މުވައްޒިފުންގެ ޙައްޤުތައް އަދާކޮށް ބަރާބަރަށް މުސާރަދޭނަމަ ތަނަވަސްކަން އިތުރުކޮށް ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
މުވައްޒިފުންގެ ޙައްޤުތައް އަދާކޮށް ބަރާބަރަށް މުސާރަދޭނަމަ ތަނަވަސްކަން އިތުރުކޮށް ދެއްވަވާނެ!

އަޅުގަނޑު މަސައްކަތްކުރާ ތަނުގައި އުޅޭ އެއްވެސް މުވައްޒިފަކަށް ދުވަހަކުވެސް އެއްބަސްވުމާއި އެއްގޮތަކަށް މުސާރައެއް ނުދެއެވެ. ކޮންމެ މަހަކުވެސް ކޮންމެވެސް ބަހަނާއެއް ދައްކައި އެންމެންގެ މުށާރައިންވެސް އުނިކުރެއެވެ. އަދި މުސާރަދޭނީވެސް އެތަނަސް ފަސޭހަ ދުވަހަކުއެވެ. ބައެއް މަސްމަހު މަސް ނިމެން ކައިރިވާފަހުންވެސް މުސާރަދެއެވެ. އެހެންވެ މުވައްޒިފުން އަބަދުވެސް ތިބެނީ އެހެން ތަނަކުން ވަޒީފާއެއް ލިބޭނެ ފުރުޞަތަކަށް ބަލަބަލައެވެ.  

އަޅުގަނޑުގެ ސުވާލަކީ މިކަން (މުސާރަދިނުމުގެ ކަންކަން) ދީނުގައި އޮންނަނީ ކޮން ގޮތަކަށްތޯއެވެ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ޙަދީޘްފުޅުގައި އޮތީ މަސައްކަތްކުރި މީހާގެ ގައިން ދައުނުހިކެނީސް އުޖޫރަ ދިނުމަށެވެ. މިހާރު މަސައްކަތްކުރުވަނީ އެއްބަސްވުމެއްގެދަށުންނެވެ. ވީމާ އެއްބަސްވުމާއި އެއްގޮތަށް މުސާރަދޭން ޖެހޭނެއެވެ. އެއީ ތަނަށް ފަސޭހަ ދުވަހަކު ދޭން އޮތް އެއްޗެއް ނޫނެވެ. ސަބަބެއް ދިމާވެގެން މުސާރަ ނުދެވި ލަސްވާނަމަ މުވައްޒިފުންނާއި ވާހަކަ ދައްކައި ހިތްޙަލާލުހޯދަންޖެހޭނެއެވެ.  

ހަމަ އެއާއެކު މުސާރަ ދިނުމުގައި އިޚްލާޞްތެރިވުމަކީ މަސައްކަތްކުރުވާ ފަރާތުން ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާނެ ކަމެކެވެ. އިން ޝާ ﷲ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

މުވައޒިފުންނަށް މުސާރަދޭއިރު ބަލަންވީ މަސް ނިމި 1 ވަނަ ދުވަހު މުސާރަދިނުމަކަށް ނޫނެވެ. ބަލަންވީ ބަލަންވީ މަސް ނިމުމުގެ 1 ދުވަސްކުރިން މުސާރަދެވޭތޯއެވެ. މިޘާލަކަށ މަހަކީ 30 ދުވަހުގެ މަހެއް ނަމަ 29 ވަނަ ދުވަހު މުސާރަދޭށެވެ.  

މިއަދު މުވައްޒިފުންނާއިމެދު ސަމާލުކަން ނުދެވޭ ކަންކަން ވަރަށް ގިނައެވެ. 1. ވަޒީފާދިންއިރު ދެއްކި ވާހަކަތައް ހަނދާން ނުކުރުން. 2. އެއިރު އެއްބަސްވި ޝަރުޠުތަކަށް ޢަމަލުނުކުރުން 3 މުސާރަ ބޮޑުކުރަން އެއްބަސްވި ގޮތަށް މުސާރަ ބޮޑުކުރުމުގެ ބަދަލުގައި ބަހަނާ ދައްކައިގެން މުސާރަކުޑަކުރުން. 4. މުސާރަދޭންޖެހޭ ދުވަހު ނުދީ ލަސްކުރުން  

މީސްތަކުންނޭވެ! ވަޒީފާ އަދާކުރަން އަންނަނީ އެމީހުންނަކީ ނިކަމެތިން ކަމުގައިވާތީއެވެ. އެމީހުންގެ ބޭނުންތައް ފުއްދެން އޮތީ ވަޒީފާ އަދާކޮށްގެން ކަމުގައިވާތީއެވެ. ވީމާ އެމީހުންނަށް ވަޒީފާދީ އެމީހުން ލައްވައި މަސައްކަތްކުރުވައިގެން ތިބާގެ ތަނަވަސްކަން އިތުރުކުރަމުން އެމީހުން ދެރަކޮށް ނިކަމެތިކުރާނަމަ ﷲ ތަޢާލާ އެކަމަށް ޢުޤޫބާތް ނުދެއްވަވާނެ ކަމަށް ހީކުރަނީހެއްޔެވެ؟ ނޫނެކެވެ. ހަމަ ޙައްޤު ޢުޤޫބާތް ދެއްވަވާނެތެވެ.  

ކުރާ މަސައްކަތުން ފައިދާ ނުވުމާއި ވިޔަފާރި ބަނގުރޫޓުވުމާއި އަދި ތިމާ އާއި ޢާއިލާގެ ޞިއްޙީ ދުޅަހެޔޮކަން ގެއްލިގެން ދިއުންވެސް ވަނީ މިބުނި ކަންކަމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. ވީމާ މުވައްޒިފުންނަށް ހެޔޮކޮށް ހިތާށެވެ. ކުރިއަށް މުސާރަދޭށެވެ. ދޭން އެއްބަސްވެފައިވާ މުސާރަ ހަމައަށް ދޭށެވެ. ސަލާމާއި ޗުއްޓީވެސް އެއްބަސްވެފައިވާ ގޮތަށް ހަމަޖައްސައިދޭށެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ މިންވަރުކުރައްވަވާނެ ރަޙްމަތުގެ ބޮޑުކަން ވިސްނުމަށް ގެނެވޭވަރަށްވުރެވެސް މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން