ކުރާއަޅުކަން ތިބާއާއެކުގައިވުމަށް އެދޭމީހާ ދެލޮލާ ކަންފަތަށް ސަމާލުކަންދޭންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 30ސ
ކުރާއަޅުކަން ތިބާއާއެކުގައިވުމަށް އެދޭމީހާ ދެލޮލާ ކަންފަތަށް ސަމާލުކަންދޭންޖެހޭނެ!

ޓީވީ ނުބަލަން ބުނަނީ ކީއްވެގެންތޯ؟  

ސުވާލުގެ ޖަވާބަކީ ޓީވީ ނުބަލާކަށް އެއްވެސް ޢިލްމްވެރިއަކު ވިދާޅެއް ނުވާނެއވެ. ވިދާޅުވާނީ ފާފަވެރިވާނެ އަޑުތައް އަޑުނުއެހުމަށެވެ. ފާފަވެރިވާނެ މަންޒަރުތައް ނުބެލުމަށެވެ. އެއީ ފާފަވެރިވާނެ ކަންކަންކަމަށްވާތީއެވެ.  

ސުވާލު ތިއަ އަމާޒުކުރައްވަނީ ފިލްމް، ސީރީޒް ފަދަ އެއްޗެތި ބެލުމަށް ކަމަސްވާނަމަ ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ! އިން ޝާ ﷲ   

ކޮންމެ ޗެނަލަކުން ނަމަވެސް ފިލްމު ބެލުމުގެ ޙުކުމް ތިރީގައި މިވަނީ އެވެ. 

މާތްﷲ އިންސާނާ އަށް ދެއްވި ގުނަވަންތައް ހެޔޮގޮތުގައި ބަލަހައްޓާ ރައްކާތެރި ކުރުމަކީ މާތް ﷲ ވާޖިބް ކުރައްވާފައި ވާ ކަމެކެވެ. އެގުނަވަންތަކަކީ މާތްﷲ ދެވި ބޮޑު ނިޢުމަތެއްކަން ދަނެ އެކަމަށް ޝުކުރު ވެރި ވުމަކީ ގުނަވަތައް ރައްކާތެރި ކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތްﷲ އިންސާނާއަށް ދެއްވި އެންމެ މުހިންމު ކަން ބޮޑު ދެ ގުނަވަނަކީ ފެނުމާއި އަޑުއެހުމުގެ ހިއްސެވެ. މި ދެކަމަކީ އޭނާގެ ހިތް ހަލާކު ކޮށްލާ މުންކަރާތް ތަކަށް އަރައިގަތުމަށް މަގު ފަހިކޮށްދޭ  ދެކަންތަކެވެ.  

އެހެން ކަމުން މި ހިއްސުތަކާ ބެހޭ ގޮތުން ގިޔާމަތް ދުވަހުން ސުވާލު ކުރައްވާނެ ކަން އަންގަވާ ވަހީ ކުރައްވަނީ:

(إن السمع والبصروالفؤاد كل أولئك كان عنه مسؤولا)

މާނައަކީ: "ހަމަ ކަށަވަރުން އަޑުއެހުމާއި ފެނުން އަދި ހިތާބެހޭ ގޮތުން މާތްﷲ ސުވާލު ކުރައްވާނެތެވެ." 

އަލްއިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވި ބަސްފުޅެއްގައި ވެއެވެ.  

އިންސާނާގެ ލޮލާއި، ކަންފަތާއި، ދުލާއި، ފޮރުވިފައިވާ ގުނަވަންތަކާއި, އަތާއި,ފައި މި 6 ކަންތަކަކީ އިންސާނަކު ހަލާކު ވުމަށްވެސް އަދި ސަލާމަތް ވުމަށްވެސް ބޭނުންކުރެވިދާނެ ހަތިޔާރު ތަކެކެވެ. މި 6 ގުނަވަނަށް ރައްކާތެރި ނުވެއްޖެ މީހާ ހަލާކު ވެގެން ހިގައި ދާނެ އެވެ. އަދި މި ގުނަވަންތައް ރައްކާތެރި ކޮށް، އޭގެ ރަގަޅު ގޮތުގައި ބޭނުން ކޮށްފި މީހާ އަށް ސަލާމަތް ކަން ލިބިއްޖެ އެވެ. މި 6 ގުނަވަނަށް ރައްކާތެރި ވުމަކީ ހުރިހާ ރަގަޅު ކަންތަކެއްގެ އަސާސެވެ. އަދި މި ގުނަވަންތަކަށް ރައްކާތެރި ނުވުމަކީ ހުރިހާ ނުބައި ކަމެއްގެ އަސާސް ވެސް މެ އެވެ.  

