މުސްލިމުން ވާންޖެހޭނީ އެހެން މީހުންނަށް ރަޙުމްކުރާބައަކަށެވެ. ރަޙުމްކުރުމުގެ ތެރޭގައި އެހެން މީހުންގެ ހިތުގައި ޖެހޭނެ ފަދަ ބަހެއް ނުބުނުންވެސް ހިމެނެއެވެ. ނަމަވެސް ގިނަބައަކަށް އެކަމެއް ނުވިސްނެއެވެ. ހިތަށް އެރިހައި ބަސްތަކެއް ބުނެލެއެވެ. މިއީ ކުރެވޭ ވަރަށް ދެރަ ކަމެކެވެ. އެކަމުގެ އަސަރު އެމީހެއްގެ ދިރިއުޅުމަށް ކުރާނެ ކަމެކެވެ. ހުރަސްތައް ކުރިމަތިވާނެ ކަމެކެވެ.
ހިތްދަތިކަން ނުވަތަ މުޞީބާތެއް ކުރިމަތިވުމުން ވަރަށް ގިނައިން ބުނެވެއެވެ. "އަހުރެންނަށް މިފަދަ ޙާލަތެއް މިޖެހުނީ ކީއްވެގެން ހެއްޔެވެ؟ އަހުރެން އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުދެމެވެ. އަނިޔާއެއްވެސް ނުކުރަމެވެ."
މިފަދަ ޢިބާރާތަކުން ބުނެވޭއިރު އެހެން މީހެއްގެ ހިތުގައި ޖެއްސިފައިވަނީ ކިތައްފަހަރުކަމާއިމެދު ވިސްނައިލެވޭހެއްޔެވެ؟ އެކަންކޮށްފައިވަނީ ޖިސްމާނީ އަނިޔާއެއްކޮށްގެން ނޫންކަމަށްވެދާނެއެވެ. ގިނަ ފަހަރަށް އަނިޔާދެވިފައިވާނީ ދުލުން ބުނެވޭ ނުބައި ބަސްތަކުންނެވެ.
މީސްތަކުންނޭވެ! އަހުރެމެންނަށް އެއްވެސް މީހެއްގެ ޙަޤީޤަތެއް ނުއެނގޭނެއެވެ. އެވެނި މީހަކީ އެއްވެސް މުހިންމު މީހެއް ނޫންކަމަށް ޤަބޫލުކުރެވޭ މީހާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅަކަށް ވެދާނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ މަތިވެރިވެގެންވާ އަޅަކަށްވެސް ވެދާނެއެވެ.
ބުނަން ހެއްޔެވެ؟ އެފަދަ މީހެއްގެ ހިތުގައި ޖެއްސިފައިވީނަމަވެސް އެމީހަކަށް އެކަމުގެ ގެއްލުން ނުލިބިއެއް ނުދާނެއެވެ. އެކަމާއި ހިތާމަކުރަންޖެހިއެއްވެސް ނުދާނެއެވެ. އެއްވެސް މީހަކަށް ނުބައި ބަސްތައް ބުނެ ހިތުގައި ނުޖައްސަންވީ އެހެންވެގެންނެވެ.
ވީމާ އަހުރެންގެ އިލްތިމާސަކީ ތިބާއަށް ހިތްދަތިކަމެއް އަދި މުޞީބާތެއް ފަދަ ކަމެއް އަދި ކުރިމަތިވެފައި ނެތްނަމަވެސް އެފަދަ ކަމެއް ކުރެވިފައިވާނަމަ އަވަހަށް ގޮސް އެމީހެއްގެ ކިބައިން މާފަށް އެދި ހިތްޙަލާލު ހޯދުމެވެ. ތިބާ އެކަން ކުރި ދުވަހު، އެކަންކުރުމާއިއެކު ތިބާގެ ފަތުގައި އެކަންވާނީ ލިޔުއްވިގެންނެވެ. އެކަމަށް ޙައްޤު ޖަޒާ ތިބާއާއި ދުނިޔޭގައިވެސް އައިސް އަރައި ހަމަކުރާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން