މަސްޖިދުއްނަބަވީގެ އިމާމް ދެއްވި ދަރުސުން-: އުރެދުމުގެ އަހުލުވެރީންނާ ދުރުހެލިވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
މަސްޖިދުއްނަބަވީގެ އިމާމް ދެއްވި ދަރުސުން-: އުރެދުމުގެ އަހުލުވެރީންނާ ދުރުހެލިވުން

ނުބައި ޢަމަލުތައް ކޮށް އުޅޭ އުރެދުންތެރީންނާ ދުރުހެލިވުމަކީ ނުހަނު މުހިންމު ކަމެކެވެ. އެހެން ނޫނީވިއްޔާ އެ މީހުންގެ ތެރޭގައި ތިމާ ވެސް ހިމެނިދާނެކަމުގެ ބިރުވެރިކަން އޮންނާނެއެވެ. އެހެންވީމައި އެފަދަ ވާހަކައެއް ދައްކައިއުޅޭ ބަޔާއެކީގައި ނުވުމަށް މާތް ﷲ އަންގަވައިފައި ވެއެވެ. އެއީ ކޮންބައެއްކަން އެނގިހުރެ، އެ މީހުން ދައްކަނީ ކޮންކަހަކަ ވާހަކަތަކެއްކަން ދެނެހުރެ އެފަދަ ބަޔަކާ އެކީ މަޖިލިސްކޮށް އުޅޭ ނަމަ އެ މީހަކީ ވެސް އޭގެ މީހަކަށް ވެދާނެއެވެ. އެހެންވެ އެފަދަ މީހުންނާ ދުރުހެލިވާން ޖެހެއެވެ. އައްނިސާ ސޫރަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. 

﴿وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ إِنَّكُمْ إِذًا مِّثْلُهُمْ ۗ إِنَّ اللَّهَ جَامِعُ الْمُنَافِقِينَ وَالْكَافِرِينَ فِي جَهَنَّمَ جَمِيعًا﴾[1]

މާނައީ: "ހަމަކަށަވަރުން، ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. اللَّه ގެ އާޔަތްތަކަށް ކާފިރުވެ، އެ އާޔަތްތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެއުރެން އެހެން ވާހަކަޔެއް ދައްކަން ފަށައިފުމަށް ދާންދެން، އެއުރެންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް އެއުރެންފަދަ ބަޔެކެވެ. ހަމަކަށަވަރުން، اللَّه، منافق ންނާއި ކާފިރުންގެ އެންމެން ނަރަކަޔަށް އެއްކުރައްވާނެތެވެ." 

މިފަދަ ކަންކަމުގައި އޮންނަ އަނެއް ނުރައްކަލަކީ ތިބާއީ ނުބައި މީހަކު ކަމުގައި ނުވިޔަސް އެފަދަ ވާހަކަ ދައްކާ މަޖިލިސްތަކަށް ގޮސް އުޅޭނަމަ އަހިވަކާޖެހި އަހިވަސް ފާވާ ފަދައިން އެ މީހުންގެ ވާހަކަތައް ޤަބޫލުކުރެވޭ ގޮތްވެ، ދީނުން ބޭރުވެދާނެއެވެ. ޝައްކެއް ނެތް ގޮތުގައި އެފަދަ މީހުންނަށް ހެޔޮގޮތް ވިސްނައިދީ އެ މީހުން އިޞްލާޙުކުރުމުގެ ހެޔޮ ނިޔަތުގައި އެމީހުންނާ ވާހަކަ ދައްކައި އުޅުމަކީ ގޯހެއް ނޫނެވެ.

 

- މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙު އަލްބުދައިރު\

އިސްލާމީ މަރުކަޒުގައި ދެއްވި ތަޤްރީރުގެ އުސްއަލިތަކުން

 

 



 

 

މިއަދު އޮންލައިން