ދުޢާކުރުމުގަ ސަމާލުކަންދޭންޖެހޭ ބައެއް އަދަބުތައް-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ދުޢާކުރުމުގަ ސަމާލުކަންދޭންޖެހޭ ބައެއް އަދަބުތައް-: ބިލާލް އައްސަދު

ބައެއް މީހުން މިސްކިތުގައި ނުވަތަ އެހެން ތަނެއްގައި އިނދެގެން ދުޢާކުރިނަމަވެސް އެހެން މީހުންނަށް އަޑުއިވޭވަރަށް ބާރަށް އެބަ ދުޢާކުރެއެވެ. އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ. މިއީ ސިއްރުން ދުޢާކޮށްފައިވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.  

އެއްވެސް ކަމަކަށް އެދިގެން ދުޢާކުރުމަށްފަހު އެކަމުގެ ވާހަކަ މީސްތަކުންނާއި ޙިއްޞާނުކުރާށެވެ! އެކަމަކީ ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮތް ސިއްރެގެ ގޮތުގައި ބާއްވާށެވެ! ނަމަވެސް ބައެއް މީހުންނަށް ވަރަށް ފަސޭހައިން ބުނެވެއެވެ. "މިވެނި ކަމަކަށް އެދިގެން އަހުރެން އެބަ ދުޢާކުރަމެވެ." އެއީ ހާމަކުރަން ރަނގަޅު ކަމެއް ނޫނެވެ.  

ދުޢާކުރާނެކަން ދުޢާކުރާކަން ހާމަކުރަންވާނީ އެހެން މީހުންނާއި ގުޅުން ހުންނަ ކަންކަމުގައެވެ. އެގޮތުން "ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި އަހުރެން ހެޔޮދުޢާކުރަން" ކަމަށް ބުނެވިދާނެއެވެ. ސަބަބަކީ އެއީ އެއްވެސް މީހެއްގެ އަމިއްލަ ކަމަކަށް ނުވެފައި އިސްލާމީ އުންމަތާއި ގުޅުންހުރި ކަމަކަށްވާތީއެވެ.  

އެކުވެރިއަކަސްވެސް އަދި ޣާތް މީހަކަށްޓަކައިވެސް އަދި އެނޫން މީހަކަށްޓަކައި ދުޢާކުރަން އޮތީވެސް އެމީހަކަށްވެސް ސިއްރުންނެވެ. އަޚާއަށްޓަކައި ސިއްރުންކުރާ ހެޔޮދުޢާ ޢިޖާބަކުރައްވަވާނެތެވެ. އަދި އެމީހަކު ކުރި ދުޢާގައި ހިމެނޭ ކަންތައް ދުޢާކުރި މީހާއަށްވެސް ހިންމަވައި ދެއްވެވުން އެދިވަޑައިގެން މަލާއިކަތަކުވެސް ދުޢާކުރައްވަވާނެތެވެ.  

ދުޢާކުރުމަށްޓަކައި ވުޟޫކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަކަށް ނުބުނަމެވެ. ނަމަވެސް ބޮޑު ކަމަކަށް އެދިގެން ދުޢާކުރާނަމަ، އަދި އެއީ އުނދަގޫކަމަކަށް ނުވާނަމަ ދުޢާކުރުމުގެ ކުރިން ވުޟޫކޮށްލާށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ 2 ރަކްއަތް ނަމާދެއްވެސް ކޮށްލުމެވެ. ޤިބްލައަށް ކުރިމަތިލައިގެން އިނދެ ދުޢާކުރުމަކީވެސް ރަނގަޅު ކަމެކެވެ.  

މިކަންކަމަކީ ދުޢާކުރުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވެސް ޢިލްމްވެރިން ބަޔާންކުރައްވައެވެ.

 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން