި ފިލާވަޅުތައް ދަސްކުރަން ޖެހެއެވެ. ހަމައެއާއިއެކު ކުރަންޖެހޭ އިތުރު ކަންތައްތައްވެސް މަދެއް ނޫނެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

ޘާނަވީ މަރުޙަލާގައިވެސް އަދި މަތީ ޘާނަވީ މަރުޙަލާގައިވެސް އަދި ހުރިހާ މަރުޙަލާތަކެއްގައި ކިޔަވާ ދަރިވަރުންވެސް ތައުލީމީ ހަޔާތް ކާމިޔާބުކުރުމަށް ދީނީގޮތުންނާ ދުނިޔެވީގޮތުން ކަންތައްކުރާންވީ އެންމެރަނގަޅު ގޮތާއިމެދު ވިސްނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ އުފާކޮށް މަރުޙަބާކިޔާ ކަމެކެވެ.  އެވިސްނުމުގައި ކުރިއަށްދާން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އަދި ދުޢާވެސް ކުރާށެވެ. އިންޝާﷲ ކާމިޔާބުވާނެއެވެ. 

ތިރީގައި މިވާ ކަންތަކަށް ފަރުވާތެރިވާށެވެ. 

1. ކޮންމެ ކަމެއްވެސް ކުރަނީ ﷲ އަށް އިޚްލާޞްތެރި ކަމާއި އެކު، އެކަލާންގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބަށް އެދިގެން ކަމުގައި ހަދާށެވެ. އިޚްލާޞްތެރިކަމަކީ ކިޔަމަންތެރިވުމުގައި ﷲ ސުބްޙާނަހޫވަތަޢާލާ އެއްކައުވަންތަ ކުރުމެވެ. އަޅުކަންކުރުމުގައި ހަމައެކަނި ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބު އެދުމެވެ. މީސްތަކުންގެ ފަރާތުން ލިބިދާނެ ރީތިނަމަކަށްބެލުމެއްނެތި، ﷲ އަށް ޓަކައި ކޮންމެ ކަމެއްވެސް ކުރުމެވެ.ސޫރަތުއްޒުމަރު ގެ 11 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (قلْإنِّيأُمرتُأنْأعبُدَاللهَمُخلِصاًلهُالدينَ) 

މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ ﷲ އަށް އިޚްލާޞްތެރިކަމާއި އެކުގައި އަޅުކަން ކުރުމަށެވެ". ހަމަ އެސޫރަތުގެ 14 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ.

(قلاللهَأعبُدُمخلِصاًلهُديني) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ. އެކަލާނގެ ކިބައަށް އަހަރެންގެ ދީން ޚަލާޞްކޮށް އަހުރެން އަޅުކަން ކުރާނީ ހަމައެކަނި މާތް ﷲ އަށެވެ".ގިޔާމަތްދުވަހުން ﷲ އާއި ބައްދަލުކުރަން އެދޭ މީހާ އިޚްލާޞްތެރިކަމާއި އެކު ހެޔޮ ޢަމަލުކުރުމަށް އަންގަވައި ސޫރަތުލް ކަހްފުގެ 110 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فمَنْكَانَيَرْجُوْلِقَاءَرَبِّهِفَلْيَعْمَلْعَمَلاًصَالِحاًوَلَايُشْرِكْبعِبادَةِرَبِّهِأحداً) މާނައަކީ:" ތިޔަބައިމީހުންކުރެ ކޮންމެ މީހަކުނަމަވެސް ﷲ އާއި ބައްދަލުކުރުމަށް އުއްމީދުކުރަނީނަމަ، ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުންނަ ހުށިކަމެވެ. އަދި ﷲ އަށް އަޅުކަން ކުރުމުގައި އެހެންއެއްވެސް ފަރާތަކާ ޝަރީކު ނުކުރާ ހުށިކަމެވެ". 

ކުރާ ކޮންމެ ޢަމަލެއްގައި ﷲ އަށް އިޚްލާޞްތެރިވުމަށާއި، މީހެއްގެ ފަރާތުން ލިބިދާނެ ރީތިނަމަަކަށް ނުބެލުމަށް ކައުއިތުރު ނަބިއްޔާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ.އަދި ﷲ އަށް އިޚްލާޞްތެރިވުމެއް ނެތި ކުރާ ކޮންމެ ޢަމަލަކީ އެޢަމަލެއް ކުރި މީހަކަށް ރައްދުވެގެންވާ ކަމެއްކަންވެސްވަނީ ބަޔާންކޮށް ދެއްވާފައެވެ. ﷲ ބައްލަވާ ވޮޑިގެންވަނީ ޢަމަލުތަކުގެ ބޭރުފުށަށް ނުން ކަމަށާއި، މީހާގެ ހިތަށް ކަންވަނީ ބަޔާންކޮށް ދެއްވާފައެވެ. ސަބަބަކީ ޢަމަލުތައް ބިނާވެގެންވަނީ އޭނާގެ ނިޔަތަށް ކަމަށްވާތީވެއެވެ. އެކަން ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބައެއް ބަސްފުޅުތައް މިތަނުގައި ހިމަނާލާނަމެވެ.

عَنْمَحْمُوْدِبِنْلُبَيْدٍقَالَ: خَرَجَالنَّبِيُّصَلَّىاللهُعَلَيْهِوَسَلَّمَفَقَالَ: "يَاأَيُّهَاالنَّاسُإِيَّاكُمْوَشِرْكُالسَّرَائِرِ. قَالُوْا: يَارَسُوْلَاللهِوَمَاشِرْكُالسَّرَائِرِ ؟ قَالَ: يَقُوْمُالرَّجُلُفَيُصَلِّيْ، فَيُزَيِّنُصَلَاتَهُجَاهِداًلِمَايُرَىمِنْنَظَرِالنَّاسِإِلَيْهِ، فَذَلِكَشِرْكُالسَّرَائِرِ" 

މާނައަކީ: މާތް ﷲ ރުއްސުންލެއްވި މަޙްމޫދު ބިން ލުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މީސްްތަކުންގެ ތެރެއަށް ނިކުމެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ސިއްރު ޝިރްކުން ސަލާމަތްވެ ދުރުހެލިވާށެވެ"، ޞަޙާބީން ދެންނެވިއެވެ. "ސިއްރު ޝިރްކަކީ ކޮބައިތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "މީހަކު ގަދައަޅައި  ނަމާދު ކުރެއެވެ، ނަމަވެސް މީސްތަކުންނަށް ދެއްކުމަށް ޓަކައެވެ. އެއީ ސިއްރު ޝިރްކެވެ". 

وَعَنْأَبِيْسَعِيْدِبِنْأَبِيْفُضَالَةَرَضِيَاللهُعَنْهُ، وَكَانَمِنَالصَّحَابَةِقَالَ: سَمِعْتُرَسُوْلَاللهِصَلَّىاللهُعَلَيْهِوَسَلَّمَيَقُوْلُ: "إِذَاجَمَعَاللهُالْأَوَّلِيْنَوَالْآخِرِيْنَيَوْمَالْقِيَامَةِلِيَوْمٍلَّارَيْبَفِيْهِ، نَادَىمُنَادٍ: مَنْأَشْرَكَفِيْعَمَلِهِلِلَّهِأَحَداًفَلْيَطْلُبْثَوَابَهُمِنْعِنْدِهِ، فَإِنَّاللهَأَغْنَىالشُّرَكَاءِعَنِالشِّرْكِ) 

މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދު ބިން އަބީ ފުޟާލާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. "ގިޔާމަތް ދުވަހުން އެންމެހައި މީސްތަކުން މަޙްޝަރު ކުރެއްވުމަށްފަހުގައި ގޮވާ މީހަކު ގޮވާނެތެވެ. ﷲ އަށްޓަކައި ކުޅަ ޢަމަލެއްގައި އެހެން ފަރާތެއް ބައިވެރިކޮށްފައިވަނީ ނަމަ، އެކަމެއްގެ ޡަވާބު އެމީހެއްގެ ފަރާތުން އެދޭހުށި ކަމެވެ. ހަމަކަށަވަރުން ޝިރްކު ކުރާ މީހުންގެ ޝިރްކަކަށް ﷲ ބޭނުންފުޅުވޮޑިގެން ނުވެއެވެ". 

ވީމާ، ކުރާ ކޮންމެ ކަމެއްގައިވެސް އިޚްލާޞްތެރިވާށެވެ. 

2. ތިމާގެ މޮޅު ކަމަށް ޓަކައި ބޮޑާވެގަންނަ ކުއްޖަކު ކަމުގައި ނުވާށެވެ. ތިމާ އަށް ކުށެއް ކުރެވުނު ނަމަވެސް އެކަން ގަބޫލު ކުރާ ކުއްޖަކު ކަމުގައި ވާށެވެ. ކިބުރުވެރިކަން ނުވަތަ ބޮޑާކަމަކީ ތިމާ ފިޔަވައި އެހެން މީހުންގެ އެއްވެސްއަގެއް ނެތް ކަމަށް ބަލައިގަންނަ ދަރަޖަ އަށް ތިމާ އަށް ތިމާފެނިފައިވުމެވެ. އަދި ހައްގު ގޮތް ގަބޫލުކުރަން އިންކާރު ކުރުމެވެ.މިއީ ނުބައިވެގެންވާ ސިފައެކެވެ. އެ ސިފައިގެ ޒައްރެއްގެ މިންވަރު ވެސްއިންސާނާގެ ހިތު ތެރޭގައިވާ ނަމަ އެއީ އޭނާ ސުވަރުގެ އިން މަހުރޫމުވާނެކަމެކެވެ. 