މާތްﷲ ވަހީ ކުރައްވަވަނީ: 

(قل للمؤمنين يغضوامن أبصارهم ويحفظوافروجهم ذلك أزكى لهم) 

މާނައަކީ: " އެބައި މީހުންގެ ލޯތައް ތިރިކޮށް، ފަރްޖުތައް ރައްކާތެރި ކުރުމަށް މުއިމިނުންނަށް ކަލޭގެ ފާނު ވިދާޅުވާށެވެ. އެގޮތް އެމީހުންނަށް ހެޔޮކަން ބޮޑުވެގެން ވެއެވެ."  

މި އާޔަތު ގައި ލޯތައް ތިރި ކޮށް އަދި ފަރްޖު ރައްކާތެރި ކުރުމުގެ ވާހަކަ އައިސްފައި އޮތުމުން ދޭހަވެގެން ދަނީ ލޯތިރިކުރުމަކީ ނުވަތަ ނަޒަރް ތިރި ކުރުމަކީ ފަރްޖު ރައްކާތެރި ކޮށްދޭ ކަމެއްކަމެވެ. އަދި ބޭނުން ތަނަކަށް ބެލުމަށް ލޯހުޅުވާ ދޫކޮށްލާފައި ބެހެއްޓުމަކީ ނުބައި ކަންތަކަށް އަރައިގަތުމަށް މަގުފަހިވެގެން ދާނޭ ކަމެއްކަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ.  

( فَالْعَيْنَانِ زِنَاهُمَا النَّظَرُ ، وَالأُذُنَانِ زِنَاهُمَا الاسْتِمَاعُ ، وَاللِّسَانُ زِنَاهُا لْكَلامُ ، وَالْيَدُ زِنَاهَا الْبَطْشُ ، وَالرِّجْلُ زِنَاهَا الْخُطَا ، وَالْقَلْبُ يَهْوَى وَيَتَمَنَّى ، وَيُصَدِّقُ ذَلِكَ الْفَرْجُ وَيُكَذِّبُهُ ) رواه البخاري ( 6243 ) ومسلم ( 2657 )        

މާނަ އަކީ: " ދެލޮލުންކުރެވޭ ޒިނޭއަކީ ނުބައިތަންތަނަށް ބެލުމެވެ. ދެކަންފަތުން ކުރެވޭ ޒިނޭއަކީ ނުބައިވާހަކަތައް އަޑުއެހުމެވެ. ދުލުން ކުރެވޭ ޒިނޭއަކީ ނުބައި ފާހިޝް ވާހަކަ ދެއްކުމެވެ.  އަތުން ކުރެވޭ ޒިނޭއަކީ ބީހުމެވެ. ފައިން ކުރެވޭ ޒިނޭއަކީ ނުބައި ކަންތަކަށް އަޅާ ފިޔަވަޅުތަކެވެ. ހިތުން އެކަމަށް އެދި އުއްމީދުކުރެ އެވެ. މިހުރިހާ ކަމެއް ތެދުކޮށް، ދޮގު ކުރަނީ ފަރްޖެވެ. " 

އަޅުގަޑުމެން އެންމެންނަށް ވެސް އެގޭނެ ފަދައިން ބެލުމަކީ ޒިނޭ ކުރުމަށް މަގު ފަހިކޮށްދޭ ކަމެކަމެވެ. އެހެންކަމުން ރިވެތި އަންހެން ކުއްޖަކާ ދިމާލަށް ބަލަހައްޓައިގެން ހުރުމަކީ އޭނާގެ ހިތުގައި އެކުއްޖަކާމެދު ލޯބިއުފެދި ފާހިޝް ކަންތަކަށް މަގުފަހި ކޮށްދޭނޭ ކަމެކެވެ.  

ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައި ވެއެވެ.  

(النظرة سهم من سهام إبليس) 

މާނަ އަކީ: " ބެލުމަކީ އިބްލީސް ގެ ތީރު ތަކުގެ ތެރެއިންވާ ތީރެކެވެ. "  

ފިލްމު ތަކުގައި އަންހެން ކުދިން ނިވާކަންކުޑަ ޙާލުގައި ތިބެގެން ނަށާ، ލަވަކިޔާ ހަދާތަން ބެލުމަކީ ނުބައި ކަންތަކަށް މަގުފަހިކޮށްދޭނޭ ކަމެއްކަމާ މެދަކު އެއްވެސް ޝައްކެތް ނެތެވެ. އެހެންކަމުން މިފަދަ މަންޒަރުތައް ބެލުން އިސްލާމްދީނުގައި ވަނީ މަނާކުރައްވާފައެވެ.

والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން