އުޚުތުންނަށް އެހީތެރިވުމަށް ސަމާލުކަންދޭ މީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުގެ ފުރުޞަތު ބޮޑުވެގެންދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އުޚުތުންނަށް އެހީތެރިވުމަށް ސަމާލުކަންދޭ މީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުގެ ފުރުޞަތު ބޮޑުވެގެންދޭ!

އެއްބަނޑު އަންހެނަކު ނެތުމަކީ ކާނެ އަރެއް ނެތުން ފަދަ ކަމެއްގެ ގޮތުގައި ބުނެވެއެވެ. އެހެން އެބުނެވެނީ އުޚުތުންނަކީ އެމީހުންގެ އަތުގައި އޮންނަ ކާއެއްޗެއް ވަރަށް ހިތްހެޔޮކަމާއިއެކު ވަރަށް ފަސޭހައިން ދިއްކޮށްލާ ބައަކަށްވާތީއެވެ. އަދި މައިމީހާގެ މަޤާމުވެސް އަދާކުރާ ބައަކަށްވާތީއެވެ.

އިސްލާމް ދީނަށް ބަލައިފިނަމަ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަންހެނުންނަށް ދޭންޖެހޭ ސަމާލުކަން މާބޮޑެވެ. އެކަނބަލުންނަށް ރައްކައުތެރިކަން ފޯރުކޮށްދޭންޖެހޭ މިންވަރާއި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މިންވަރުވެސް މާބޮޑެވެ. މިކަންކަމުން އެނގިގެންދަނީ އިސްލާމް ދީނުގައި އަންހެނުންނަށް ދެއްވަވާފައިވާ ޤަދަރުގެ މަތިވެރިކަމެވެ.

އިސްލާމް ދީނުގައި އަންހެނުންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ މަތިވެރިކަން ނިކަން ދެކެބަލާށެވެ! ތިބާގެ އުޚުތަކު ހާލުގައި ޖެހިގެން ތިބާގެ ކިބައިން އެހީތެރިކަމަށް އެދުމުން އޭނާގެ ބޭނުން ފުއްދައިދިނުމަކީވެސް އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވެގެންދާނެ ކަމެކެވެ. އެކަމުގެ ސަބަބުން ސުވަރުގެ ދެއްވަވާ އަޅަކަށްވުމަށް އުންމީދުކުރާށެވެ!

ވީމާ ތިބާގެ އުޚުތަކު ތިބާގެ ކިބައިން އެހީއަކަށް އެދިއްޖެނަމަ އެކަމެއް ކޮށްދެވެން އޮވެ ކޮށްނުދީ ދޫކޮށްނުލާށެވެ! އޭނާގެ ބޭނުން ފުއްދައި ނުދީފިނަމަ އެދޫކޮށްލެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގނެވެން އޮތް ފުރުޞަތެވެ.

ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އުޚުތުންނަށް އެހީތެރިވުމަކީ އެކަމުގެ ޘަވާބު ބޮޑު ޢަމަލެކެވެ. ވީމާ ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ކިތަންމެ ދަންވަރަކު ގުޅި ނަމަވެސް އުޚުތަކު ޙާލުގައި ޖެހިގެން ގުޅައިފިނަމަ އެކަމެއް ކޮށްނުދީ ދޫކޮށްނުލާށެވެ!

އުޚުތާގެ ދަރިން ތިބިނަމަވެސް އުޚުތާއަށް އެހީތެރިވެދިނުން ހުއްޓައިނުލާށެވެ! ވެވެން އޮތްވަރަކަށް އެހީތެރިވެދެމުން ގެންދާށެވެ. އެކަމުގެ ސަބަބުން ތިމާއަށް ރަޙްމަތް ލެއްވެވުމަށް އެދޭށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން