މަސްޖިދުއްނަބަވީގެ އިމާމް ދެއްވި ދަރުސުން-: މީހުންނަށް ހުތުރު އެއްޗެތި ގޮވުމާ ދުރުހެލިވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 48ސ
މަސްޖިދުއްނަބަވީގެ އިމާމް ދެއްވި ދަރުސުން-: މީހުންނަށް ހުތުރު އެއްޗެތި ގޮވުމާ ދުރުހެލިވުން

ދޫ ރައްކާތެރިކުރުމުގެ އިތުރުން މީހުންނާ ދިމާލަށް މައިބަފައި ގޮވުމާއި އެ މީހުން ފަޟީޙަތްވާނޭ ފަދަ ގޮތްގޮތަށް ވާހަކަ ދެއްކުމާއި އެފަދަ ވާހަކަތައް ލިޔެ އުޅުމަކީ އިސްލާމް ދީނުގައި ހުއްދަކަމެއް ނޫނެވެ. އެއީ ރިވެތި ސިފައެއް ނޫނެވެ. އެއީ މުއުމިނުން ކުރާން ހެޔޮވާނެ ކަމެއް ނޫނެވެ. މުއުމިނުންގެ ބައެއް ސިފަތައް ބަޔާންކުރައްވައި ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.  

(لَيْسَ الْمُؤْمِنُ بِالطَّعَّانِ، وَلَا اللَّعَّانِ، وَلَا الْفَاحِشِ، وَلَا الْبَذِيءِ). [1]

މާނައީ:"މުއުމިނާއަކީ މީހުންގެ ކުށުގައި ހިފައިއުޅޭ މީހެއް ނޫނެވެ. އޭނަ އަކީ މީހުންނަށް ލަޢުނަތްދީއުޅޭ މީހެއް ނޫނެވެ. އަދި މުއުމިނާ އަކީ ފާޙިޝު ހުތުރު ބަހުން ވާހަކަދައްކައި އުޅޭ ލަދުކުޑަ ގޮތްކުޑަ މީހެއް ނޫނެވެ." ޝައިޠާނާގެ ކެހިވެރިކަމުގެ މަޅިގައި ނުޖެހުމަށް ޓަކައި މުސްލިމުން އެ މީޙންގެ ބަސްމަގު ރީތިކޮށް ރީތިބަހުން ވާހަކަ ދައްކާން ޖެހޭނެއެވެ. އަލްއިސްރާ ސޫރަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. 

﴿وَقُل لِّعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ ۚ إِنَّ الشَّيْطَانَ يَنزَغُ بَيْنَهُمْ ۚ إِنَّ الشَّيْطَانَ كَانَ لِلْإِنسَانِ عَدُوًّا مُّبِينًا﴾[2]

މާނައީ: "އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، شيطان އާ، އެއުރެންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން، شيطان އާއީ، އިންސާނާއަށް ފާޅުވެގެންހުރި عداوة ތެރިޔަކު ކަމުގައިވިއެވެ.

މިފަދަ ކަމެއް މީހަކާ ކުރިމަތިވެއްޖެ ޙާލަތެއްގައި މުޢަމަލާތުކުރާންވީ ރީތި ގޮތް ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. 

(وَإنِ امْرؤٌ شتَمَكَ وَعَيَّركَ بِأَمْرٍ لَيْسِ هُوَ فِيكَ، فَلَا تُعيِّرْهُ بِأَمْرٍ هُوَ فِيهِ، وَدَعْهُ يَكُونُ وَبَالُهُ عَلَيْهِ)[3]

މާނައީ:"މީހަކު ތިބާގެ ކިބައިގައި ނުވެސް ނެތް ކަމަކާ އަޅުވައި އެއްޗެހި ގޮވައި ބަދުބަސް ރައްދުކުރި ކަމުގައި ވިޔަސް ތިބާ އޭނާގެ ކިބައިގައި ހުރި ކަމަކާ މެދުގައި ވެސް އެއްޗެއް ނުބުނެ ދޫކޮށްލާށެވެ. އޭނާ ބުނި ބަހެއްގެ ނުބައި ނަތީޖާއާ އޭނާ ކުރިމަތިލާނެއެވެ."  

 

- މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙު އަލްބުދައިރު

- އިސްލާމީ މަރުކަޒުގައި ދެއްވި ތަޤްރީރުގެ އުސްއަލިތަކުން 



 

 

 

މިއަދު އޮންލައިން