ލޯބިވެރިންނާއެކު އެކަހެރިވާން ދަރިން ދޫކޮށްލުން- ދަރިންދެކެ ލޯބިވާ މައިންބަފައިން ކުރާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ލޯބިވެރިންނާއެކު އެކަހެރިވާން ދަރިން ދޫކޮށްލުން- ދަރިންދެކެ ލޯބިވާ މައިންބަފައިން ކުރާނެ ކަމެއް ނޫން!

އަޅުގަނޑަކީ 20 އަހަރުގެ އަންހެން ކުއްޖަކީމެވެ. އުޅެނީ ވަޒީފާއެއްގައެވެ. ލޯބިވެރިއަކު ހުރެއެވެ. އެކަމަކު މަންމަ ބުނަނީ ދެމީހުން ވާހަކަދައްކަން ތިބެންޖެހޭނީ ސިޓިންގ ރޫމްގައި އެންމެންގެ ކުރިމަތީގައި ކަމަށެވެ. އެއީ އަޅުގަނޑު ދެކެ މަންމަ ލޯބިވާވަރުންކަމަށެވެ.

އަޅުގަނޑުގެ އެކުވެރި އަންހެން ކުއްޖާގެ މަންމަ އޭނާގެ ލޯބިވެރިޔާއާއިއެކު ތަންތަނަސް ދިއުމަށާއި އެކަހެރިވުމަށް ހުއްދަދެއެވެ. އެމަންމަ ވެސް ބުނަނީ އެކަން ހުއްދަކުރަނީ ދަރިފޫޅުދެކެ ލޯބިވާވަރުން ކަމަށެވެ.  

މިވަނީ ކިހިނެއްތޯ؟  

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކީ ލޯބިވެރިންނާއެކު އެކަހެރިވާން ދަރިން ދޫކޮށްލުމަކީ ދަރިންދެކެ ލޯބިވާ މައިންބަފައިން ކުރާނެ ކަމެއް ނޫންކަމަށެވެ. ސަބަބު ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ    

އިސްލާމް ދީނުގައި ހިލޭފިރިހެނާކާއި އަންހެނަކު އެކަހެރިވުން ހަރާމް ކުރައްވާފައި ވަނީ އެދެމީހުންގެ ތެރެއަށް ޝައިޠާނާ ވަންނާނެތީއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ.  

"مَا خَلَا رَجُلٌ بِامْرَأَةٍ إِلَّا كَانَ الشَّيْطَانُ ثَالِثَهُمَا".

މާނައަކީ: "ފިރިހެނަކާއި އަންހެނަކު އެކަހެރިވެއްޖެނަމަ ތިން ވަނަ މީހަކަށް ޝައިޠާނާ ހުންނާނެއެވެ." 

އިސްލާމްދީނުގައި ކޮންމެކަމެއްވެސް މަނާކުރައްވާފައިވަނީ މަތިވެރި ޙިކުމަތްތަކެއްގެ މައްޗަށެވެ. އެހެންކަމުން ފާޙިޝްކަންތައްތަކަށް މަގުފަހިކޮށްދީފާނެ ކޮންމެ މަގެއް ބަންދުކުރުމަށް އަންގަވާފައި ވެއެވެ. ހިލޭއަންހެނަކާއި ފިރިހެނަކު އެކަހެރިކޮށް ބައްދަލުކުރުން ހަރާމްކުރައްވާފައިވަނީވެސް އޭގެ ސަބަބުން ނުކުމެދާނެ ނުބައި ނަތީޖާއަކުން އިންސާނާ ސަލާމަތްކޮށްދެއްވުމަށް ޓަކައެވެ. 

ހިލޭއަންހެނަކާއި ފިރިހެނެއް އެކަހެރިވުމަކާއިނުލާ، ފާޙިޝް ޢަމަލަކަށް މަގުފަހިކޮށްނުދޭ ގޮތަށް ވާހަކަ ދެއްކުމަކީ އެންމެ ރަގަޅު ކަމެކެވެ. އެހެންނަމަވެސް ދެމީހުން އެކަހެރިވެ، ނުވަތަ ފާޙިޝް ވާހަކަ ދައްކަނީނަމަ، އިސްވެ ބަޔާން ކުރެވުނުފަދައިން އެއީ ޙަރާމް ކަމެކެވެ.

ވީމާ، ރަށްޓެހިވެގެން އުޅުމެއް ނެތެވެ. އަވަހަށް ކައިވެނި ކުރައްވާށެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

މިއަދު އޮންލައިން