3. ރިވެތި އަޚްލާގުގެ ވެރި ކުއްޖަކަށް ވުމަށް މަސައްކަތް ކުރާށެވެ. އަޑުގަދަކޮށް، ސަކަރާތް ޖަހާ އެހެން މީހުންނަށް އުނދަގޫވާފަދަ ކަންތައްތަކުން ދުރުހެލިވާށެވެ. ކައު އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، އެކަލޭގެފާނުން، މީސްތަކުންގެ ގާތަށްފޮނުއްވެވުމުގެ މަގްސަދު، ބަޔާން ބަޔާންކުރައްވައި، އެކަލޭގެފާނު އިސްލާމް ދީނަށް ގޮވާލެއްވުމުގެ މަގު ވަނީ، ދައްކަވާފަ އެވެ. އެ މަގަކީ، ރިވެތި އަޚުލާގުގެ މަގެވެ. އެކަންބަޔާންކުރައްވައި އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވި އެވެ. 

"ހަމަކަށަވަރުން ތިމަން ކަލޭގެފާނު މީސްތަކުންގެ ގާތަށް، ފޮނުއްވެވިގެންވަނީ،މަކާރިމުލް އަޚުލާޤު (ރިވެތި އަޚްލާގު) ފުރިހަމަ ކުރެއްވެވުމަށް ޓަކަ އެވެ." 

4. މީސްތަކުންނާއި ވާހަކަ ދެއްކުމުގައި މަޑުމައިތިރިވާށެވެ. ރިވެތި ބަހުން ވާހަކަ ދައްކަން ޢާދަ ކުރާށެވެ. ހަރުކަށި ބަސްތައް ބޭނުން ނުކުރާށެވެ. މުޢާޛް ބިން ޖަބަލު ރަޟިޔަﷲ ޢަންހު އަށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް އެކިވައްތަރުގެ ހެޔޮކަންތައްތައް ބުނެދެއްވުމުން މުޢާޛް ސުވާލުދެންނެވިއެވެ. ތިމަންކަލޭގެފާނަށް ސުވަރުގެއަށްވަދެވި ނަރަކައިން ދުރުހެލިވާނެ ކަމެއްދަސްކޮށްދެއްވާށެވެ. ޙަދީޘް ކުރެއްވިއެވެ. "ހުރިހާ ހެޔޮކަމެއްގެ މައިގަނޑު ބުނެދެއްވަން ހެއްޔެވެ". މުޢާޛް ދެންނެވިއެވެ. "އާދޭހެވެ"، އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ އެކަލޭގެފާނުގެ ދޫކޮޅުގައި ހިއްޕަވައި ޙަދީޘް ކުރެއްވިއެވެ. "މިއެތި ހިފަހައްޓާށެވެ"، އެހިނދު މުޢާޛް ދެންނެވިއެވެ. "އަހަރުމެން ދައްކާވާހަކައެއްގެ ސަބަބުން ފާފަލިބޭތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "މީސްތަކުން މޫނުވަތަށް ނަރަކައަށް ވައްޓައިލެވެނީ އެމީހުންގެ ދުލުން ބޭރުކުރި ބަސްތަކެއްގެ ސަބަބުން ނޫން ކޮން ކަމަކުން ހެއްޔެވެ؟!". ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ ) ރަވާހުލް ބުޚާރީ. މާނައަކީ: "ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ހެޔޮބަހެއް ބުނާ ހުށިކަމެވެ. ނޫންނަމަ ހިމޭނުން ހުންނާށެވެ." 

5. ގުރްއާން ކިޔެވުމަށް ޚާއްޞަ ސަމާލު ކަމެއް ދޭށެވެ. ޚާއްޞަ ގޮތެއްގައި ގުރްއާން ހިތުދަސް ކުރުމަށް އަހައްމިއްޔަތުކަން ދޭށެވެ. ގިނަގިނައިން ގުރްއާން ކިޔަވާ ހެދުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. އެފަދަ މީހުންނަށް ޘަނާގެ ބަސް ވަޙީ ކުރައްވާ ސޫރަތު އާލުޢިމްރާންގެ 113 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَتْلُونَ آيَاتِ اللَّـهِ آنَاءَ اللَّيْلِ وَهُمْ يَسْجُدُونَ) މާނައަކީ:    "އެއުރެން ރޭގަނޑުގެ ވަގުތުތަކުގައި سجدةކޮށް ނަމާދުކުރާ حال، اللَّهބާވައިލެއްވި آيةތައް ކިޔަވަތެވެ."  

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ ، وَالْحَسَنَةُ بِعَشْرِ أَمْثَالِهَا ، لَا أَقُولُ الم حَرْفٌ ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ) ރަވާހުއްދާރިމީ. މާނައަކީ: "ﷲގެ ފޮތުން އެންމެ އަކުރެއްވެސް ކިޔަވައިފި މީހަކަށް ހެޔޮކަމެއް ވެއެވެ. ކޮންމެ ހެޔޮކަމެއް ދިހަ ގުނައަށް އިތުރު ކުރައްވައެވެ. (الم) މިއީ އެންމެ އަކުރެއް ނޫނެވެ. އެހެންނަމަވެސް، އަލިފަކީވެސް އަކުރެކެވެ. ލާމަކީވެސް އަކުރެކެވެ. މީމަކީވެސް އަކުރެކެވެ." 

6. ގުރްއާނުގެ އިތުރުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ހިތުދަސް ކުރެވޭތޯ ބަލާށެވެ. އަދި ޢިބްރަތްތެރި ވާހަކަތައް ހޯދައިގެން އެވާހަކަތައް ކިޔާ އެއިން ޢިބްރަތް ޙާޞިލް ކުރުމަށް މަސައްކަތް ކުރާށެވެ.

7. ރަގަޅު ހެޔޮލަފާ ޞާލިޙް އެކުވެރިން އިޚްތިޔާރު ކުރާށެވެ. ހައްގުގޮތުގައި ދެމިހުރެ، ސީދާވެގެންވާ ތެދުމަގަށްއިންސާނާ ގެންގޮސް ދިނުމުގައި އެންމެ ބޮޑު އެހީތެރިޔަކަށްވަނީ ހެޔޮލަފާޞާލިޙް އެކުވެރިންނެވެ. އަދި ނުބައި ނުލަފާ މީހުންނާ ދުރުހެލިވުމެވެ. ސަބަބަކީ އިންސާނާއަކީ އޭނާއާއި އެންމެ އެކުގައި އުޅޭ މީހެއްގެ ގޮތްކޮޕީކުރާ މީހެކެވެ. ވީމާ، މީހެއްގެ ގޮތް ބަލަންވެއްޖެނަމަ ފުރަތަމަވެސްޖެހެނީ އޭނާގެ އެންމެ އެކުވެރިންނަކީ ކޮންކަހަލަ ބަޔެއްތޯ ބަލާށެވެ. ރަސޫލާصلى الله عليه وسلمޙަދީޘް ކުރައްވާފައިވެއެވެ. (الْمَرْءُ عَلَى دِينِ خَلِيلِهِ ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلْ) މާނައަކީ: "މީހާވާކަން ކަށަވަރީ އޭނާގެ އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ވީމާ، އެމީހަކާއެންމެ އެކު އުޅޭ މީހެއްގެ ގޮތް ބަލާށެވެ." ރަވާހުލް އިމާމުއްތިރްމިޛީ-ރަޙިމަހުﷲ  

8. ރަގަޅު މުރައްބީ އަކު ނުވަތަ ޓީޗަރަކު އިޚްތިޔާރު ކުރާށެވެ. އަދި އެޓީޗަރެއްގެ ފަރާތުން ގިނަގުނަ ފައިދާ ހޯދޭތޯ ގަދައަޅާ މަސައްކަތް ކުރާށެވެ. އަދި އެއްޗެއް ނޭގިއްޖެނަމަ އަދަބުވެރި ކަމާއި އެކު އަހާ ސުވާލު ކޮށްގެން އޮޅުން ފިލުވާށެވެ. ނޭނގުމުން އަހަން ލަދުން ނުހުންނާށެވެ. 

9. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ޞަޙާބީންގެ ސީރަތު ދިރާސާ ކުރާށެވެ. އަދި އެއިން ގިނަގުނަ ފައިދާތައް ހޯދާށެވެ.  

10. އެކުވެރިން ކުދިންނަށް ނަމޫނާ އަކަށް ވާށެވެ. ތިމާ އަށް އެނގޭ އެއްޗެއް އެހެން ކުދިންނަށް ބުނެދިނުމަށް ފަސް ނުޖެހޭށެވެ. ތިމަންނާ އަށް ވުރެ އެހެން ކުއްޖަކު މޮޅުވެދާނެތީ، ޢިލްމު ފޮރުވަން ނޫޅޭށެވެ. 

11. މި ހުރިހާ ކަމަކާއި އެކު ދުނިޔެ އާއި އާޚިރަތުގައި ބާއްޖެވެރިކަން ދެއްވުން އެދި ގިނަގިނައިން ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރާށެވެ. ދުޢާ އަކީ މުސްލިމުންގެ ހަތިޔާރެވެ. ހަމަކަށަވަރުން ﷲ އީ އެކަލާންގެ އަޅުންގެ ދުޢާ އައްސަވާ އިޖާބަކުރައްވާ އިލާހެވެ. والله أعلم..

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން