ލޯފަންވުމަކީ ދަރިފުޅުގެ ކައިވެންޏަށް ހުރަސް އަޅަން އޮތް ސަބަބެއް ނޫން! ލޯފަން އެތައް ބައަކު ކައިވެނިކޮށްގެން އުފަލުގައި އެބައުޅޭ! ދަރިން ލިބުމުން ދަރިންވެސް ބަލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ލޯފަންވުމަކީ ދަރިފުޅުގެ ކައިވެންޏަށް ހުރަސް އަޅަން އޮތް ސަބަބެއް ނޫން! ލޯފަން އެތައް ބައަކު ކައިވެނިކޮށްގެން އުފަލުގައި އެބައުޅޭ! ދަރިން ލިބުމުން ދަރިންވެސް ބަލާ!

ސަލާމް . އަޅުގަންޑަކީ މިއަދު ނޫހުގެ އަރްޓިކަލެތައް ވަރަށް ގިނައިން އަޑު އަހާ ފަރަތެކެވެ.  އަޅުގަންޑު ބޭނުންވަނީ އަޅުގަންޑުގެ އެކުވެރިއަކަށް ދިމާވެގެން އުޅޭ ކަމެއް ހިއްސާކޮށްލާށެވެ!    

އަޅުގަނޑުގެ އެކުވެރިޔާއަކީ ވަރަށް ހިންހެޔޮ އެންމެންނާވެސް ގުޅޭ މިޖާޒެއްގެ މީހެކެވެ. އޭނާ އަބަދުވެސް އަޅުގަންޑު ގާތުގައި ބުނެއެވެ. "އަހަރެން މީހަކާ ލޯބީގެ ގޮތުން ގުޅިގެން ގިނަދުވަހު އުޅޭކަށް ބޭނުމެއް ނޫނެވެ. އަހަރެން އަބަދުވެސް ބޭނުން ވަނީ އަޚްލާޤް ރަންގަޅު އަހަރެންނަށް ކަމުދާ މީހަކު ފެނިއްޖެއްޔާ ވީހާވެސް އަވަހަށް ކައިވެނި ކުރާށެވެ. އެކަމަކު އެކަން ކުރަން ބޭނުމީ ދެފަރާތުގެ އާއިލާގެވެސް ފުރިހަމަ ރުހުމާ އެކުގައެވެ." 

އެހެން އުޅުމުގެ ތެރޭގަ އޭނަޔަށް ކަމުދާ ކަހަލަ ބައިވެރިޔަކު އޭނާޔާ ލޯބިގެ ގޮތުން ގުޅެން ބޭނުންވެގެން އޭނާގެ ގާތު އެހިއެވެ. ދެން އެކުވެރިޔާ ބުނީ ރަށްޓެހިވެގެން ނޫޅެ ރަންގަޅީ ކައިވެނި ކުރިއްޔާއެވެ. ދެން ދެމީހުންވެސް ކައިވެނި ކުރަން އެއްބަސްވެ ދެފަރާތުގެ އާއިލާޔާ ވާހަކަ ދެއްކިއެވެ. 

ފިރިހެން ކުއްޖާ ގެ އާއިލާއިން އަޅުގަންޑުގެ އެކުވެރިޔާ ބަލައިގަތީ ނުހަނު އުފަލާ އެކުގައެވެ. ނަމަވެސް އަޅުގަންޑުގެ އެކުވެރިޔާގެ އާއިލާއިން އެކުވެރިޔާ އެއްވެސް މީހަކާ ކައިވެނި ކުރުވާކަށް ބޭނުމެއް ނުވިއެވެ. ސަބަބަކަށްވީ އަޅުގަންޑުގެ އެކުވެރިޔާއާކީ ލޯފަން މީހަކަށް ވުމެވެ. އެކުވެރިޔާގެ އާއިލާއިން އޭނަޔާ ދިމާލާށް ބުންޏެވެ. "ތިޔައީ އަމިއްލަ ހާލައިގެން ނޫޅެވޭ ލޯފަން މީހެކެވެ. ކައިވެންޏެއް ކޮށްގެން އުޅެވޭނެ މީހެއް ނޫނެވެ. ނިކަން އަމިއްލަ ހާލާ މެދު ވިސްނާލަ ބަލާށެވެ." 

ރައްދުގާ އަޅުގަންޑުގެ އެކުވެރިޔާ ހަމަ އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އެކުވެރިޔާ އެދުވަހު ވާނެ ދެރަ އަޅުގަންޑަށް އިހުސާސް ކުރެވުނެވެ. އޭނަ އަޅުގަންޑު ގާތު ދެރަވެފާ ބުންޏެވެ.  

"މައިންބަފައިން ނުރުހޭ ގޮތަކަށް އަހަރެން އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫނެވެ. އަހަރެން ކައިވެނި ކުރަން ކިތަންމެ ބޭނުންވިޔަސް ކައިވެނި ކުރަން ބޭނުމީ އާއިލާގެ ރުހުމުގައެވެ.  ރަންގަޅު ގޮތުގާ ދިރި އުޅުމެއް ފެށުމުގެ ގޮތުން އަޅުގަންޑުގެ އެކުވެރިޔާ މިހާރު އެގެންދަނީ އެ ފިރިހެން ކުށްޖާ އާ އެކު ކައިވެނި ކުރެވޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.  

އަޅުގަންޑުގެ އެކުވެރިޔާއަކީ އަޅުގަންޑު ދެކޭ ގޮތުގާ ވަރަށް ނަސީބު ރަންގަޅު މީހެކެވެ. އެއީ އަޅުގަންޑުގެ އެކުވެރިޔާއަށް ލިބިފާވާ ކަހަލަ ރަންގަޅު ބައިވެރިޔެއް މިޒަމާނުގާ އަތް ފުނާ އަޅައިގެންވެސް ހޯދަން އުންދަގޫވާނެތީއެވެ.  

އަޅުގަންޑުގެ އެކުވެރިޔާއަށް މިހާލަތުގާ ކަންތައް ކުރެވި ދާނެ ގޮތެއް ބުނެދެވި ދާނެތ؟ 

ތިއަ ޙާލަތުގައި އެކުވެރިޔާގެ ނިންމުން ގޯސްކަމަކަށް ނުބުނެވޭނެއެވެ. ސަބަބަކީ ކައިވެނި ރޫޅުނުނަސް އެނބުރި ދާންޖެހޭނީ ޢާއިލާގެ ގާތަށް ކަމަށްވާތީއެވެ. ނަމަވެސް އެކުވެރިޔާގެ މައިންބަފައިން ކަންތައް އެކުރީ ރަނގަޅަކަށް ނޫނެވެ. އެޙާލުގައި ހުއްޓައިވެސް ކައިވެނިކުރާނެ ރަނގަޅު މީހަކު ލިބި އަދި އޭނާގެ ޢާއިލާއިން އެކަން ޤަބޫލުކުރުމުން އެކުވެރިޔާގެ ޢާއިލާއަށް އޮތީ އަވަހަށް ކައިވެންޏަށް ރުހި ޤަބޫލުވުމެވެ. ކައިވެނިކޮށްދީ އެކުގައި އުޅެވޭތޯ ބަލަން ފުރުޞަތުދިނުމެވެ. އަދި އެހީތެރިވުމެވެ.  

ލޯފަން އަންހެނުންވެސް އަދި ފިރިހެނުންވެސް ކައިވެނިކޮށްގެން އުފަލުގައި އެބަ އުޅެއެވެ. ދަރިންވިހައި ބަލަމުންވެސް އެބަގެންދެއެވެ. އެމީހުންނަށް ބައިވެރިޔާއާއިއެކު ދުނިޔޭގައި އުޅުމުގެ ކުޅަދާނަކަމާއި ދަރިންބެލުމުގެ ކުޅަދާނަކަންވެސް ﷲ ތަޢާލާ ދެއްވަވަތެވެ. މިއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އެތައް ބައަކު ކޮށްފައިވާ އަދި މިހާރުވެސް ކުރަމުން ގެންދާ ތަޖުރިބާއެކެވެ.  

އެކުވެރިޔާއަށް ހިތްވަރުދޭށެވެ! ކައިވެނިކުރެވޭނެ މަގު ފަހިކޮށްދެއްވެވުން އެދި ދުޢާކުރަމުން ގެންދަން ނަޞޭޙަތްތެރިވާށެވެ! މަގުފަހިކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ



މިއަދު އޮންލައިން