ގިނަ މީހުންނަށް ޖެހޭ މައްސަލައަކީ ޑިޕްރެޝަން ނުޖެހެނީސް ޖެހިއްޖެކަމަށް ޤަބޫލުކުރެވުން! ސަލާމަތްވާން ނިކަން މިގޮތަށް ޢަމަލުކޮށްބަލަ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ގިނަ މީހުންނަށް ޖެހޭ މައްސަލައަކީ ޑިޕްރެޝަން ނުޖެހެނީސް ޖެހިއްޖެކަމަށް ޤަބޫލުކުރެވުން! ސަލާމަތްވާން ނިކަން މިގޮތަށް ޢަމަލުކޮށްބަލަ!: ބިލާލް އައްސަދު

ޑިޕްރެޝަންގެ ޢަލާމާތްތައް ވަރަށް ގިނަވާނެއެވެ. އެއިގެ ތެރެއިންވެސް ޚާއްޞަ 9 ކަމެއް ވެއެވެ. އެއިގެ ތެރެއިން، 2، 3 ޢަލާމާތް ފެނުނަސް އެއީ އަދި ޑިޕްރެޝަން ބަލި ޖެހުނީއެއް ނޫނެވެ. 9 ޢަލާމާތުގެ ތެރެއިން 7 ޢަލާމާތްވަރު ނުފެންނަނަމަ އެމީހަކަށް ޑިޕްރެޝަން ޖެހިފައިވާ ކަމަކަށް ނުބެލެވޭނެއެވެ.  

އެހެން ނަމަވެސް ގިނަ މީހުންނަށްވާގޮތަކީ މޫޑް ގޯސްވެލުން، ބައެއް ވަޤުތުތަކުގައި ފޫހިވެ ކަންނަތްވެލުން ފަދަ ކަންކަން ކުރިމަތިވިނަމަވެސް ތިމާއަށް މިހެރެވެނީ އެބަލި ޖެހިފައިކަމަށް ޤަބޫލުކުރެވެނީއެވެ. އެކަން އެގޮތަށް ޤަބޫލުކުރެވެން ފެށުމުން އެމީހަކަށް ދެވޭނީ ޑިޕްރެޝަން ބައްޔާއި ދިމާއަށް ދަތުރުކުރެވެމުންނެވެ. ދުވަސްކޮޅެއްވާއިރު ހުންނާނީ ބަލީގެ މީހަކަށް ވެވިފައެވެ.  

މިބުނި ގޮތަށް ތިމާއަށް ޑިޕްރެޝަން ޖެހިފައިވާ ކަމަށް އެހާފަސޭހައިން ޤަބޫލުކުރެވެން ފަށާ މައިގަނޑު ސަބަބުވެސް ބުނެލާނަމެވެ. މިޘާލަކަށް އެމީހަކަށް ހުންނަން ޖެހެނީ ކޮންމެވެސް ކަމެއް ކުރިމަތިވެ ހިތްހަމަނުޖެހިފައެވެ. ޙަޤީޤަތުގައި އެއީ މާބޮޑު ކަމެއް ކަމަކަށްވެސް ނުވެދާނެއެވެ. ނަމަވެސް އެކަމާ ވިސްނަމުން ދަނިކޮށް މާބޮޑު ކަމެއް މެދުވެރިނުވެ ޠަބީޢަތަށް ބަދަލު އައިސް ތިމާއަށް ޑިޕްރެޝަން ޖެހިފައިވާކަމަށް ޤަބޫލުކުރެވެނީއެވެ. އެގޮތަށް ވިސްނި މާޔޫސްވެވެނީއެވެ.  

މިކަމަށް އޮތް ޙަލެއްވެސް ބުނެލާނަމެވެ. އެއީ ކަމެއް ކުރިމަތިވިނަމަވެސް އެކަމުގެ ސަބަބުން ތިމާގެ ހިތްވަރު އެލުވައިނުލާނެ ކަމަށް ޢަޒުމްކަނޑައަޅައިގެން ހުރުމެވެ. އެޢަޒުމްގައި ހުންނަން އެންމެ ފަސޭހަވާނީ ތިމައާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން ބަދަހިކުރި ވަރަކުންނެވެ. ތިމާއަށް ﷲ ތަޢާލާ ހިތްވަރާއި ޘާބިތުކަން ދެއްވަވާނެ ކަމަށް ޔަޤީންކޮށްގެން ހުރުމެވެ. އެއިރުން ޑިޕްރެޝަނަށް އެމީހެއްގެ މައްޗަށް ގަދަވެގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން