އަަބދުވެސް ބުނާފަދައިން ކޮންމެ މީހަކަށްވެސް އޮތް އެންމެ ބޮޑު ޔަޤީންކަމަކީ ތިމާވެސް މަރުވާނެ ކަމެވެ. އެކަން ޔަޤީން ނުކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް އެކަމަށް ވިސްނަން އޮތް މަގުން ވިސްނައިލެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަހުރެން ބުނާނީ ވަރަށް މަދުމީހަކަށް ނޫނީ ވިސްނައިވެސް ނުލެވޭ ކަމަށެވެ.
މީސްތަކުންނޭވެ! މީހާ މަރުވުމާއިއެކު ދުނިޔެއާއި ވަކިވީއެވެ. ވަކިވަނީ މީހާއެއް ނޫނެވެ. މީހާގެ ފުރާނައެވެ. އެހިސާބުން އެފެށެނީ ބަރުޒަޚުގެ ޢާލަމެވެ. ބަރުޒަޚުގެ ޢާލަމަކީ ބިރުވެރިކަމުން ފުރިގެންވާ ތަނެކެވެ. ސުވަރުގޭގެ ބަގީޗާއަކަށް ބަދަލުކޮށްލުމުގެ ފުރުޞަތު ތިބާއަށް އޮތީ ދުނިޔޭގައި ހުރެއެވެ. މަރުވުމާއިއެކު އެ ފުރުޞަތު ގެއްލިގެންދެއެވެ.
ނިކަން ވިސްނައިބަލާށެވެ. ތިބާ މަރުވުމުން ލޮލުގެ ފެނުން ގެއްލިގެންދެއެވެ. ވަޅުލައި ނިމޭއިރު ހަށިގަނޑޫ އޮންނަނީ ވެލިތަކުގެ ތެރޭގައި ފިތިބާރުވެފައެވެ. ލޮލާއި ވެއްޔާއި ދެމެދު އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް ވަޅުލެވުމާއިއެކު 3 ސުވާލުކުރައްވަން އެވަޑައިގަންނަވާ 2 މަލާއިކަތުންގެ ސައިޒު ބުނެދޭނެ އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. އެހައިމެ ބޮޑެވެ.
މިކަންކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ! އެކަމަކު މިކަންކަމަށް ވިސްނައިލެވޭހެއްޔެވެ؟
އަހަރެމެން އެންމެންވެސް ޖަނާޒާތަކުގައި ބައިވެރިވަމުއެވެ. ބައެއް މީހުން ވަރަށް ގިނައިންވެސް ބައިވެރިވެއެވެ. ސުވާލަކީ ޖަނާޒާއެއްގައި ބައިވެރިވެފައި އެނބުރިދާއިއރު ތިބާއަށް ބަދަލުތަކެއް އާދޭހެއްޔެވެ؟ ދެން ވަޅުލެވޭނީ ތިމާކަމަށްވެދާނެކަމާއިމެދު ބިރުވެތިވެވޭ ހެއްޔެވެ؟
މީހަކު މަރުވުމުން އަހަރެމެން އެމީހަކު ހިނަވައި ކަފުން ކުރަމުއެވެ. އެއަށްފަހު ހަށިގަނޑު ގެންގޮސް ވަޅުލަމުއެވެ. ވަޅުލާއިރު ޖަނާޒާގައި ބައިވެރިވާ މީހުން 3 މުށް ވެލި އެކަމުއެވެ. އެއީ ކީއްކުރަން ކުރާ ކަމެއް ހެއްޔެވެ؟
ޤަބުރުސްތާނަށް ނުވަދެވޭތީ އަންހެނުން ބޭރުގައި ތިބި ނަމަވެސް އެތަނުގައި ތިބެގެންވެސް ރޮއި ހިތާމަކުރަމުއެވެ. ކަރުނަވެސް އަލަމުއެވެ.
ޖަނާޒާގައިބައިވެރިވެ އަހަރެމެން އަމަލުން އަހަރެމެން މިބުނަނީ އަހަރެމެން އެފެދުނީ ވެލިންނެވެ. އެނބުރިދާނީ ވެސް ވެއްޔަށެވެ. އެއަށްފަހު ދިރިގެން ތެދުވާނީވެސް ވެލީގެތެރެއިންނެވެ. ކޮންފަދަ ޢިބްރަތްތެރި ވާހަކައެއް ހެއްޔެވެ؟
ހިތާމައަކީ މިމޭރުމުން ބުނެފައި އެނބުރިލުމަށްފަހުވެސް މި 3 ކަންތައް ހަނދާން ނުހުންނަ ކަމެވެ. އަހަރެމެން އުފައްދަވާފައިވާ ނިކަމެތިކަމެވެ. އެނބުރިދާން ޖެހޭނީ އެހައިމެ ނިކަމެތިކަމާއިއެކުގައި ކަމެވެ. އަދި ޤިޔާމަތުގެ ތާޅަފިލި ފުމެލެއްވުމާއިއެކު ކައްވަޅުން ތެދުވަންޖެހޭނީ ތިމާގެ އެއްވެސް އާރެއް ބާރެއް ނެތި ކިހައި ބޮޑު ނިކަމެތިކަމާއިއެކުގައި ކަމެވެ.
އަހަރެމެން ޤަބުރުސްތާނުން ނުކުންނަނީ މަރުވި މީހާއަށް ހެޔޮ ދުޢާކުރުމަށްފަހުގައެވެ. 3 ސުވާލަށް ޖަވާބު ދިނުމުގެ ބާރު ދެއްވެވުން އެދިއެވެ. އެކަމަށް ކުޅަދާނަކަން ދެއްވެވުން އެދިއެވެ. ޝަހާދަތުގެ މަތީގައި އޭނާއަށް ސާބިތުކަން ދެއްވެވުން އެދިއެވެ.
ސުވާލަކީ ޤަބުރުސްތާނުން ނުކުތުމަށްފަހު ކޮންމެ ވަގުތަކުވެސް ތިމާ ވަޅުލެވިދާނެ ކަމާއިމެދު ވިސްނަމު ހެއްޔެވެ؟ ތިމާ އަމަލުތައް ކުރަމުން މިގެންދަނީ 3 ސުވާލަށް ޖަވާބު ދެވޭނެ ގޮތަށް ކަމާއިމެދު ވިސްނަމުހެއްޔެވެ؟ ޝަހާދަތުގެ މަތީގައި ތިމާއަށް ސާބިތުވެވޭނެ ގޮތަށް ކަމާއިމެދު ވިސްނަމުހެއްޔެވެ؟
ވަރަށް މަދު މީހަކަށް ނޫނީ މިއިން އެއްވެސް ކަމަކާއިމެދު ވިސްނައިލެވޭ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ހެނދުނު ޖަނާޒާގައި ބައިވެރިވާ ބައެއް މީހުންގެ ކިބައިން އެދުވަހުގެ ހަވީރު ނުވަތަ އެރޭ ފެންނަ މަންޒަރުތަކުން އެމީހުން އެދުވަހު ޖަނާޒާއެއްގައި ބައިވެރިވިކަމުގެ އެއްވެސް އަސަރެއް ނުފެންނާތީއެވެ.
ބައެއް މީހުންނަށް ކައްވަޅަކީ ފިތިބާރުވެފައިވާ ނުހަނު ބިރުވެރި ތަނަކަށްވެގެންދާނެއެވެ. އަނެއްބައި މީހުންނަށް އެއީ ނުހަނު ތަނަވަސް އަދި ރަޙްމަތުން ފުރިގެންވާ ތަނަކަށް ވެގެންދާނެއެވެ. މިހެން ބުނުމުން ވެލިގަނޑެއްގައި ވަޅުލެވުނީމާ ދެން ޖާގަ ބޮޑުވެގެން ދާނީ ކިހިނަކުން ކަމާއިމެދު ބައެއް މީހުން ސުވާލުކޮށްފާނެއެވެ. ޖަވާބަކީ ތިބާއަށްޓަކައި މައިމީހާގެ ބަނޑުން ޖާގަ ބޮޑުވެ ޖާގަ ލިބެނީ ކިހިނަކުންހެއްޔެވެ؟ ވިހެއުމަށްފަހު މައިމީހާގެ ބަނޑަށް އަލުން އެ ކުއްޖާ ލައި އެ ޖާގަލިބޭތޯ ނިކަން ބަލައިބަލާށެވެ. ވީމާ ޖަވާބަކީ ކައްވަޅުވެސް ފުޅައުކުރައްވަވައި ތަނަވަސްކޮށްދެއްވަވަނީ ހަމަ މައިމީހާގެ ބަނޑުން ވެސް ޖާގަ ތަނަވަސްކޮށްދެއްވެވި ހުރިހާ ކަމަކަށް ކުޅދުންވަންތަ ﷲ ތަޢާލާއެވެ.
ވީމާ ޖަނާޒާއަށް ގޮސްފައި ހުސްއަތާ ނުކުމެގެންދާ މީހަކަށް ނުވާށެވެ! ޢިބްރަތް ޙާޞިލުކުރާށެވެ! އާޚިރަތަށްޓަކައި އަމަލުތައް ސީދާ ކުރާށެވެ! ޖަނާޒާތަކުގައި ބައިވެރިވުމަށް ނުވަދެވޭ މީހުން، އަންހެނުންވެސް މިކަންކަމަށް ވިސްނައި ބިރުވެތިވާށެވެ! ޖަނާޒާގައި ބައިވެރިވާން ޤަބުރުސްތާނަށް ނުވަދެވުނު ނަމަވެސް ކައްވަޅަށް ދާން ނުޖެހޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ! ޝަހީދުން ފިޔަވައެވެ! ޝަހީދުންގެ ފުރާނަތައް ﷲ ތަޢަލާ ރޫޙާނީ ޢާލަމަށް އުފުއްލަވާނެތެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން