މިއީ ބައެއް ކިޔުންތެރިން ސުވާލުކުރައްވާ ކަމަކަށްވާތީ ދަންނަވަމެވެ. ފިރިހެނުންގެ އަޢުރަ އަންހެން ޑޮކްޓަރުންނަށް ދެއްކުމާ އަންހެނުންގެ އަޢުރަ ފިރިހެން ޑޮކްޓަރުންނަށް ދެއްކުމަކީ މާބޮޑު ކަމެއް ކަމަށް ގިނަބައަކު ނުދެކުނު ނަމަވެސް އެއީ ބޮޑު ކަމެކެވެ.
ކުޑަކުޑަ ޙާދިސާއެއް ކިޔައިދޭނަމެވެ.
"އަނބިމީހާ ބަލިވެ އިނދެގެން ރާއްޖޭގައި މަސައްކަތްކުރި ބިދޭސީ ފިރިހެން ޑޮކަޓަރަކަށް ދެއްކިއެވެ. އެއީ ގިނަ ބައަކު ދެއްކި މަޝްހޫރު ޑޮކްޓަރެއްވެސްމެއެވެ.
އެޑޮކްޓަރު އަންހެންމީހާގެ ގައިގައި އަތްޖައްސައިލި ގޮތަކުން އަންހެން މީހާއަށް ގޮތްތަކެއްވެ ކެތް ނުކުރެވިގެން ބެޑުން ފުންމައިލިއެވެ. ފިރިމީހާގެ ގާތުގައި އެދުނީ އަވަހަށް އެތަނުން ނެރެދިނުމަށެވެ."
މިހިރީ ހިނގާފައި ހުރި ކަންކަމެވެ. މިބާވަތުގެ އެތައް ކަމެއް ހިނގައެވެ. ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާގެ ސުވާލަށް ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ﷲ ތަޢާލާ އަޢުރަ ކަނޑައަޅުއްވަވާފައިވަނީ ވަކި ޖިންސަކަށް ނޫނެވެ. ފިރިހެނުންނަށާއި އަންހެނުންނަށްވެސް އަޢުރަ ވެއެވެ. އަޢުރަ ކަޝްފުކުރުން ދެޖިންސަށްވެސް ވަނީ ޙަރާމް ކުރައްވަވައިފައެވެ.
ތިމާއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން އަޢުރަ ކަޝްފްކޮށް ޑޮކްޓަރަށް ދައްކަން ޖެހުނު ނަމަވެސް އަނެއް ޖިންސުގެ ޑޮކްޓަރަކަށްވެސް ދެއްކުން ހުއްދަވެގެންވަނީ އޭނާގެ ޖިންސުގެ ޑޮކްޓަރަކު ނެތް ޙާލަތުގައެވެ. ވީމާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުގައިވެސް ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް އިސްލާމް ދީނުގައިވަނީ ކަނޑައަޅުއްވަވައިފައެވެ. މިސާލަކަށް އަންހެނަކު ބަލިވެއިނުމާއި ވިހެއުމާއި ގުޅޭކަމެއްގައިވެސް ފިރިހެން ޑޮކްޓަރަކަށް އަޢުރަ ދެއްކުން ހުއްދަވެގެންވަނީ އަންހެން ޑޮކްޓަރަކު ނެތިއްޖެ ޙާލުގައެވެ. އަންހެން ޑޮކްޓަރަކު ހުރިނަމަ ތިމާގެ ފިރިމީހާގެ ޙާޒިރުގައިވެސް ފިރިހެން ޑޮކްޓަރަކަށް އަންހެނާގެ އަޢުރަ ދެއްކުން ހުއްދަވެގެނެއް ނުވެއެވެ.
އިސްލާމް ދީނުގައިވާ މި މަތިވެރި އުޞޫލުތައް މުގުރާލައި އަޢުރަ ދެއްކުމަކީ ބިރުވެތިވާންޖެހޭނެ ޢަމަލެކެވެ. ކޮންމެ ކަމެއް ކުރާއިރަށް ވަގުތުން ކޯފާ ނުފޮނުއްވެވުމަކީ އެކަން ކުރުން ﷲ ތަޢާލާ ހުއްދަކުރެއްވެވުމެއް ނޫނެވެ. އަދި ﷲ ތަޢާލާ ކޯފާ ނުފޮނުއްވަވާނެ ކަމުގެ ހެއްކެއްވެސް ނޫނެވެ.
ފިރިހެނުންވެސް ވިސްނާށެވެ! ފިރިހެނާގެ އަޢުރައަކީ ހަމައެކަނި އޭނާގެ ޖިންސީ ގުނަވަނެއް ނޫނެވެ. ފޫޅާއި ކަކުލާއި ދެމެދަކީ އަޢުރައެވެ. އަދި މޭމަތި ކަޝްފްކޮށްގެން ޢާންމުތަންތަނުގައި އުޅުމަކީވެސް އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ކަމެކެވެ.
މުސްލިމުން ވާންޖެހޭނީ މިމަތިވެރި އުޞޫލުތަކުގައި ސާބިތުވާބައަކަށެވެ. ތިމާ އާއި އަނބިމީހާގެ އަޢުރަ ފުރިހަމަ ގޮތުގައި ރައްކައުތެރިކުރާ ބައަކަށެވެ. އަދި އަންހެނުން އެކަމަށް ސަމާލުކަން އިތުރުކުރަންވާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން