ބަންގިނިމި ޤަމަތް ދިނުމާ ދެމެދުގަ ލިބޭ ވަގުތުކޮޅުގެ އެންމެ ފައިދާހުރި ގޮތުގަ ހިފާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ބަންގިނިމި ޤަމަތް ދިނުމާ ދެމެދުގަ ލިބޭ ވަގުތުކޮޅުގެ އެންމެ ފައިދާހުރި ގޮތުގަ ހިފާނެ ގޮތް-

ބަންގިގޮވުމުން އޮތީ އިހުސުންނަތް ކުރަންބޭނުންވާ މީހާ އިހުސުންނަތް ކުރުމެވެ. މިހެން ބުނި ނަމަވެސް އިހުސުންނަތް ކުރަން ބޭނުން ނުވާނެ މީހަކު ހުންނާނެކަމަށް ޤަބޫލުކުރާ ހިތެއް ނުވެއެވެ.   

(ބަންގި ގޮވުމާ އިމާމް މީހާ ޤަމަތް ދިނުމާއި ދެމެދުގައި (ފަތިސް ނަމާދު ފިޔަވައި) ރާއްޖޭގައި ޢަމަލުކުރާ ގޮތަށް ބަލައިފިނަމަ ލިބޭނީ ޢާންމުގޮތެއްގައި ގިނަވެގެން 2 މިނިޓެއްހައި އިރެވެ. އެއީ ދުޢާކުރަންވީ ގޮތަށް ދުޢާކުރަން ބަލާނަމަ ވަރަށް ކުޑަކުޑަ ހިނދުކޮޅެކެވެ.)  

އެހެންކަމާއިއެކުވެސް ދުޢާކުރުމުގެ ބަދަލުގައި ބައެއް މީހުން ފޯނުހުޅުވައިގެންނާއި ހިތުންވެސް ޤުރްއާން ކިޔަވައެވެ. އެހެންކަމުން އަހުރެންނަށް ފެންނަ ބަހެއް ބުނެލާނަމެވެ.

ބަންގި ގޮވީންސުރެ އިމާމް މީހާ ޤަމާތް ދިނުމާއި ދެމެދުގައިވާ ވަގުތަކީ ދުޢާ ޢިޖާބަކުރައްވަވާނެ ވަޤުތުކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ނަމަވެސް ބައެއް މީހުން ސުންނަތްކޮށްގެން ވެސް އަދި ސުންނަތް ނުކޮށްވެސް ކީރިތި ޤުރްއާން ކިޔަވަން އެބަތިބެއެވެ.  

ކީރިތި ޤުރްއާން ކިޔެވުމަކީ އެންމެ ހެޔޮ ޢަމަލެވެ. އެންމެ މަތިވެރިކަން ބޮޑު ޢަމަލެވެ. އެހެނީ އެއީ އެންމެ މަތިވެރި ޛިކުރުކުރުމެވެ. އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ނަމަވެސް މިވަގުތުކޮޅުގައި އަހުރެން ބުރަވާނީ އެމީހަކު އެދޭ ކަމަކަށް އެދިގެން ދުޢާކުރުމަށެވެ. އެހެނީ ދުޢާ ޢިޖާބަކުރައްވަވާ ވަގުތުގެ ގޮތުގައި ބަޔާންވެގެންވަނީ ވަރަށް މަދު ވަގުތުކޮޅުތަކެއް ކަމުގައިވާތީއެވެ.  

އަހަރެމެން އަބަދުވެސް މަސައްކަތްކުރަންވާނީ ވަގުތާއި ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށެވެ. ކަންކަމަށް ޚާއްޞަ ވަގުތުތަކެއް ކަނޑައަޅުއްވަވައި އަދި އެވަގުތުގައި ކުރަން ޚާއްޞަ ކަންތައްތަކެއް ކަނޑައަޅުއްވަވާފައިއެވަނީ އެސަބަބަށްޓަކައެވެ.  

ކޮންމެ މީހަކުވެސް ﷲ ތަޢާލާގެ ޙަޟްރަތުން އެދި ދަންނަވަންހުރި ކަންކަން ބައިވަރެވެ! ބަންގިއާއި ޤަމަތާއި ދެމެދު އެއްވެސް ވަރަކަށް ހުސްވަގުތުކޮޅެއް ލިބިއްޖެނަމަ އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގެ ތަރުތީބުން ތަރުތީބުކޮށް އަވަހަށް ދުޢާކޮށްލާށެވެ!  

މީސްތަކުންނޭވެ! ނަމާދުކޮށް ނިމިގެން އަދި ރަވާތިބު ސުންނަތުގެފަހުންވެސް ޤުރްއާންކިޔެވިދާނެއެވެ. ނަމަވެސް މިބަޔާންކުރި ކުޑަކުޑަހިނދުކޮޅު ފާއިތުވުމުން އެ ފުރުޞަތު ގެއްލިގެންއެދިއައީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން