ލޯތްބާއިމެދު މިޙަޤީޤަތްތައް ޤަބޫލުކުރުން- ލޯތްބާމެދު މާޔޫސްވާ މީހުންނަށް އޮތް ޙައްލު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ލޯތްބާއިމެދު މިޙަޤީޤަތްތައް ޤަބޫލުކުރުން- ލޯތްބާމެދު މާޔޫސްވާ މީހުންނަށް އޮތް ޙައްލު-!

ލޯބިވެރިޔާ ނުވަތަ ލޯބީގައި ގިނަ ބައަކު ލަނޑުދިނުމުން ލޯބިދެކެ ފޫހިވާ މީހުން އުޅެއެވެ. އެމީހުން ކުށވެރިކުރަނީ ލޯތްބެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ. ލޯތްބަކީ އެއްވެސް ކުށެއްކުރާ އެއްޗެއް ނޫނެވެ. 

ވިސްނައިލީމާ އެނގޭނެއެވެ. ލޯބިވާކަމަށް ބުނެ ދޮގުހަދަނީ މީހުންނެވެ. ލޯބިވާކަމަށް ބުނެ މަކަރުހަދައި އޮޅުވާލައިގެން ދެރަދެނީވެސް މީހުންނެވެ. އެކަމުގައި ލޯބި އަދާކުރާ އެއްވެސް ދައުރެއް ނެތެވެ. 

އަދި ކީއްހެއްޔެވެ؟ ލޯތްބާއި ސުވާލުކުރެވޭނެނަމަ ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. ލޯތްބަކީ އެއިގެ ޒާތުގައި ވަރަށް ޠޯހިރު އެއްޗެއް ކަމެވެ. ސާފު ހުދުކިރުފޮދެއްފަދައެއްޗެއް ކަމެވެ. ނަޖިސްކުރަނީ މަކަރުވެރިންކަމެވެ. އެކަމަށް ލޯބި ނުރުހޭކަމާއި އިންތިހާއަށް ނަފްރަތުކުރާ ކަމެވެ. 

މަކަރުވެރިންގެ ނުބައިކަމަށް ލޯބި ކިތަންމެ ވަރަކަށްވެސް ރުޅިއައުދެއެވެ. ނަމަވެސް އެކަންކަން ހުއްޓުވަން ލޯތްބަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނަނީއެވެ. ލޯތްބަށް ނަފްރަތުކޮށް ބަސްބުނާއަޑު އަހަން ލޯބި ބޭނުމެއް ނުވެއެވެ. ލޯބި ބޭނުންވަނީ ލޯތްބަށް ޙައްޤު މަޤާމާއި ޤަދަރު ދިނުމަށެވެ. ކޮންމެ މީހަކަށްވެސް އުފާވެރިކަން ހޯދައިދިނުމަށެވެ. އެކަންކަމަށް އަމިއްލަ ޒާތުގައި ލޯތްބަށް އެއްވެސް ކަމެއް ކުރެވޭނެ ނަމަ އެކަންކަން ކުރީހެވެ. ވީމާ އެކަކުވެސް ލޯބި ކުށްވެރިނުކުރާށެވެ! ލޯބީގެ ނަމުގައި މަކަރުހަދައި އަނިޔާވެރިވާ މީހުން ކުށްވެރިކުރާށެވެ! 

ދެން މިބުނެލަނީ މިވާހަކަކޮޅު ދައްކަންޖެހުނު ސަބަބެވެ. އެސަބަބަކީ ތިމާ ލޯބިވެގެން އުޅުނު މީހާ މަކަރުހެދުމުން ނުވަތަ ދެރަ ދިނުމުން ލޯބިކުށްވެރިކޮށް އެހެން މީހެއްގެ ކިބައިން ލޯބި ބޭނުންނުވާ މީހުން ތިބޭތީއެވެ. އެމީހުން ޤަބޫލުކުރަންވީ މިބުނި ބަސްކޮޅެވެ. ލޯބީގެ އެއްވެސް ކުށެއް ނެތްކަމެވެ. ކުށްކުރަނީ މީހުންކަމެވެ. އެކަން ޤަބޫލުކުރާ އެކަކުވެސް ލޯތްބާއިމެދު މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން   

މިއަދު އޮންލައިން