ގިނަ ބައަކަށް އެންމެ ބޮޑަށް އަސަރުކުރާ ކަމަކީ ގިނަދުވަސްތަކެއް ވަންދެން އެކުގައި އުޅޭ އެކުވެރިން ނުވަތަ ޢާއިލާގެ މީހުން އެމީހަކާއި ރުޅިވުމެވެ. ޚާއްޞަކޮށް ރުޅިވުމަށްފަހު އެމީހާގެ ސިއްރުތައް ބޭޒާރުކުރުމެވެ.
ބުނަންހެއްޔެވެ؟ މިއީ ހުއްޓުވޭނެ ކަމެއް ނޫނެވެ. އަދި ޙައްލުކުރެވޭނެ ކަމެއްވެސް ނޫނެވެ. އެއީ އެއަސްވުރެ މާގިނަ ބައަކު ޢަމަލުކުރާ ގޮތް ކަމަށްވާތީއެވެ. ވީމާ މިކަމަށް ޙައްލު ހޯދުމަކީ އެމީހެއްގެ އަތްމަތީގައި އޮތްކަމެކެވެ.
ޙައްލަކީ ދުވަހަކުވެސް ބޭޒާރުވެއްޖެނަމަ ތިމާއަށް ދެރައެއް ލިބިދާނެ ނުވަތަ ހިތާމަކުރަންޖެހޭނެ އެއްވެސް ވާހަކައެއް ހަމަ އެއްވެސް މީހެއްގެ ގާތުގައި ނުދެއްކުމެވެ. ޚާއްޞަކޮށް ބައިވެރިޔާގެ އުނިސިފަތައް ފަދަ ވާހަކަތައް ހާމަނުކުރުމެވެ.
ސަބަބުވެސް ބުނާނަމެވެ. ތިމާގެ ކުށެއް ނުވަތަ އުނިސިފައެއް ހާމަވިޔަސް ކެތްތެރިވެވިދާނެއެވެ. އެކަން ކަމަކަށް ނުހަދައި އުޅެވިދާނެއެވެ. ނަމަވެސް ބައިވެރިޔާގެ އެފަދަ ކަމެއް ބޭޒާރުވެއްޖެނަމަ އެކަމުގެ ޝަކުވާއަކީ ކޮށް ނިމޭނެ ޝަކުވާއެއް ނޫނެވެ. ގިނަ ފަހަރު ޢުމުރަށް އެކަން ބޮޑު މައްސަލައެއްގެ ގޮތުގައި ދެމިއޮންނާތީއެވެ.
މިވާހަކަ މިގޮތަށް ވިދާޅުވީ ވަރަށް ބޮޑު ޢިލްމްވެރިއެކެވެ. އޭނާ ވިދާޅުވީ އޭނާގެ 12 އަހަރުވީ ވަރަށް ގާތް އެކުވެރިއަކު ވަރަށް ކުޑަކުޑަ ކަމަކާއި ހުރެ ހިތްހަމަނުޖެހުމުން ކުރި ކަންކަމުގެ ހަނދާންތައް އެތައް އަހަރަކަށް ދެމިގެން ދިއަ ކަމަށެވެ. އެފެންވަރުގެ ބޭކަލުންނަށް އެގޮތް މެދުވެރިވާއިރު އަހުރެމެންގެ ޙާލަކީ ކޮބައި ހެއްޔެވެ؟
ވީމާ އެކުވެރިންނާއި ކިތަންމެ ގާތް ގުޅުމެއް ބޭއްވިނަމަވެސް ވާހަކަތައް އިމުން ބޭރުނުކުރާށެވެ. ޚާއްޞަކޮށް ޙަޔާތުގެ ބައިވެރިޔާއަށް އެނގިއްޖެނަމަ އޭނާ ދެރަވާނެ އެއްވެސް ވާހަކައެއް ހަމައެކެއްގެ ގާތުގައިވެސް ނުދައްކާށެވެ! ދެއްކޭނަމަ ފަހުން ހިތާމަކުރަންޖެހުމަކީ ވަރަށް ގާތުގައި އޮތްކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން