ތިބާގެ ބިޒީ ޝެޑިޔުލުން ވަގުތު ކޮޅެއް ހުސްކޮށް ލައިގެން ނިކަން މިކަންކަމަށް ވިސްނާލަ ބަލާށެވެ!
ރެޢާއި ދުވާލު ލިބިފައިވާ 24 ގަޑި އިރުގެ ތެރެއިން ކިހައި ވަގުތެއް ﷲ ހަންދުމަކޮށް އެކަލާންގެއަށް ޒިކުރު ކުރުމަށް ހޭދަ ކުރެވޭ ހެއްޔެވެ؟.
ދުނިޔެވީ އެކި އެކި ކަންކަމުގާ ތިބާ އަވަދި ނެތި އުޅެމުންދާއިރު ﷲ ގެ ހަޟްރަތުން ތިބާޔއަށް ކެޑިނޭޅި ލިބިމުންދާ ނިޢުމަތްތަކަށް ޝުކުރުވެރި ވެވެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އަހަރެމެންނަށް މިއަދު ލިބިފާވާ ނިޢުމަތްތަށް ނުލިބިގެން އަހަރެމެންނަށް ވުރެ މާޙައުލުގައި އުޅޭ މީހުން ތިބާއަށް ހަމަނު ފެންނަނީހެވެ؟.
އުފަލާ މަޖަލުގާ ދުނިޔޭގެ ހަޔާތް ވޭތު ކުރަމުން ދާ އިރު އެތައް ފަހަރެއްގެ މަތިން ﷲ އަންނާނެ ކަމަށް އިންޒާރު ކުރަށްވާފައިވާ ދުވަސް ތިބާއާ އެބަ ކައިރި ވަމުން ދާކާން ހަމަ ނޭންގެނީ ހެއްޔެވެ؟.
އާލްޢިމްރަން ސޫރަތުގާ ﷲ ވަހީ ކުރަށްވާފައި ވެއެވެ.
كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ ﴿185﴾.
މާނައީ: ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ عمل ތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، قيامة ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيب ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.
ނިކަން މި އާޔަތާ ދޭތެރޭ ވިސްނާލަ ބަލާށެވެ. އެއަށް ފަހު އަމިއްލަ ނަފްސާ ސުވާލު ކޮށްލަ ބަލާށެވެ. ތިބާ ތިހުރީ ހަމަ މަރަށް މިވަގުތު ހާޒިރުވާން ޖެހުނަސް އެކަމަށް ތައްޔާރުގައި ހެއްޔެވެ؟
ކޮންމެ ދުވަހަކު އަހަރެމެންގެ ކުރި މަތީގަ އެތައް ބަޔަކު މަރުވަމުން އެދަނީ ދިރި ތިބީންނަށް ޞިހުން ގެނުވަމުންނެވެ. މިކަމުގާ ވަކި އުމުރެއް ކަންޑަ އެޅިގެން ނުވެއެވެ. އަހަރެމެންގެ ނަން އޮތީ މަރުގެ ލިސްޓުގާ ކިތައް ވަނައަށްކަން ހަމަ އެކަކަށްވެސް އިންގިގެންނެއް ނުވެއެވެ. ބައެއް މީހުންގެ ފުރާނަ ގެންދަވާ އިރު އެމީހުން ދާނީ މުސްތަގުބަލުގެ އެތަކެއް ޕްލޭން ތަކެއް ހަދަމުން ކަން ގައިމެވެ. ނަމަވެސް އަޖަލު އައިސް ޖެހުމުން އޭގެން އެވެސް ކަމަކަ ނުބަލާނެއެވެ. ތިބާ ﷲގެ ޙަޟްރަތަށް ދަތުރު ކުރާ އިރު ހަމަ އެކަނި ގެންދެވޭނީ ކުރެވިފާވާ ހެޔޮ ޢަމަލެކެވެ. މިކަމާ މެދު ކުޑަކޮންވެސް ވިސްނައިލެވޭ ނަމަ ދުނިޔެވީ ސަކަރާތުގައި އަހަރެމެން ވަގުތުތައް ނަގާލާނެ ހެއްޔެވެ؟.
ކިތަންމެ ގަބޫލު ކުރަން ބޭނުން ނުވިޔަސް ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބި ގަންނާނޭ ނަފްސެކެވެ. ވަގުތު ފާއިތު ނުވަނީސް އަވަހަ މަރަށް ތައްޔާރުވާށެވެ. ހަމަ ކޮންމެއް ވަގުތަކުވެސް ހަޔާތުގެ އަޖަލު ޖެހެ ދާނެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް