ﷲ ތަޢާލާއަށް އުރެދި މީހުން މަގުފުރެއްދި މީހުންނާ ކިޔަމަންތެރިވި މީހުންގެ މެދުގަ ބިޔަ ފާރެއް ލައްވަވާނެ! ހުންނަން ބޭނުންވާ ފަޅި ކަނޑައަޅަން އޮތީ މިއަދު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ﷲ ތަޢާލާއަށް އުރެދި މީހުން މަގުފުރެއްދި މީހުންނާ ކިޔަމަންތެރިވި މީހުންގެ މެދުގަ ބިޔަ ފާރެއް ލައްވަވާނެ! ހުންނަން ބޭނުންވާ ފަޅި ކަނޑައަޅަން އޮތީ މިއަދު!

ޤިޔާމަތް ދުވަހު ހިނގާނެ ބައެއް ކަންކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. އެކަންކަމަށް ބިރުވެތިވުމުގެ ފުރުޞަތު އޮތީ މިއަދުއެވެ. މަލަކުލްމައުތު އެމީހަކާއި ބައްދަލުކުރެއްވެވުމުގެ ކުރިންނެވެ. ވީމާ ވިސްނައިގެން އަޑުއަހާށެވެ!  

މިވާހަކަ މިކިޔައިދެނީ އަހަރެންގެ ދުލުން ނަމަވެސް އަހަރެންނެއް ނޫނެވެ! މިވާހަކަތައް އަހުރެމެންނަށް ކިޔައިދެނީ ކީރިތި ޤުރްއާނެވެ. ކަނުލައި އަޑުއަހާށެވެ!  

رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِين 

"—އަޅަމެންގެ ވެރި ރަސްކަލާކޮ! އަނިޔާވެރިވި މީހުންނާއިއެކުގައި އަޅަމެން ނުލައްވަވާނދޭވެ!" (އަލްއަޢްރާފް: 47)  

ޤިޔާމަތް ދުވަހު ސުވަރުގެ ވައްދަވާ އަޅުންނާއި ނަރަކައަށް ވައްދަވާ އަޅުންނާއި ދެމެދުގައި ފާރެއް ލެވިފައިވާ ހިނދު ދެބައިމީހުންގެ މެދުގައި ވާހަކަތަކެއް ކުރިއަށްދާނެއެވެ. ﷲ ތަޢާލާގެ ވަޙީއަށް އަމަލުކުރެވުނުކަމަށްޓަކައި މުސްލިމުން ފަޚުރުވެރިވާނެއެވެ.  

"ސުވަރުގޭގެ އަހުލުވެރިން ނަރަކައިގެ އަހުލުވެރިންނަށް ގޮވައި ބުނާނެތެވެ. ތިމަންމެންގެ ވެރި ރަސްކަލާނގެ ތިމަންމންނަށް ވަޢުދުކުރެއްވެވި ކަންތައް ޙައްޤު ގޮތުގައި ހަމަކަށަވަރުންވެސް ތިމަންމެންނަށް ފޮނިއްޖެއެވެ. ފަހެ ތިއަބައިމީހުންގެ ވެރި ރަސްކަލާނގެ ވަޢުދުކުރެއްވެވި ކަންތައް ޙައްޤުގޮތުގައި ތިއަބައިމީހުންނަށް ފެނިއްޖެ ހެއްޔެވެ؟ އެއުރުން ބުނާނެތެވެ. އާނއެކެވެ!—" (އަލްއަޢްރާފް: 44)

ފަށަމުން ބަޔާންކުރި ދުޢާކުރުން ގިނަކުރަންޖެހޭ ސަބަބުގެ ވާހަކަ ވަޙީ ބަސްފުޅުގައި ވަނީ އާޔަތުގެ މިހިސާބުންނެވެ. "—ފަހެ، (އެހިނދު) ގޮވައިލައްވާ ބޭކަލަކު އެއުރެންގެ މެދުގައި ގޮވައިލައްވަވާނެތެވެ! އަނިޔާވެރިންގެ މައްޗަށް ﷲ ގެ ލަޢްނަތް ހުއްޓެވެ." (އަލްއަޢްރާފް: 44)  

އަނިޔާވެރިވުމަކީ ހަމައެކަނި މީސްތަކުންނަށް ތަޅައި އަނިޔާކުރުމެއް ނޫނެވެ. އެއީ ދާދިކުޑަކުޑަ އަނިޔާއެކެވެ. އެންމެ ބޮޑުވެގެންވާ އަނިޔާއަކީ ﷲ ތަޢާލާގެ މަގުން މީސްތަކުން ދުރުކުރަން މަސައްކަތްކުރުމެވެ.  

"އެއުރެންނީ ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކުރާ މީހުންނެވެ. އަދި އެމަގު ގުދުމަގަކަށްވުމަށް އެދޭ މީހުންނެވެ. އަދި އެއުރެންނީ އާޚިރަތް ދުވަހަށް ކާފިރުވެގެންވާ މީޙުންނެވެ." (އަލްއަޢްރާފް: 45)  

މީސްތަކުންނޭވެ! ހުޅުވާލެވިފައިވާ ހިތަކާއިގެން މީހަކު މި 2،3 އާޔަތް ކިޔައިފިނަމަ ނަރަކައިން ސަލާމަތްވެވިދާނެއެވެ. އެއީ ލަޢްނަތް ލެއްވެވިގެންވާ މީހުންގެ ތެރެއިން ނުކުމެވުމުންނެވެ. އެކަން ޙާޞިލުކުރެވޭނީ ފާރުގެ އެފަރާތުގައި ތިބެންޖެހޭނެ ﷲ ތަޢާލާ ލަޢްނަތް ލެއްވެވި މީހުންނާއި ތިބާ ވަކިވެގެންނެވެ. ފާރުގެ މިފަރާތަށް އައުދެވިގެންނެވެ. އައުމާއި ނައުން އޮތީ ތިބާގެ އަތްމަތީގައެވެ.  

ފާރުހުރަސްކޮށް ފާރުމަތިން އެފަރާތުން މިފަރާތަށް އަންނަން ބޭނުންވާނަމަ މިފަދައިން ދުޢާކޮށް އަދި ދުޢާއަށް ޢަމަލުކުރާށެވެ! 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން