މަސްޖިދުއްނަބަވީގެ އިމާމް ދެއްވި ދަރުސުން-: ހެޔޮލަފާ މީހުންނާއެކު އުޅުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 51ސ
މަސްޖިދުއްނަބަވީގެ އިމާމް ދެއްވި ދަރުސުން-: ހެޔޮލަފާ މީހުންނާއެކު އުޅުން

ހެޔޮލަފާ މީހުންނާ އެކީ އުޅޭންޏާ ހެޔޮލަފާކަން ދަސްވާނެއެވެ. ރަނގަޅު އާދަތައް އަށަގަންނާނެއެވެ. ފައިދާހުރި ކަންކަން ދަސްވާނެއެވެ. މީހެއްގެ އާދަކާދައާއި ސިފަތަކާ ފިކުރު ހުންނާނީ އޭނާ އެ ބަޔަކާ އެކީ އުޅޭ މީހުންނާ އެއްގޮތަށެވެ. ހަމަ އެފަދައިން ނުބައި މީހންނާ އެކީ އުޅެންޏާ ފެންނާނީ އަދި ދަސްވާނީ ނުބައި ކަންކަމެވެ. އެހެންވެ ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.  

(الرَّجُلُ عَلَى دِينِ خَلِيلِهِ فَلْيَنظُرَ أَحَدُكُمْ مَن يُـخَالِلُ) [1]

މާނައީ:"މީހާ ވާހުށީ އޭނާގެ އެކުވެރިޔާ ދީންމަތީގައެވެ. (ނުވަތަ ގޮތުގެ މަތީގައެވެ.) ވީމައި ތިބާ ތިޔަ އުޅޭނީ ކާކާއެކީގައިތޯ ބަލައިފާހުށިކަމެވެ." މި ފަދަ ކަންކަން ހިނގާ ގޮތުގެ ވަރަށް ފުރިހަމަ މިޘާލެއް ޖައްސަވައި ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.

(مَثَلُ الْـجَلِيسِ الصَّالِـحِ وَالْـجَلِيسِ السُّوءِ كَحَامِلِ الْـمِسْكِ وَنَافِخِ الْكِيْرِ، فَحَامِلِ الْـمِسْكِ إِمَّا أَن يَـحْذِيَكَ وَإِمَّا أَن تَبْتَاعَ مِنْهُ وَإِمَّا أَن تَـجِدَ مِنْهُ رِيْـحًا طَيِّبَةً، وَنَافِخُ الْكِيْرِ إِمَّا أَن يَـحْرِقَ ثِيَابَكَ وَإِمَّا أَن تَـجِدَ مِنْهُ رِيْـحًا خَبِيثَةً) [2]

މާނައީ:"ހޮޔޮލަފާ ޞާލިޙު އެކުވެރިޔާ އާއި ނުބައި ނުލަފާ އެކުވެރިޔާގެ މިޘާލަކީ މިސްކު (މީރުވަސްދުވާ އަތަރެއް) ގެންގުޅޭ މީހަކާއި ގިރުބާދަމާ މީހާ (ކަނބުރުވެރިޔާ) ގެ މިޘާލެވެ. ފަހެ މިސްކު ގެންގުޅޭ މީހާ އެއްގޮތަކުން ވިއްޔާ ތިބައަށް އެއިން އެތިފޮދެއް ދީފާނެއެވެ. ނުވަތަ ތިބަ އެއިން އަތަރުފޮދެއް ގަނެފާނެއެވެ. ނުވަތަ އޭގެ މީރުވަސް ތިބާއަށް ދުވައިފާނެއެވެ. އަދި ގިރުނބާއަށް ވައިޖަހާ މީހާގެ ކައިރިން ވެދާނެ އެއް ގޮތަކީ (އަލިފާންކަންޏެއް ބުރައި) ތިބަގެ ފޭރާން އެނގުމެވެ. ނުވަތަ ތިބާގެ ގައިގައި ނުބައި ވަސް ހިފުމެވެ."  

ނުބައި މީހުންނަކީ ޝައިޠަނުންނެކޭ އެއްފަދަ ބައެކެވެ. ޝައިޠާނާ އަކީ ތިބާގެ އެކުވެރިއަކަށް ނުހެދުމަށް ކީރިތި ޤުރްއާނުގައި އަންގަވައިފައި ވެއެވެ. އައްނިސާ ސޫރަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

﴿وَمَن يَكُنِ الشَّيْطَانُ لَهُ قَرِينًا فَسَاءَ قَرِينًا [3]

މާނައީ:"شيطان އާ، އެމީހެއްގެ އެކުވެރިޔަކު ކަމުގައިވާ މީހާ، (ދަންނާށެވެ!) ފަހެ، އެކަލޭގެއީ، ހާދަހާ ނުބައިވެގެންވާ އެކުވެރިއެކެވެ. 

ނުބައި އެކުވެރީންނާ އެކު އުޅޭވުނު މީހުން ޤިޔާމަތްދުވަހުން އެކަމާ ދެރަވެ ހިތާމަކޮށް ދައްކާނެ ވާހަކަ ކީރިތި ޤުރްއަނުގައި ބަޔާންވެގެން ވެއެވެ. އަލްފުރްޤާނު ސޫރަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. 

﴿وَيَوْمَ يَعَضُّ الظَّالـِمُ عَلَىٰ يَدَيْهِ يَقُولُ يَا لَيْتَنِي اتَّـخَذْتُ مَعَ الرَّسُولِ سَبِيلًا * يَا وَيْلَتَىٰ لَيْتَنِي لَـمْ أَتَّـخِذْ فُلَانًا خَلِيلًا *لَّقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي ۗ وَكَانَ الشَّيْطَانُ لِلْإِنسَانِ خَذُولًا﴾[4]

މާނައީ: "އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! رسول އާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސްހެއްޔެވެ؟ * އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ!" ހެޔޮލަފާ މީހުން ދޫކޮށްނުލެއްވުމަށާއި ނުބައި ނުލަފާ މީހުންނާ އެކު ނޫޅުއްވުމަށް އަންގަވައި ކީރިތި ރަސޫލާ صلي الله عليه وسلم އާ މުޚާޠާބުކުރައްވައިފައިވާ އާޔަތެއްގައި ވަނީ މިފަދައިންނެވެ.

﴿وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُمْ بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ وَلا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا وَلا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَنْ ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا﴾ [5]

މާނައީ: "އަދި އެއުރެންގެ ވެރިރަސްކަލާނގެ ވަޖުހުފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު دعاء ކޮށް އަޅުކަންކޮށްއުޅޭ މީހުންނާއެކު، ކަލޭގެފާނުގެ ނަފުސު ހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافل ކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبع ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!" 

ޤިޔާމަތް ދުވަހުން ނުބައި އެކުވެރީންގެ ފަރާތުން އެއްވެސް ފައިދާއެއް ނުކުރާނެކަން އަންގަވައި އައްޒުޚުރުފު ސޫރަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. 

﴿الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ﴾ [6]

"އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ ދުޝްމަނުން ކަމުގައެވެ. ތަޤްވާވެރިން މެނުވީއެވެ."

- މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙު އަލްބުދައިރު

- އިސްލާމީ މަރުކަޒުގައި ދެއްވި ތަޤްރީރުގެ އުސްއަލިތަކުން

 

 



 

 

 

 

.

 

މިއަދު އޮންލައިން