ދެރައެއް ލިބުނަސް ކަންބޮޑުނުވެ އުފަލުގަ ހުރެވޭނެ މަގު-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ދެރައެއް ލިބުނަސް ކަންބޮޑުނުވެ އުފަލުގަ ހުރެވޭނެ މަގު-

ބައެއް ފަހަރު ލިބިފައި ހުންނަ އެންމެ ދަރިފުޅުވެސް މަރުވެ އެކަނިވެރިވެދާނެއެވެ. އަނެއްބައިފަހަރު ގިނަ ދަރިންތަކެއް ލިބިފައިވަނިކޮށް އެތަނުން އެއް ދަރިފުޅު މަރުވެދާނެއެވެ. އެހެނެއް ކަމަކު ހުރި އެންމެ ދަރިފުޅު މަރުވުމުން ހިތާމަ ނުކުރާ ވަރަށް އެބަ ހިތާމަކުރެއެވެ.

ހަމައެއާއިއެކު ދެމަފިރިން އެކުގައި ދިރިއުޅެމުން ގޮސް ޢުމުރުން 50 އަހަރުން މައްޗަށްދާފަހުން ކައިވެނި ރޫޅުމުން ހިތާމަ ނުކުރާ ވަރަށް ޒުވާން ޢުމުރުގައި ކައިވެނި ރޫޅުމުން އެބަ ހިތާމަ ކުރެއެވެ. މިހުރީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަންކަމެވެ.

ދިރިއުޅުމުގައި އެއްވެސް މިންވަރަކަށް ހިތްދަތިކަން ކުރިމަތިނުވާނެ އެކަކުވެސް ނުހުންނާނެއެވެ. އެކި މީހުންނަށް މެދުވެރިވާނީ އެކިވަރުގެ ކަންކަމެވެ. އަދި މެދުވެރިވާނީ ތަފާތު ޢުމުރުގައެވެ. ވީމާ ކޮންމެ ޙާލަތެއް ކުރިމަތިވި ނަމަވެސް އެކަމުގެ ސަބަބުން މީހާ ސަލާމަތްވެ ހުރެވޭނެ ގޮތަކަށް ޢަމަލުކުރަން ވިސްނަންވާނެއެވެ.

އެއްފައި ބިނދުނީއެވެ؟ 2 ފައި ބިނދުނުނަމަ ޙާލަތަކީ ކޮބައިހެއްޔެވެ؟ދަރިއަކު މަރުވީއެވެ؟ ތިބި 2 ދަރިން އެއްފަހަރާ މަރުވިނަމަ ޙާލަތަކީ ކޮބައިހެއްޔެވެ؟ އެކްސިޑެންޓްވެ ކާރުހަލާކުވީއެވެ. ތިބާގެ ގައިގައި ކޫރުމެއްވެސް ނުއެޅެއެވެ. ހަމަ އެފަދަ އެކްސިޑެންޓްވެފައި ޗިސްޗިސްވަނީ ކިތައް މީހުންހެއްޔެވެ؟

ކައިވެނި ރޫޅުނީއެވެ! އެކަނުވެރިވީއެވެ! 2 ވަނަ ބައިވެރިއަކު ހޯދައިގެން ކައިވެނިކުރުމުގެ ކުޅަދާނަކަން ދެއްވަވާފައިނުވަނީހެއްޔެވެ؟ ބައްޔެއް ނުވަތަ އެނޫންވެސް ސަބަބެއް ކުރިމަތިވެގެން ދެވަނަ ކައިވެނި ކުރެވެން ނެތީ ކިތައް މީހުންނަށް ހެއްޔެވެ؟

މީސްތަކުންނޭވެ! ދެރަވެ ހިތާމަކުރަންޖެހޭ ޙާލަތުތަކުގައި މިނޫން ގޮތަކަށް ވިސްނާ މީހަކަށް ދުވަހަކުވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ! ކަންބޮޑުވެވެނީ ކުރިމަތިވާ ކަމަކުން އެވަޤުތު ލިބޭ ވަޤުތީ ގެއްލުމާއިމެދު ވިސްނޭތީއެވެ. ﷲ ތައާލާ ލައްވަވާ ރަޙްމަތްތަކާއިމެދު މިބަޔާންކުރި މޭރުމުން ވިސްނާ މީހަކަށް ނޫނީ ﷲ ތައާލާ ލައްވަވާ ރަޙްމަތްފުޅުތައް ދެނެގަނެ ޝުކުރުވެރިއެއް ނުވެވޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން