ކަވެނިކޮށްގެން ހުރިނަމަ ބައިވެރިޔާއަށްވުރެ ރީތި މީހަކު ހުރިކަމަށް ހަދައިގެންނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކަވެނިކޮށްގެން ހުރިނަމަ ބައިވެރިޔާއަށްވުރެ ރީތި މީހަކު ހުރިކަމަށް ހަދައިގެންނުވާނެ!: މުފްތީ މެންކް

ރީތި މީހުން އަބަދުވެސް ފެންނާނެއެވެ. އަންހެނުންނަށް ރީތި ފިރިހެނުން ފެންނާނެއެވެ. ފިރިހެނުންނަށް ރީތި އަންހެނުން ފެންނާނެއެވެ. އެމީހުންނަށް ސަމާލުކަންދޭންވާނީ ކައިވެނިނުކޮށް ހުރިނަމައެވެ. ކައިވެނިކުރުމަށްފަހު މަސައްކަތްކުރަން އޮތީ ބައިވެރިޔާއަކީ އެންމެ ރީތި މީހާކަމަށް ދެކެގެންނެވެ.

ކައިވެނިކުރުމަށްފަހު ލޯބިވުމަކީ ނުވަތަ އެކުގައި ދުވަސްތައް ހޭދަކުރުމަކީ އަހަރުގެ ނުވަތަ ހަފްތާގެ ވަކި ދުވަހަކު ކުރާ ކަމަކަށް ހަދައިގެން ދެމަފިރިންނަށް އެކުގައި އުފަލުގައި ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އުފަލުގައި ދިރިއުޅެވޭނީ ކޮންމެ ދުވަހަކު ވީހައި ގިނަ ވަގުތު އެކުގައި ހޭދަކޮށްގެންނެވެ. އެކަން ކުރެވޭނީ ބައިވެރިޔާއާއިއެކު ވަގުތު ހޭދަކުރުމަކީ ފޫހިވާކަމަކަށް ނުވެގެންނެވެ. އެކަންކުރެވޭނީ އަބަދުވެސް ބައިވެރިޔާއަކީ އެންމެ ރީތި މީހާ ކަމުގައި ހަދައިގެންނެވެ.

އެހެން ނަމަވެސް އަހަރެމެންނަށް މިހާރު މިވާގޮތަކީ ބައިވެރިޔާ ރީތިވަނީ ކައިވެނިކުރެވި ހަނީމޫން ނިމެންދެންނެވެ. އެހިސާބުން ބައިވެރިޔާ ރީތިކަމުގެ ހަނދުއޮއްސެނީއެވެ. ހަނދުއޮއްސުނީމާ ދުނިޔެއަށް އަނދިރިކަން ވެރިވާ ފަދައިން ޙަޔާތަށް އަނދިރިކަން ވެރިވެގަންނަނީއެވެ!

ކައިވެނީގެ ގުޅުން ދަމަހައްޓަން ބޭނުންނަމަ މިވިސްނުން ބަދަލުކުރަން އެބަޖެހެއެވެ. ބައިވެރިޔާގެ ރިތިކަން ގެއްލެން ޖެހޭނީ އޭނާގެ އަޚްލާޤް ނުބައިވެ ނުކިޔަމަންތެރިވުމުންނެވެ. ނަބޭޙަތް ޤަބޫލުނުކޮށް ކުށްތައް ތަކުރާރުކުރަން ފެށުމުންނެވެ.

ޒަވާޖީ ޙަޔާތުގައި މީސްތަކުންނަށް ކުރިމަތިވާ ޙާލަތުގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. ބައިވެރިޔާއަކީ އެންމެ ރީތިމީހާކަމަށް ދެމީހުންވެސް ޤަބޫލުކޮށް އެކުގައި ދިރިއުޅެން މަސައްކަތްކުރާނަމަ ފަހުން މިބުނި ފަދަ މައްސަލަތައް ކުރިމަތިވަނީ ވަރަށް މަދުންނެވެ. ބައިވެރިޔާއަކީ އެންމެ ރީތިމީހާކަމަށް ބަލައިގެން ދިރިއުޅެން މަސައްކަތްކުރާނަމަ ހަނީމޫން އަބަދުވެސް އޮންނަނީ ކުރިއަށެވެ. ހަނދެއް ދުވަހަކުވެސް ނުއޮއްސެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން