ދައްޖާލުގެ ވާހަކަ ދައްކާއިރަށް ގިނަބައެއްގެ ވިސްނުމަށް އަންނަނީ ބޮޑު ދައްޖާލުގެ ވާހަކައެވެ. ހިތަށް އަރަނީ އަދި ދައްޖާލު ފައުޅުވަން ކައިރިއެއް ނުވެއެވެ. ވީމާ ދައްޖާލުގެ ފިތުނަ އަހަރެންނާއި ހަމައަކަށް ނުފޯރާނެއެވެ.
ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. ބޮޑު ދައްޖާލު "މަޞީޙުއްދައްޖާލް" ފައުޅުވުމުގެ ކުރިން ދައްޖާލުންތަކެއް ފައުޅުވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. މިހާރުވެސް މިވަނީ ބައިވަރު ދައްޖާލުންތައް ފައުޅުވެފައެވެ. އެ ދައްޖާލުންތަކުގެ ފިތުނައިން ގިނަބައަކު މަގުފުރެދެމުންވެސް އެބަދެއެވެ.
މިބުނާއެއްޗެއް ރަނގަޅަށް އަޑުއަހާށެވެ! ނުބައި އެއްވެސް ކަމެއް ކުރަން ވާގިވެރިވެ ތިބާ އިސްލާމް ދީނާއި ދުރުކުރަން މަސައްކަތްކުރާ ކޮންމެ މީހަކީ ދައްޖާލެކެވެ. ކަހްފި ސޫރަތް ކިޔަވައި މާނަ އުނގެނި އަދި ކުރީ 10 އާޔަތާއި ފަހު 10 އާޔަތްވެސް އަދި މުޅި ސޫރަތް ދަސްކުރަންވީ އެ ދައްޖާލުންގެ ފިތުނައިން ސަލާމަތްވެހުރުމަށްޓަކައެވެ. އަދި ކަހްފި ސޫރަތް ހަމައެކަނި ިޔެވުމަކުން ނުފުދޭނެއެވެ. މާނަވެސް އުނގެނޭށެވެ!
ރަނގަޅަށް ވިސްނާށެވެ! މަޞީޙުއް ދައްޖާލަކީ ކަލާނގެ ކަމަށް ޤަބޫލުކުރުން ތަނަވސްކަންލިބި ތޔާގިވެގެންދާނެއެވެ. މިއަދު މިބުނަނީ ﷲ ތަޢާލާ އެންގެވި ގޮތް ދޫކޮށް ތިމަންމެން ބުނާ ގޮތަށް ޢަމަލުކުރާށެވެ! ދަތިކުރުމުގެ ފިޔަވަޅެއް ނުއަޅާނަމެވެ. އެހީވެސް ވާނަމެވެ. ލޯނުވެސް ދޭނަމެވެ. އެހެްނ ނޫންނަމަ ދަތިކުރުމުގެ ހުރިހާ ފިޔަޅުތަކެއް އަޅާނަމެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާގެ ދީނުގައިވާ މަގުން ނޫން ގޮތަކަށް އެއްވެސް ކަމެއް ކުރަން ބުނާނަމަ އެއީ ދައްޖާލެކެވެ.
ދެން މިވާގޮތަކީ ﷲ ތައާލާ އެންގެވި ގޮތް ދޫކުރެވެނީއެވެ. އެމީހުން ބުނާ ބަހަށް ހެއްލެނީއެވެ. އަދި އެމީހުންގެ އެޖެންޓުން ގެންދަނީ މުސްލިމުން އިސްލާމް ދީނާއި ދުރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ. މި އެޖެންޓުންނަކީވެސް ހަމަ ދައްޖާލުންނެވެ. އެ ދައްޖާލުންތަކުގެ ކިބައިން ސަލާމަތްވެވިގެން ނޫނީ އާޚިރަތް ދުވަހު ސަލާމަތްކަމެއް ނުލިބޭނެއެވެ.
ދަންނާށެވެ! މީސްތަކުން ދީނާއި ދުރުހެލިވަމުން އަންނަކަން އެއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. މިބުނަނީ އެންމެންގެ ވާހަކައެއް ނޫނެވެ. މުސްލިމުންގެ ތެރެއިން މަދުބައަކު ނަމަވެސް ދީނާއި ދުރުހެލިވާނަމަ އެކަމުގެ ވާހަކަ ދައްކަން ޖެހެއެވެ. ތަކުރާރުކޮށްވެސް ދައްކަން ޖެހެއެވެ. އެހެންވެ މިފަދަ ވާހަކަތައް ގިނަގިނައިން ދައްކަންޖެހެނީއެވެ.
--މުފްތީ މެންކްގެ ދަރުސަކުން