ފަހުޒަމާނުގައި ހުރިހާ ޢިލްމުވެރިން ނެތިގެންދާ ދުވަސް އަންނާނެއެވެ. އެޒަމާނުގައި ޢިލްމްވެރިން ތިބިނަމަވެސް އެމީހުންގެ ބަހެއް ނުވިކޭނެއެވެ. އެޒަމާނުގައި މީސްތަކުން ޤަބޫލުކުރާނީ ނުބައި މީހުންގެ ބަހެވެ. ވެރިންކަމުގައި ކަނޑައަލަން ބޭނުންވާނީވެސް އެތަނެއްގައި ތިބި އެންމެ ނުބައި މީހުންނެވެ.
އަހަރެމެންނަށް މިއަދު އާދެވިފައި މިތިބީ ހަމަ އެފަދަ ޙާލަތަކަށެވެ. އެހެނީ ޢިލްމުވެރިން ދުނިޔޭގައި އެބަތިއްބެވިއެވެ. ނަމަވެސް އެބޭކަލުންގެ ވާހަކަ ޤަބޫލެއް ނުކުރެވެއެވެ. އެބޭކަލުންގެ ބަސް ޤަބޫލުނުކުރުމުގެ އިތުރުން ބަސްވިކޭ، ރައްޔިތުންނަށް އަމުރުކުރާ ވެރިންކަމުގައި ކަޑައަޅަމުން މިދަނީ ޖާހިލުންނެވެ.
ވީމާ މިހާރު މިތިބެވެނީ މާނުބައިކަންބޮޑު ޙާލަތުގައެވެ. ޙައްޤު ގޮތް އެނގެން އޮވެމެ ބާޠިލަށް ޢަމަލުކުރެވޭތީއެވެ.
މެދުއިރުމަތީގެ ޤައުމުތަކުގައި އެތިބަ އަހަރެމެންގެ އަޚުންގެ ޙާލަތާއިމެދު ނިކަންވިސްނައިލަބަލާށެވެ! ޖާހިލުން ނުކުމެ މުސްލިމް އަޚުންނަކީ ނުބައި ނުލަފާ ޓެރަރިސްޓުން ކަމަށް ބުނީމާ އެކަން ޤަބޫލުކުރާ ބައަކު މުސްލިމުންގެތެރޭގައި އެބަތިއްބެވެ. އަދި ޖާހިލުންކަން އެނގިތިބެ، އެޖާހިލުންގެ ބަސް ޤަބޫލުކޮށް ﷲ ތަޢާލާގެ މަގު ދޫކޮށްލައިގެންތިބި ވެރިން މުސްލިމުންގެތެރޭގައި ބައިވަރެވެ. ނަތީޖާއަކީ ދުވަހެއް ދުވަހަކަށް މުސްލިމުން ބަލިކަށިވެ ނިކަމެތިވަމުން ދިއުމެވެ.
އެންމެ ބޮޑު މައްސަލައަކީ އެޓީވީ ސްޓޭޝަންތަކަކީ މުސްލިމުންގެ އެންމެ ބޮޑތި ޢަދާވާތްތެރިން ހިންގާ ޓީވީ ސްޓޭޝަންތައްކަން އެނގިތިބެމެ އެތަންތަނުން ފޮނުވާ ޕްރޮގްރާމްތައް ބަލައި ދައްކާ ވާހަކަ ޤަބޫލުކުރާކަމެވެ. ނަތީޖާއަކަށް މިވަނީ ޖާހިލުން ބުނަނީ ތެދުކަން ޤަބޫލުކުރެވި ޙައްޤުބަސް ބުނާ މުސްލިމް ޢިލްމްވެރިންނާއި ލީޑަރުންނަކީ އެންމެ ގޯސް މީހުން ކަމަށް ޤަބޫލުކުރެވުމެވެ.
ރަނގަޅުމަގު ފެންނަން ނެތިގެން ނުބައިމަގުން ދެވުމާއި ރަނގަޅު މަގު ފެންނަން އޮއްވައި ނުބައިމަގުން ދިއުމަކީ ހާސްބައި ނުބައިކަން ބޮޑުގޮތެކެވެ. ނިކަން ބުނެބަލާށެވެ! މިއަދު މުސްލިމުން ހިތަށްއެރިހައި ކަމެއް މިކުރަނީ ޙައްޤާއި ބާޠިލުވަކިނުވެގެން ހެއްޔެވެ؟
--މުފްތީ މެންކްގެ ދަރުސަކުން