އިންސާނީ ޒާތުގައި އުފެދޭ އެންމެ ފުރިހަމަ އިހުސާސްތަކުގެ ތެރެއިން އެއް އިހުސާސަކީ ލޯބިވުމެވެ. އެހެންނަމަވެސް، މުޖުތަމަޢުގެ ތެރޭގައި އުޅޭއިރު، އަބަދުވެސް ވިސްނަންޖެހެނީ އެ ލޯބި ފާޅުކުރަނީ ކޮން ގޮތަކަށްތޯ އާއި، އެ ލޯބި ހުއްދަ ގޮތުގައި ބޭނުންކުރަނީ ކިހިނެއްތޯއެވެ. މިގޮތުން، މީހެއްގެ ފިރިއެއް ދެކެ ލޯބިވުމަކީ ކުށެއްތޯ؟ މިއީ ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދޭ އެހެންނަމަވެސް ފުރިހަމަ ޖަވާބެއް ނުލިބޭ ސުވާލެކެވެ.
އިސްލާމްދީނުގައި ކައިވެނި ކުރުމަކީ ދެ މީހުންގެ ދެމެދުގައި އޮންނަ މުޤައްދަސް ގުޅުމެކެވެ. ފިރިހެނަކަށް ހަތަރު އަނބިން އިސްލާމް ދީނުގައި ހުއްދައެވެ. ކައިވެނީގެ ގުޅުމުގެ ތެރެއިން ދެ މީހުން އެއްބަޔަކަށްވެ، އެކަކު އަނެކަކަށް ހެޔޮއެދި، އެކަކު އަނެކަކަށް އަމާނާތްތެރިވާން ޖެހެއެވެ. އެހެންކަމުން، މީހެއްގެ ފިރިއަކާ ދޭތެރޭ ލޯބިވުމަކީ އެ ގުޅުމަށް ހުރަސްއެޅޭ ކަމަކަށްވެއްޖެނަމަ އެއޮތީ މައްސަލައަކަށްވެފައެވެ.
ނަމަވެސް، މީހެއްގެ ފިރިއެއް ދެކެ ލޯބިވުމަކީ އިންސާނީ ޒާތުގައި އުފެދޭ އިހުސާސެއް ކަމުގައި ވާތީ، އެ އިހުސާސް އުފެދުމަކީ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ނޫނެވެ. އެހެންކަމުން، އެފަދަ އިހުސާސެއް އުފެދުމަކީ ކުށެއް ނޫނެވެ. އެހެންނަމަވެސް، އެ އިހުސާސް ފާޅުކޮށް، އެ ލޯބި ކުރިއަށް ގެންދިއުމަކީ ކުށެއްކަމުގައި ބެލެވެއެވެ.
މީހެއްގެ ފިރިއެއް ދެކެ ލޯބިވުމުގެ ސަބަބުން އުފެދޭ މައްސަލަތަކަށް ބަލާއިރު، އެންމެ ފުރަތަމަ ފާހަގަކުރެވެނީ އެ ކަމުގެ ސަބަބުން އުފެދޭ މައްސލަތަކެވެ. މީހެއްގެ ފިރިއަކާ ދޭތެރޭ ލޯބިވުމަކީ އެ ފިރިމީހާގެ އަނބިމީހާއަށް ކުރެވޭ ޚިޔާނާތަކަށް ހަދައިގެންނުވާނެއެވެ. ދެމަފިރިން އެކަކު އަނެކަކަށް ވަފާތެރިވާންޖެހެއެވެ.
އަދި ހަމައެއާއެކު އެ ދެމަފިރިންގެ ދެމެދުގައި އޮންނަ ކައިވެނީގެ ގުޅުމަށްވެސް ނޭދެވޭ އަސަރު ކުރެއެވެ. މިސާލަކަށް، އެ ފިރިމީހާ އޭނާގެ އަނބިމީހާއަށް އިހުމާލުވެ، އެހެން މީހަކާ ދެކެ ލޯބިވުމުގެ ސަބަބުން އޭނާގެ އަނބިމީހާއާ ދޭތެރޭ ހުންނަންޖެހޭ ލޯބި ކުޑަވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެއީ ވަރަށް ގިނަފަހަރު މެދުވެރިވާ ކަމެކެވެ.
މިފަދަ ލޯތްބެއްގައި ދީނުގައިވާ މަގުން ތެދުވެރިނުވެވިއްޖެނަމަ ޢާއިލާތަކުގެ ތެރޭގައި އުފެދޭ ފިތުނައާއި ހަމަނުޖެހުން ފާހަގަކުރެވެއެވެ. އެގޮތުން ދެ ޢާއިލާއެއްގެ ދެމެދުގައި ހަސަދަވެރިކަމާއި ރުޅިވެރިކަން އުފެދި، މުޖުތަމަޢުގެ އެކުވެރިކަމަށް ބުރޫއަރައެވެ. ފިތުނަވެރިވުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ.
ފިތުނަ އުފެދޭނެ ގޮތަކަށް ލޯބިވުމަކީ ހުއްދަ ކަމަކަށްނުވާތީ ވާތީ، އެ ލޯބި ފޮރުވަން މަސައްކަތް ކުރުމުގެ ސަބަބުން ނަފްސާނީ ގޮތުން ވަރަށް ބޮޑެތި އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން ފަސޭހައިން ނައްތައި ނުލެވޭވަރުގެ މާޔޫސްކަމާއި ހިތާމައަކަށް ވެސް ދިމާވެދާނެއެވެ.
އެހެންނަމަވެސް، މީހެއްގެ ފިރިއެއް ދެކެ ލޯބިވުމުގެ އިހުސާސް އުފެދުމަކީ އިންސާނީ ޒާތުގައި ހުންނަ ކަމަކަށް ވާތީ، އެ އިހުސާސް އުފެދުމަކީ ކުށެއް ނޫނެވެ. ނަމަވެސް، އެ އިހުސާސް ކޮންޓްރޯލް ކުރުމަކީ އެ މީހެއްގެ ޒިންމާއެކެވެ. މިގޮތުން، އެފަދަ އިހުސާސެއް އުފެދިއްޖެނަމަ، އެންމެ ރަނގަޅު ގޮތަކީ އެ އިހުސާސް ފޮރުވައި، އެކަމާ ދުރުހެލިވުމެވެ. އަދި އެ އިހުސާސް ނައްތާލުމަށް މަސައްކަތް ކުރުމެވެ.
އިސްލާމްދީނުގައި މިފަދަ އިހުސާސްތަކުން ސަލާމަތްވުމަށް އެތައް ގޮތްތަކެއް ދައްކުވައިދެއްވާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ދުޢާކުރުމާއި، ޤުރުއާން ކިޔެވުމާއި، ހެޔޮ ޢަމަލުތައް ކުރުމާއި، ނަމާދު ކުރުމެވެ. މީގެ އިތުރުން، އެފަދަ އިހުސާސްތަކުން ދުރުހެލިވުމަށްޓަކައި ކައިވެނި ކުރުމަކީ ވެސް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ކަމެކެވެ.
އެހެންކަމާއިއެކުވެސް އެފިރިމީހާއަށް އަނބިންގެ މެދުގައި ހަމަހަމަ ކުރެވި ތަފާތުނުކޮށް ހުރިހާ ކަންކަން ކޮށްދެވި ގިނަ އަނބިންނަށް ޚަރަދުކޮށްގެން ބެލެހެއްޓޭނެނަމަ، އަދި ފިތުނަ ނުއުފެދޭނެ ގޮތަކަށް ހުރިހާ ކަމެއް ބެލެހެއްޓޭނެ ނަމަ އެކަމުގައި ކުށެއް ނެތެވެ. މައްސަލައަކަށްވަނީ ގިނަ ފިރިހެނުންނަށް (ފިރިންނަށް) އެގޮތަށް ކަންކަން ނުކުރެވޭ ކަމެވެ.
ޚުލާޞާއަކީ މީހެއްގެ ފިރިއަކު ދެކެ ލޯބިވެވުމަކީ ކުށެއް ނޫންކަމެވެ. ނަމަވެސް އެލޯބީގެ ތެރެއިން އަނެކާގެ ދިރިއުޅުމަށް ގެއްލުމެއް ނުލިބި ކައިވެނިކޮށް ރަނގަޅު ގޮތުގައި ދިރިއުޅުން ކުރިއަށް ގެންދެވޭނެ ނަމައެވެ. އިސްލާމް ދީނުގައި ޝަރުޠު ހަމަވާ ފިރިންނަށް 4 އަނބިން ހުއްދައެވެ. ވީމާ ހުއްދަވުމުގެ ކުރިއަށް އޮތީ ޝަރުޠު ހަމަވުމެވެ. ސަމާލުކަންދޭންވީ ޝަރުޠު ހަމަވުމަށެވެ.
އެކަމުގެ ޒާތަށް ބަލައިފިނަމަ ފިރިހެނުންނަށް 4 އަނބިން ހަމަކުރެވޭނީ އޭނާދެކެ ލޯބިވާނެ 4 އަންހެނުން ލިބިގެންނެވެ. ވީމާ މީހެއްގެ ފިރިއަކު ދެކެ ލޯބިވުމަކީ ކުށެއް ނޫނެވެ. އެއީ ހުއްދަ ކަމެކެވެ. ނަމަވެސް އެހުއްދައިގެ ބޭނުން ހިފަން އޮތީ ކުރިން މިބަޔާންކުރިހެން އޭނާގެ ޢާއިލާއަށް އެކަމުން ގެއްލުން ނުވާނެ ގޮތަށެވެ. ލިބިފައި ތިބި ދަރިންނަށް ނިކަމެތިކަން ނުލިބޭނެ ގޮތަކަށެވެ.
ކޮށްލަންޖެހޭ ސުވާލެއް އެބައޮތެވެ. އެއީ ތިމާގެ ފިރިމީހާ ދެކެ އެހެން މީހަކު ލޯބިވާން އަދި އެލޯބީގައި ތިމާގެ ފިރިމީހާ ކުރިއަށްދާން ތިމާ ރުހޭނަމުހެއްޔެވެ؟ ވީމާ މީހެއްގެ ފިރއަކު ދެކެ ލޯބިވުމުގެ ކުރިއަށް މިސުވާލަށް އަމިއްލައަށް ޖަވާބުދޭންވާނެއެވެ.
މިއީ އަހުރެންގެ ވިސްނުމެވެ. ޚިޔާލު ތަފާތުވެދާނެއެވެ.