މަސްޖިދުއްނަބަވީގެ އިމާމް ދެއްވި ދަރުސުން-: އޯގާވެރިކަމަށް ހިތްވަރުދިނުމާއި ބާރުއެޅުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 13ސ
މަސްޖިދުއްނަބަވީގެ އިމާމް ދެއްވި ދަރުސުން-: އޯގާވެރިކަމަށް ހިތްވަރުދިނުމާއި ބާރުއެޅުން

އޯގާވެރިކަމަކީ މަތިވެރި ސިފައެކެވެ. ބުއްދިވެރި މާތް އިންސާނުންގެ ސިފައެކެވެ. އެއީ ކާމިޔާބީގެ އެއްބައެވެ. މީހެއްގެ ކިބައިގައި އެ ސިފަ ހުރުމާއި ނުހުރުމުގެ ތަފާތު އަންގަވައިދެއްވައި، ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.

(مَن أُعْطيَ حظَّهُ مِنَ الرِّفْقِ فَقَدْ أُعْطيَ حَظَّهُ مِنَ الْـخَيْرِ، وَمَنْ حُرِمَ حَظَّهُ مِنَ الرِّفْقِ فَقَدْ حُرِمَ حَظَّهُ مِنَ الْـخَيْرِ) [1]

މާނައީ:"މީހަކަށް އޯގާވެރިކަމުގެ މާތް ސިފަ ލިބުމަކީ، ހެޔޮކަމުގެ ތެރެއިން އޭނާއަށް ފުދޭވަރުގެ ބައެއް އޭނާއަށް ލިބުމެވެ. އަދި މީހަކު އޯގާވެރިކަމުގެ ސިފައިން މަހްރޫމުވުމަކީ އޭނާއަށް ބޭނުންވާ ހެޔޮކަމުން އޭނާ މަހްރޫމުވުމެވެ." އޯގާވެރިކަމާ ބެހޭ ގޮތުން އެހެން ޙަދީޘްފުޅެއްގައި އައިސްފައި ވަނީ މިފަދައިންނެވެ. ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.  

(إِنَّ الرِّفْقَ لَا يَكُونُ فِي شَيْءٍ إِلَّا زَانَهُ وَلَا يُنْزَعُ مِنْ شَيْءٍ إِلَّا شَانَهُ) [2]

މާނައީ:"އެއްވެސް ކަމެއްގައި އޯގާވެރިކަން ހިމެނިއްޖެ ނަމަ އެ ކަމެއް ޒީނަތްތެރި ނުވެ ނުދާހުއްޓެވެ. އަދި އެއްވެސް ކަމަކުން އޯގާވެރިކަން ފިލައިދިއުމަކީ އެ ކަމެއް ހުތުރުނުވެ ނުދާނޭ ކަމަކެވެ." އަދި އޯގާވެރިކަމުގެ މާތްކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.  

(إنَّ اللهَ رَفِيقٌ يُـحِبُّ الرِّفْقَ فِي الْأَمْرِ كُلِّهِ). [3]

މާނައީ:"ﷲ ތަޢާލާއީ އޯގާވެރި ކަލެކެވެ. ހުރިހައި ކަމެއްގައި ވެސް އޯގާވެރިކަމަށް އެ ކަލާނގެ ލޯބިވެވޮޑިގެން ވެއެވެ." އޯގާވެރިކަމުގެ މާތްކަމާ ބެހޭގޮތުން ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.  

(إذَا أَرادَ اللهُ بِأَهْلِ بَيْتٍ خَيْرًا أَدْخَلَ عَلَيْهِمُ الرِّفْقَ). [4]

މާނައީ:"ގެއެއްގެ އަހުލުވެރީންނާ މެދު މާތް ﷲ ހެޔޮގޮތެއް މެދުވެރިކުރައްވާން އިރާދަކުރައްވައިފި ނަމަ އެ މީހުންގެ ތެރެއަށް އޯގާވެރިކަން ވައްދަވައިފާހުއްޓެވެ." ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ގެ ޒަމާނުގައި ހިނގި ޙާދިޘާއަކާ ގުޅިގެން ރިވާވެފައިވާ ޙަދީޘެއްގައި، އެ ކަލޭގެފާނު މީހަކާ މެދު ޢަމަލުކުރެއްވި އޯގާވެރި މުޢާމަލާ ހާމަވެއެވެ. އެ ޙަދިޘާއާ ބެހޭ ގޮތުން ޙަދީޘުގެ ރަވީ ވިދާލުވެފައި ވަނީ:  

(بَالَ أعرَابيٌّ فِي الْـمَسجِدِ، فَقَامَ النَّاسُ إلَيْه لِيَقَعُوا فِيهِ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((دَعُوهُ وَأريقُوا عَلَى بَوْلِهِ سَجْلًا مِن مَاءٍ، أَو ذَنُوبًا مِن مَاءٍ، فإنَّـمَا بُعثتُم مُيَسِّرِينَ، وَلَـم تُبعَثُوا مُعَسِّرينَ)) [5]

މާނައީ:"އައުރާބީ އަކު (އެބަހީ: މިސްކިތުގެ އަދަބުތަކާއި ޙުރުމަތް ރަނގަޅަށް ނުދަންނަ އާދައިގެ މުސްލިމަކު) މަސްޖިދުއްނަބަވީގެ ތެރެއަށް ކުޑަކާމުދިޔައެވެ. ދެން މީސްތަކުން އޭނާއާ ދިމާކޮށްލާން އުޅުނެވެ. ދެން ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. (ތިޔަބައިމީހުން އޭނާ ދޫކޮށްލާށެވެ! އަދި އޭނާ ކުދަކަމުދިޔަ ތަނަށް ފެން ބާލިދީއެއް އޮއްސައިލާށެވެ. ތިޔަބައިމީހުން (އިސްލާމްދީނާއިގެން) ފޮނުވިފައި ވަނީ ލުއިފަސޭހަކޮށް ކަންތައް ކުރާ ބައެއްގެ ގޮތުގައެވެ. އުނދަގޫކޮށް ކަންތައްކުރާ ބައެއްގެ ގޮތުގައެއް ނޫނެވެ.) ދެން އެނާ ގެންނަވައި ނުހަނު އޯގާވެރިކަމާއެކު ޙަދީޘްކުރެއްވިއެވެ. 

إِنَّ هَذِهِ الْـمَسَاجِدَ لَا تَصْلُحُ لِشَيْءٍ مِنْ هَذَا الْبَوْلِ ولَا الْقَذَرِ، إِنَّـمَا هِيَ لِذِكْر الله عَزَّ وَجَلَّ، وَالصَّلَاةِ، وَقِرَاءَةِ الْقُرْآنِ)

"މިސްކިތްތަކަކީ ކުޑަކަމުދާ ތަކެތި ނުވަތަ އެ ނޫންވެސް އެ ފަދަ ޖަނިސް ތަކެއްޗަށް މުނާސިބު ތަނެއް ނޫނެވެ. މިއީ މާތް ﷲ ހަނދުމަކޮށް، ނަމާދުކޮށް ޤުރްއަން ކިޔަވާން ތިބޭން ބިނާކޮށްފައި ހުންނަ ތަންތަނެވެ."

 

- މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙު އަލްބުދައިރު

- އިސްލާމީ މަރުކަޒުގައި ދެއްވި ތަޤްރީރުގެ އުސްއަލިތަކުން 



 

 

 

 

 

މިއަދު އޮންލައިން