ކޮންމެ ދެމަފިރިއެއްގެ ދެމެދުގައިވެސް ފިތުނަ އުފައްދުވައި މައްސަލަތައް ޖައްސުވާނެ ޝައިޠޯނުންތައް އަބަދުވެސް އުޅޭނެއެވެ. އެކަމުގެ އުނދަގޫތައްވެސް ފޯރާނެއެވެ. އަހަރެމެންނަށް އޮންނާނީ އެކަންކަމުން ސަލާމަތްވާން ގަދައަޅައި މަސައްކަތްކުރުމެވެ.
ކިތަންމެ ހިތާމަހުރިކަމެއް ނަމަވެސް އަބަދުވެސް ގިނަ ބައަކަށް އެންމެ ބޮޑަށް ކަންބޮޑުވެގެން އުޅެންޖެހިފައި މިވަނީ ދެމަފިރިންގެ މައްސަލަތައް ޙައްލުނުކުރެވިގެން ކަމެވެ. ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހި ދެން ހެދޭނެ އިތުރު ގޮތެއް ނެތި ހުރިހާ މަގުތައް ބަންދުވުމުން ކުރާނެ ދުއާއެއްގެ ވާހަކައިން ގިނަބައަކު ސުވާލުކުރެއެވެ. ދުޢާތައް ގިނައެވެ. ނަމަވެސް މުޞިބާތުގެ އެފަދަ ވަގުތުގައިވެސް ކުރަން އަހަރެން ބުނާނީ މި ދުޢާއެވެ. މި މައުޟޫއަށް ވާހަކަދެކެވޭ ކޮންމެ ދަރުސެއްގައި ވެސް ފާހަގަކުރަމުން މިގެންދަނީ ހަމަ މިދުޢާގެ ވާހަކައެވެ.
މިވާހަކަތައް ތަފާތު ޢިބާރާތުން ޢިލްމުވެރިން ބަޔާންކުރައްވަމުން ގެންދަވައެވެ. ސަބަބަކަށް އެވަނީ އިސްލާމީ ޖުޖުތަމައުތަކުގައި މިހާރު އޮތް އެންމެ ބޮޑު އިޖުތިމާޢީ މައްސަލައަށް ކައިވެނިރޫޅޫމުގެ މައްސަލަވާތީއެވެ. އެކަމާއި ގުޅިގެން ކުރާ ސުވާލުތައް ގިނަވުމުންނެވެ.
އެހެނީ މިދުޢާގައި މިދަންނަވަނީ ތިމަން އަޅާއަށް ބޭނުންވެގެންވަނީ ހަމައެކަނި އިނބަ ﷲ ގެ އެހީތެރިވެވޮޑިގަތުން ކަމަށެވެ. އެހެން ދެވަނަ ފަރާތެއްގެ އެއްވެސް އެހީތެރިކަމަކަށް ބޭނުންވެގެން ނުވާކަމަށެވެ. ވީމާ އިޚްލާޞްތެރިކަމާއިއެކު އެމޭރުމުން ދުޢާކުރުމުން އެމީހަކު ހުސްއަތާ ދޫކޮށްލެއްވެވުމަކީ ﷲ ތަޢާލާ ކުރައްވަވާނެ ކަމެއް ނޫނެވެ! އިން ޝާ ﷲ
- حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
މިދުޢާއަކީ އިބްރާހީމްގެފާނު އަލިފާންގަނޑަށް އެއްލައިލެވުމުން އެއަލިފާންގަނޑު އެކަލޭގެފާނަށްޓަކައި ފިނި ބަގީޗާއަކަށް ބަދަލުކުރައްވަވައި ދެއްވެވެވި ދުޢާއެވެ. "އެއްވެސް އެހީތެރިކަމަކަށް ބޭނުންފުޅުތޯ؟" ޖިބްރީލްގެފާނު ސުވާލުކުރެއްވެވުމުން ޖިބްރީލްގެފާނުގެ އަރިއަހުން އެއްވެސް ކަމަކަށް ބޭނުންފުޅުނުވާކަމަށާއި އެހީތެރިކަން ބޭނުންފުޅުވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންކަމަށް ވިދާޅުވެ ކުރެއްވެވި ދުޢާއެވެ.
ތަޖުރިބާކުރިމީހުން ދީފައިވާ މައުލޫމާތުގެ މައްޗަށްބުރަވެހުރެ ބުނަމެވެ. ދެމަފިރިންގެ މެދުގައި މައްސަލަޖެހި ދެން އެހެން ގޮތެއް ނެތޭ ޙާލަތުގައިވެސް މިދުޢާކުރުމުން މައްސަލަ ހަމަޖެހިގެންދެއެވެ. ތިމާއަށް ފައިދާކުރާނެ ގޮތަށް ކަންކަން ނިމިގެންދެއެވެ.
ފަހަރެއްގައި ކައިވެނި ރޫޅިވެސްދާނެއެވެ. ނަމަވެސް ނިމިގެންދާނީ ތިބާއަށް އުފާވެރިކަން ލިބިގެންނެވެ. އެއީ ކައިވެނި އަލުން ރުޖޫޢަކުރެވުން ނުވަތަ ދެން ކުރާ ކައިވެނިން ލިބޭ އުފާވެރިކަން ބޮޑުވުން ފަދަ ގޮތަކުންނެވެ.
ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި 100 އިންސައްތައަށްވަކީލްކުރާ އަޅަކު މާޔޫސް ނުކުރައްވަވާނެތެވެ! އޭނާގެ ހުރިހާ ބޭނުންތައްވެސް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން