ގިނަ ފަހަރަށް ދެވިހިފަނީ ނުބައި ޢަމަލުތައް ކުރުމަށެވެ. އެކަމުގެ ސަބަބުން ތިމާއަށް ގެއްލުންވާނެ ޢަމަލުތައް ކުރުމަށެވެ. ދެން އުޅެން ޖެހެނީ އެކަމަކުން ސަލާމަތް ނުވެވިގެންނެވެ. އެހެންވެ މިކިޔައި ދެނީ އެކަންކަމަށް ދެވިހިފުމުން ތިމާއަށް އެންމެ ފައިދާކުރާނެ ކަންކަމުގެ ވާހަކައެވެ. އެންމެ ފައިދާހުރި ދެވިހިފުމުގެ ވާހަކައެވެ. ސުވަރުގޭގެ އެންމެ މަތީދަރަޖަ ލިބި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައި ވުމުގެ ފުރުޞަތު ހޯދެން އޮތް ގޮތުގެ ވާހަކައެވެ.
އެކަން ޙާޞީލްވުމުން، މިވެނިކަމެއްކޮށް ނިންމައިލެވުމުން ގިނަ ވަޤުތު ހޯދައިގެން ބޮޑެތި ހެޔޮ ޢަމަލުތައް ކުރަން މަޑުނުކުރާށެވެ! ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ނަމަވެސް ޤަވާއިދުން ކުރަމުން ގެންދާށެވެ! އެކަމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ފަހުން ބޮޑެތި ހެޔޮ އަމަލުތައް ކުރަން މަޑުކޮށްގެން ހުއްޓައި އެކަން ނުކުރެވި އުޅެނިކޮށް މަރުވެއްޖެ ނަމަ ދުނިޔެދޫކުރަން އެޖެހެނީ ހުސްއަތާއެވެ.
ކިތަންމެ ކުޑަ ޢަމަލެއްކަމުގައިވީނަމަވެސް ހެޔޮ ޢަމަލުތައް ކުރަން ފެށުމަކީ ބޮޑެތި ޢަމަލުތައް ކުރަން ޝައުޤުވެރިވެވޭ ކަމެކެވެ. މިޘާލަކަށް މީހަކު ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާން ފަށައިފިނަމަ ސުންނަތް ނަމާދުތައް ކުރަން ޝައުޤުވެރިކަން އުފެދެއެވެ. އިޚްލާޞްތެރިކަމާއިއެކު ފަރުޟް ރޯދަތައް ހިފާ މީހަކަށް ސުންނަތް ރޯދަތައް ހިފަން މަގުފަހިވެއެވެ. އިޚްލާޞްތެރިކަމާއިއެކު ރަވާތިބް ސުންނަތްކުރާ މީހަކަށް ވިތުރިކުރަން ހިތްވަރު ލިބެއެވެ. ވިތުރިކުރަން ފެށުމުން ތަހައްޖުދު ނަމާދުކުރަން ހިތްވަރު ލިބެއެވެ. ތަހައްޖުދުނަމާދުކުރަން ފެށުމުން ޛިކްރުކޮށް ދުޢާކުރަން ގިނަ ވަޤުތު ހޭދަކުރަން ހިތްވަރުލިބެއެވެ.
ބަންގީގެކުރިއަށް މިސްކިތަށްދާން ފަށައިފިނަމަ މަސްޖިދު ސުންނަތް ކުރެވޭހައިއިރު ކުރިން ގޮސް މަސްޖިދު ސުންނަތް ކުރަން ޝައުޤުވެރިވާންފަށާނެއެވެ. އަދި ސުންނަތް ނަމާދުތައް ޤަވާއިދުން ކުރަން ފެށުމަކީ އެކަމަށް ދެވިހިފާ ކަމެކެވެ. އިން ޝާ ﷲ އަދި އެންމެ ފައިދާކުރާނެ ދެވިހިފުމަކީވެސް އެއީއެވެ!
އެހެނީ ސުވަރުގޭގައި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވުމަށް އޮތް ޢަމަލަކީ ސަޖިދަކުރުން ގިނަކުރުންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ސަޖިދަކުރުން ގިނަކުރެވޭނީ ސުންނަތް ނަމާދުކުރުން ގިނަކުރިވަރަކުންނެވެ. އެހެންކަމަށްވާއިރު ސަޖިދަކުރުން ގިނަކުރުމަށްވުރެ ފައިދާހުރި ކަމަކީ ކޮބައިހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން