ސުވަރުގޭގެ އެންމެ ދަށުދަރަޖައިން ފުރުޞަތު ލިބުނަސް އެމީހަކަށް ނުލިބޭނެ ނިޢުމަތެއް ނެތެވެ. ހިތަށް އަރުވައިލާއިރަށް އެކަމެއް ލިބޭނެއެވެ. އަދި ކިތަންމެ ގިނައިން ބޭނުންކުރިޔަސް އެއްވެސް ނިޢުމަތެއް ލިބުން މަދެއްވެސް ނުވާނެއެވެ. ދާއިމަށް ހުންނާނީ ލިބިލިބިއެވެ.
މިކަންކަމަކީ ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭ ކަންކަމެވެ. ޔަޤީންވެސް ކުރެވޭ ކަންކަމެވެ. ސުވާލަކީ އެހެންކަމާއިއެކުވެސް ފާފަކުރަނީ ކީއްވެގެންހެއްޔެވެ؟ ސުވަރުގެ ނުލިބި ނަރަކައަށް ވަންނަން ޖެހިދާނެ ކަންކަން ކުރަނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބަކީ މިޙަދީޘްފުޅެވެ.
Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said, “Paradise is surrounded by adversity, and Hellfire is surrounded by lusts.”
Source: Ṣaḥīḥ Muslim 2823
Grade: Sahih (authentic) according to Muslim
މިޙަދީޘްފުޅުން އެނގިގެންދަނީ ސުވަރުގެވަށައިލެވިފައިވަނީ ހެޔޮ ޢަމަލުތަކުންކަމެވެ. ވީމާ ސުވަރުގެ ވަދެވެން އޮތީ ހެޔޮ ޢަމަލުތައް ކުރުމުންނެވެ. މީސްތަކުންނަށް ބުރައަކަށްވެގެން މިއުޅެނީ ހެޔޮ ޢަމަލުތައް ކުރުމެވެ. ފާފަތައް ނުކޮށް ހުރުމެވެ. ހަމައެފަދައިން ނަރަކަ ވަށައިލެވިފައިވަނީ އިންސާނުންގެ ހަވާނަފްސް އެކަންކަމަށް އެންމެ ބޮޑަށް އެދޭނެ ކަންތައްތަކުންނެވެ. އެއީ ފާފަތަކެވެ. ފާޙިޝް ޢަމަލުތަކާއި އެނޫންވެސް މީހުން އެންމެ ކުރާހިތްވާނެ ކަންކަމުންނެވެ. ވީމާ ނަރަކައަށް ވަންނަން ޖެހިދާނެކަމުގެ ބޮޑު ބިރަށް ނުވިސްނައި ފާފަތައް ކުރެވެނީއެވެ.
މީސްތަކުންނޭވެ! މިކަންކަމަށް ހޭލުންތެރިވާށެވެ! މިބަޔާންކުރި ޙަދީޘްފުޅަށް ވިސްނާށެވެ! ނަރަކައިގެ ޢަޛާބުގެ ގަދަފަދަކަމާއި ނަރަކައަށް ވަންނަން ޖެހިއްޖެނަމަ އެގަދަފަދަ ޢަޛާބް ދާއިމަށް އެމީހަކަށް ލިބެމުންދާނެކަން އަބަދުވެސް ހިތުގައި ބާއްވާށެވެ! ސުވަރުގެ ލިބުމަށް މަސައްކަތްކުރެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން