ކައިވެނިކުރާނެ ބައިވެރިއަކު އިޚްތިޔާރުކުރާއިރު ސަމާލުކަންދޭންވީ ކަންތަކުގެ މައްޗަށް ބަލާލައި ބަހެއް ބުނުމުގެ ކުރިން ﷲ ތަޢާލާގެ ވާގިފުޅާއިއެކު ރަނގަޅު ޢިބްރަތްތެރިވާހަކައެއް ކިޔައިދޭން މަސައްކަތްކުރާނަމެވެ. އަޑުއަހާށެވެ!
ފިރިހެން ދަރިފުޅު ބޮޑުވެ ކައިވެނި ކުރާ އުމުރަށް އެޅުމުން ބައްޕަ ސުވާލުކުރިއެވެ. ދަރިފުޅު ކައިވެނިކުރަން ބޭނުންވަނީ ކޮންކަހަލަ އަންހެން ކުއްޖަކާއި ހެއްޔެވެ؟ ޖަވާބުގައި ދަރިފުޅު ބުނީ ހަނދެއްފަދަ އަލިގަދަ ރީތި ކުއްޖަކާއި ކަމަށެވެ. ބައްޕަ އެ ސުވާލު 3 ފަހަރު ތަކުރާރުކުރުމުން ވެސް ދަރިފުޅު ދިނީ ހަމަ އެ ޖަވާބެވެ.
އެހެންކަމުން ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ. ހަނދު ކިތަންމެ އަލިގަދަ ނަމަވެސް އަދި ކިތަން ރީތި ނަމަވެސް އިރުއެރުމާއިއެކު އެ އަލިކަން ފަނޑުވެ ރީތިކަން ގެއްލި ނުވެސް ފެންނާނެއެވެ. އެ ހިސާބުން އެދުވަހުގެ އިރުއޮއްސެންދެން ހަނދުގެ ބޭނުން ވެސް އެ ކެނޑުނީއެވެ. ދަރިފުޅު އަންތބަކު ބޭނުންވަނީ ހަމަ އެކަނި ރޭގަނޑު އުފާކޮށްލަން ނަމަ ތިއަ ގޮތް ހަމަ އެންމެ ރަނގަޅެވެ.
ނަމަވެސް އަންތބަކަށް ބޭނުންވަނީ އުފާވެރިކަމާއިއެކު ހިތްހަމަ ޖެހިގެން ދުވާލާއި ރޭގަނޑުވެސް ދިރިއުޅެން ނަމަ ތިއަ ވިސްނުން ޖެހޭނީ ބަދަލުކުރާށެވެ. ސިފައަށް ނުބަލައި ތަޤްވާވެރިކަމަށް އިސްކަންދީގެން އަންތބަކު ހޯދާށެވެ! ރަސޫލް (ﷺ) އެކަން އެގޮތަށް ކުރަން އެވަރަށް ބާރު އަޅުއްވަވާފައި އެވަނީ މުހިންމު ގިނަ ސަބަބުތަކެއް ހުރުމުންނެވެ." ޖަވާބުގައި ދަރިފުޅު ބުނީ ބައްޕަ އާއި މަންމަ ރުހި ޤަބޫލުވެގެން ހޯދައިދިން ކޮންމެ އަންހެނަކާއިވެސް ކައިވެނިކުރަން ހުރީ ތައްޔާރަށް ކަމަށެވެ.
ކައިވެނި ކުރުމުގައި ރިވެތި އަޚްލާޤަށާއި ތަޤްވާވެރިކަމަށް ބަލައިގެން ކައިވެނި ކުރުމުން ކައިވެނި ދެމެހެއްޓުމުގައި ވަރަށް ބޮޑުބާރަކަށްވެގެންދެއެވެ.
މިމޭރުމުން ނަޞޭޙަތްތެރިވުމުން ބައެއް މީހުން ބުނެފާނެއެވެ. ތަޤްވާވެރިންވެސް އަނބިންނަށް އަދި ފިރިންނަށްވެސް އަނިޔާވެރިވެއެވެ. ބޭވަފާތެރިވެއެވެ.
ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ފުރިހަމައަށް ތަޤްވާވެރިވެގެން ހުރި ތަޤްވާވެރިއަކު ، އެއީ އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް އަނިޔާވެރިއެއްވެސް ނުވާނެއެވެ. އަދި ބޭވަފާތެރިއެއްވެސް ނުވާނެއެވެ! އެހެނީ އަނިޔާވެރިވުމާއި ބޭވަފާތެރިވުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ސިފަތަކުގެ ތެރޭގައި ހިމެނޭ ދެ ސިފައެވެ. އެހެންކަމުން ފުރިހަމައަށް ތަޤްވާވެރިވެގެން ހުރި އެއްވެސް މީހަކު އެބާވަތުގެ އެއްވެސް ކަމެއް ނުކުރާނެއެވެ.
މިބަހުގެ މާނައަކީ ތަޤްވާވެރިއަކު ކައިވެނި ރޫޅައިނުލާނެ ވާހަކައެއް ނޫނެވެ. ކިތަންމެ ތަޤްވާވެރިނަމަވެސް ކައިވެނި ރޫޅާލައިފާނެއެވެ. ވަރިކޮށްފާނެއެވެ. ވަރިވެގެންވެސް ހިނގައިދާނެއެވެ. ނަމަވެސް އަނިޔާވެރިއެއް ނުވާނެއެވެ. ކައިވެނީގައި ތިބެ މަކަރާ ޙީލަތް ހަދައި ވައްކަމެއް ނުކުރާނެއެވެ.
އިރު އެރުމުން ހަނދުގެ އަލިކަންގެއްލޭނެއެވެ. އިރު އޮއްސުމާއިއެކު އިރުގ އަލިކަންވެސް ގެއްލިގެންދެއެވެ. ބާރުގަދަކޮށް ވެރިވެގަނެގެނެއް ނުހުރެވެއެވެ. މިއީ ދެމަފިރިން އެކުގައި ވިސްނައިލަންޖެހޭ ކަމެކެވެ. މިލިބޭ މެސެޖު މިގޮތަށް މާނަކުރާށެވެ!
އިރުބިޔަވެފައި އަލިގަދަ ނަމަވެސް ހަނދުގެ މައްޗަށް ވެރިވެއެއް ނުގަނެވެ. އަދި ހަނދުގެ އަލިކަން ކިތަންމެ ރީތިވެފައި ފުރިހަމަނަމަވެސް އރުގެ މައްޗަށް ބާރެއް ނުހިންގެއެވެ. އިރަކީ ފިރިމހާކަމަށް ބަލައި ހަނދަކީ އަނބިމީހާ ކަމަށް ބަލައިގެން މިބަސް މާނަކުރާށެވެ! ފުރިހަމަ ދިރިއުޅުމެއް ލޯބިން އުޅެން ބޭނުންވާނަމަ ދެމަފިރިންކުރެ އެކަކުވެސް އަނެކާގެ މައްޗަށް ގަދަވެގަތުމުގެ ވިސްނުން ނުގެންގުޅޭށެވެ. އަދި ހަނދުފަދައިން އެކަކަށް އުޖާލާ ކަމާއި ރީތިކަން ލިބިފައިވުމަކީބޮޑާވެ ކިބުރުވެރިވާންވީ ސަބަބެއް ނޫނެވެ. ދެމަފިރިންގެ މެދުގައި ބޮސް ހެދިގަނެގެން އުޅެންޖެހޭ ސަބަބެއްވެސް ނޫނެވެ.
ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ މިފަދަ މައްސަލަތައް އެނގޭއިރުވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އަދިވެސް ކަންކަން ބެލެނީ ވަރަށް އާދައިގެ ގޮތަކަށެވެ. ކައިވެނިކުރަންވުމުންވެސް ބެލެވެނީ ބޭރުފުށުގެ ރީތިކަމަށެވެ. އެކަމަށް ބަލައިގެން ކައިވެނިކުރުމުން މިވާގޮތަކީ އޮފްއަރާނަމަ އެއަރާ އޮފަށް ބެލެނީއެވެ. އެއިރުންވަނީ ވެލާބިހަކީ ހަރުއެއްޗެއްކަމަށް ޤަބޫލުކޮށްގެން ހުންނަ މީހާގެ އަތަށް ބިހެއްލީމާ ވާގޮތެވެ. އެއީ މަޑުއެއްޗެއްކަން އެނގެނީ އަތަށްލެވޭ ހިސާބުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން