މިމަގުން ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ގާތްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މިމަގުން ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ގާތްވާނެ! އިން ޝާ ﷲ

ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ދަންނަވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. އެއީ ދުވާލެއްގެ ވަޤުތެއް ނަމަވެސް އަދި ކޮންމެ ވަޤުތެއްގައި ނަމަވެސްމެއެވެ.  

އެއަށްފަހު އެރޭގެ 3 ބައިން ފަހުބައަށް އެޅުމުން ނިދީންހާލާށެވެ! އެނދުން ތެދުވެ ވުޟޫކޮށްލާށެވެ. ދެން އެންމެ މަދުމިނުން 2 ރަކްޢަތް ނަމާދެއް ކޮށްލާށެވެ. އެއަށްފަހު ޛިކުރުކޮށްލާށެވެ. ދެން ތިބާއަށް ކުރިމަތިވި ކަންތައްތަކުގެ ވާހަކަ ތަފްޞީލުކޮށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާށެވެ. އެއްވެސް ޙާލެއްގައި އެއީ އެކަންކަން ﷲ ތަޢާލާ ދެނެވޮޑިނުގަންނަވާތީއެއް ނޫނެވެ. އެމީހެއްގެ ޙާލަތާއި އެމީހަކު އެދޭ ކަންކަމުގެ ވާހަކަ އެމީހަކު ދެންނެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ.  

ތިބާގެ ޙާލަތު ބަޔާންކުރުމަށްފަހު ދުޢާކުރަންފަށާށެވެ! ފުރަތަމަ ކަމަކަށް މިހާރުވެސް ﷲ ތަޢާލާ ތިބާއަށް ދެއްވަވާފައިވާ ނިޢުމަތްތަކަށް ޝުކުރުކޮށް ޙަމްދުކުރާށެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ! އެއަށްފަހު ތިބާ އެދޭކަންތަކުގެ ޥާހަކައިން ދުޢާކުރާށެވެ! ތިބާއަށް ފަސޭހަބަހަކުން ފަސޭހަ ޢިބާރާތަކުން ދުޢާކުރާށެވެ! ތިބާއަށް އެނގޭ އެންމެ ރިވެތި ޢިބާރާތުން ދުޢާކުރާށެވެ! އަދި އެނގޭ އެންމެ މާތް ބަހުރުވަ ބޭނުންކޮށްގެން ދުޢާކުރާށެވެ!  

އަބަދުވެސް ހަނދާންކޮށްދެވޭ ފަދައިން ދުޢާކުރަމުން ގޮސް ލޮލުން އެންމެ ކަރުނަ ތިއްކެއް ވައްޓައިލެވުނަސް އެލިބުނީ ދުޢާ ޢިޖާބަކުރައްވަވައިފި ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެކެވެ.  

މިބަޔާންކުރި މޭރުމުން ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. އަދި ދުޢާ ޢިޖާބަކުރެއްވެވުން އަވަސްވުމަކީ ވަރަށް ގާތް ކަމެކެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން