ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނީ ދިރިއުޅުމުގައި ކުރިއަރައި ދިއުމަށެވެ. ޚާއްޞަކޮށް ދަތިޙާލުގައި އުޅެންޖެހިފައިވާނަމައެވެ. އެހެންކަމާއިއެކުގައިވެސް ކޮންމެ ދުވަހަކުހެން ލޮލަށް މިފެންނަ މަންޒަރުން އެމީހުންނަށް ކިތަންމެ ދަތިޙާލެއްގައި އުޅެންޖެހުނަސް ކުރިއަރައިދާން ބޭނުންވާ ކަމަށް ބުނެވޭކަށް ނެތެވެ.
އިންސާނުން އެންމެ ބޮޑަށް ކަންބޮޑުވާ އަދި މާޔޫސްވާ އެއްކަމަކީ އެމީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ނައިސް ލަސްވަމުން ދިއުމެވެ. އަބަދު ދަތިޙާލުގައި އުޅެން ޖެހުމެވެ. ނުވަތަ ކުރިމަތިވެފައިވާ ދަތިތަކާއި މުޞީބާތުން ސަލާމަތް ނުވެވި، އަރައި ނުގަނެވި ދިގުލައި ދިއުމެވެ.
މިފަދަ ކަމެއް ކުރިމަތިވެފައިވާ މީހުންނަށް ބުނެލަން އޮތީ ފުރަތަމަ ތިބާ ހީވާގިވެލާށެވެ! ކަންނެތްވެ ނިދަން ނުއޮވެ ހޭލައި ފަތިސް ނަމާދުކުރާށެވެ! އަދި ފަތިސް ނަމާދަށްފަހު ވީހައި ގިނައިރު ޛިކުރުކުރަން މަޑުކުރާށެވެ!
އެންމެ މަތިވެރި ޛިކުރަކީ ކީރިތި ޤުރްއާންކަން ޔަޤީނެވެ. އެހެނަސް ފަތިސްނަމާދަށްފަހު އިރުއެރުމާއި ދެމެދު އޮންނަ ވަގުތުކޮޅު ޛިކުރުކުރުން ކުރިއަށް ނެރޭށެވެ! އަދި ކޮންމެވެސް މިންވަރަކަށް ޤުރްއާންވެސް ކިޔަވާށެވެ! ޛިކުރުކޮށްފައި ޤުރްއާން ކިޔަވަންފަށާށެވެ!
މިހެން މިބުނަނީ ޤުރްއާން ކިޔެވުމަކީ ހުރިހާ ވަގުތުތަކެއްގައިވެސް ކުރެވެން އޮތް ކަމެކެވެ. ނަމަވެސް ފަތިހުގެ ވަގުތުކޮޅު ފާއިތުވުމުން ހެނދުނުގެ ޛިކުރުތަކެއް ނުކިޔޭނެއެވެ. އެއީ ވަކި ވަގުތެއްގައި ކުރަން އޮތް ކަމަކަށްވާތީއެވެ.
ގޮތް ބަލައިލަންވެސް ފަތިސް ނަމާދަށްފަހު ޛިކުރުކުރުމުގައި ވަގުތު ހޭދަކުރަން ފަށައިބަލާށެވެ! އިސާހިތަކު ޙާލަތު ބަދަލުވެގެންދާނެއެވެ! އިން ޝާ ﷲ. އެހެނީ ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބުމާއި ރިޒްޤް ތަނަވަސްވުމާއި ކުރާ މަސައްކަތްތަކުގައި ބަރަކާތް ލެއްވެވުން އެންމެ ބޮޑަށް ގުޅިފައިވަނީ ފަތިހު ޛިކުރުކުރުމާއިއެވެ.
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން