ތިބާ ދެރަކޮށް ނިކަމެތިކޮށްލަން މީހުން ބުނާ ބަސްތަކުން ތިބާއަށް އަސަރެއް ނުކޮށް ހުރެވޭނެ ގޮތް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ތިބާ ދެރަކޮށް ނިކަމެތިކޮށްލަން މީހުން ބުނާ ބަސްތަކުން ތިބާއަށް އަސަރެއް ނުކޮށް ހުރެވޭނެ ގޮތް-: މުފްތީ މެންކް

ތިބާގެ ކިބައިގައި އުނިކަމެއް ނެތަސް އެބަހުރިކަމަށް ބުނާނެ ބައަކު އުޅޭނެއެވެ. ހަމައެއާއިއެކު ކޮންމެ މީހެއްގެ ކިބައިގައިވެސް އުނިކަންތައްތަކެއްވެސް ހުންނާނެއެވެ. ދިރިއުޅެވެން އޮތީ މިކަންކަން މިގޮތަށް ޤަބޫލުކޮށްގެންނެވެ. 

ބައެއް ފަހަރު މީހުންނަށް އެންމެ ބޮޑަށް އަސަރުކުރާ އެއްކަމަކީ އެމީހާއަކީ ނިކަމެއްޗެއް ކަމަށް ބުނެ އެއްޗެތިގޮވުމުންނެވެ. ދެރަކޮށް ނިކަމެތިކޮށްލުމުންނެވެ. އެއްވެސް އަގެއް ނެތް މީހަކު ކަމަށް ހަދައިލުމުންނެވެ. 

ބުނަންހެއްޔެވެ؟ އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ދެރަނުވާށެވެ! ހިތާމަނުކުރާށެވެ! އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ! ތިމާއަށް ﷲ ތަޢާލާ ދެއްވަވާފައި ނުވަނީ ކޮން ނިޢްމަތެއްހެއްޔެވެ؟ ޙިއްޞުތައް ސަލާމަތުން އެބަހުރި ނޫންހެއްޔެވެ؟ އަތްފައިގެ ބާރު އެބަހުރި ނޫން ހެއްޔެވެ؟ 

ދެން އޮތީ މާލީ ގޮތުން ތަނަވަސްކަން ކުޑަވުމާއި ބަލިވުން ނުވަތަ ނުކުޅެދުންތެރިކަމެއް ހުރުމެވެ. އެއީވެސް ދެރަވާންޖެހެންވީ ކަމެއް ނޫނެވެ. އެހެނީ އެކަންކަން ކުރިމަތިކުރައްވަވާފައި އެވަނީ ﷲ ތަޢާލާއެވެ. އެކަންކަން ހުރިނަމަވެސް ދިރި ދުނިޔޭގައި ހުރިނަމަ އެމީހަކު އެހުރީ ހަމަ ﷲ ތަޢާލާގެ ރަޙްމަތުގައެވެ. އަދި ފުރާނަގެންދެވިނަމަވެސް އެނބުރިދާންޖެހޭނީވެސް ހަމަ އެކަލާނގެ ޙަޟްރަތަށެވެ. 

އެހެންކަމަށްވާއިރު މީހަކު ތިބާ ދެރަކޮށްލަން ބުނާ ބަހަކާއިމެދު ކަންބޮޑުވާންޖެހެންވީ ކީއްވެގެން ހެއްޔެވެ؟ އޮތީ އުފާކުރުމެވެ. 

ދެން އޮތީ މީހުން ތިބާގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި ދޮގުވާހަކަ ފެތުރުމެވެ. އެފަދަ ކަމެއް ކުރިނަމަވެސް ދެރަވެ ހިތުގައި ޖެހިގެން ހުންނަން ނުހަދާށެވެ. އަވަހަށް އެމީހަކަށް މާފުކޮށްލާށެވެ. އެއިރުން ﷲ ތަޢާލާ ތިބާއަށް ލައްވަވާ ރަހްމަތް މާބޮޑުވާނެއެވެ. 

އަދި މިކަންވެސް ވިސްނައިލާށެވެ! މިއުންމަތުގެ ލޮބުވެތި މައިކަނބަލުންގެ ތެރެއިންވެސް އެންމެ މަތީދަރަޖައިގައި ހިމެނިވަޑައިގަންނަވާ ޢާއިޝަތުގެފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް ނުއަޅުވާހެއްޔެވެ؟ ވީއިރު އަހުރެމެންނަކީ ކޮން ބައެއް ހެއްޔެވެ؟ 

މިބުނި ކަންކަމަށް ވިސްނައިލުމުން ހުރިހާ އެންމެންގެ ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދާނެއެވެ. ﷲ ތަޢަލާގެ ޙަޟްރަތުގައި ދަރަޖަ އުފުލިގެންވާ މީހަކު ކަމުގައިވުމަށް މަސައްކަތްކުރާށެވެ. އެފަދަ ދަރަޖައަކަށް ދެވިއްޖެނަމަ ދަރަޖަ އަތުލައި ތިރިކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން