އޭލެވެލް އިމްތިޙާނުން 5 އޭ އާއި 2 ބީ އަދި 1 ސީ ލިބުނީމާ އެކަންވީ ބޮޑު ހަނގުރާމައަކަށެވެ. އަޅުގަނޑަށް ނުގޮވާ އެއްޗެއް ނެތެވެ. ކިޔަވައިޑޭންކުރި ބުރަމަސައްކަތާއި ކުރި ހޭދައިގެ އަގު އަޅުގަނޑު ވަޒަންނުކުރި ކަމަށް ބުންޏެވެ. 5 އޭ ހޯދިތަނެއް ނުފެނުނެވެ. ފެނުނީ 2 ބީއާއި 1 ސީއެވެ.
އެހިސާބުން މައިންބަފައިންގެ ޚަރަދުގައި ކިޔެވުން ހުއްޓައިލީމެވެ. ރައްޓެހި ކުއްޖެގެ ބައްޕަގެ އެހީގައި ވަޒީފާއެއް ހޯދީމެވެ. އެވަޒީފާގައި އުޅެ މުސާރަ ހޯދައިގެން ކިޔެވީމެވެ. އައިޔޫއެމްއިން މާސްޓަރސް ފެންވަރަށް ކިޔަވައި އޮންލައިންކޮށް ކިޔަވައިގެން މިހާރު މިވަނީ ޕީއެޗްޑީވެސް ލިބިފައެވެ.
މައިންބަފައިންނަށް ބުރަބަހެއް ބުނާކަށް ނެތީމެވެ. ނަމަވެސް ދާދިމިދާކަށްދުވަހު އަޅުގަނޑުގެ އެކުވެރިއެއްގެ ދަރިއަކާއިމެދު އެކުވެރިން ކަންތައްކުރީ ހަމަ އަޅުގަނޑާއިމެދު އަޅުގަނޑުގެ މައިންބަފައިން ކަންތައް ކުރި ގޮތަށް ކަމަށްވުމުން މިކަން މިއަދުނޫސް މެދުވެރިކޮށް ބެލެނިވެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީއެވެ.
ކިޔަވަން އަޅުގަނޑުކުރި ހިތްވަރު ކޮންމެ ދަރިއަކު ނުކޮށްފާނެއެވެ. އެކަމަކު ވިސްނާށެވެ! އެންމެ މުހިންމީ ޕީއެޗްްޑީ ޙާޞިލުކުރެވި ބޮޑުކޯޓުލައިގެން ނަގާ ފޮޓޯއެއް ނޫނެވެ. ކޮންމެ މަސައްކަތެއްކޮށްގެން ނަމަވެސް އާމްދަނީ ހޯދައިގެން އަމިއްލަ ދިރިއުޅުމެއް އުޅުމެވެ. އެކަން މައިންބަފައިންނަށް ޤަބޫލުކުރެވިގެން ނޫނީ މިމައްސަލައަށް ޙައްލެއް ނެތެވެ. --މިއަދުނޫހުގެ ކިޔުންތެރިއެއް!
ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން އެޒުވާނާ އެދައްކާވާހަކައިގައި ބުރަދަންހުރިވަރު އެނގިލައްވާނެއެވެ. އިން ޝާ ﷲ
މިރޭ މިތަނުގައި މިދައްކާ ވާހަކަ އަޑު އަހަން ބައެއް މައިންބަފައިންނަށް ފަސޭހައެއް ނުވާނެއެވެ. އުދަގޫވެދާނެއެވެ. ނަމަވެސް އެކަމަށް ބަލައި މިވާހަކަ ނުދައްކައި ތިބެވޭކަށް ނެތެވެ!
ގިނަކުދިންގެ ޢަމަލުތައް ނުބައިވެ ފޭލިއަރުންނަށްވެ އަޚްލާޤް ނުބައި ކުދިންނަށް ބަދަލުވާ އެއްސަބަބަކީ މައިން ބަފައިންގެ ދުލުގެ ނުބައިކަމެވެ. ރުޅިއަންނަ ހިނދު ދަރިންނަށް ބުނެވޭ ބަސްތަކުގެ ސަބަބުންނެވެ.
މިސާލަކަށް ދަރިފުޅު ސްކޫލްގައި ކިޔަވަނީ 10 މާއްދާއެވެ. 9 މާއްދާއިން ފާސްވިއެވެ. އެންމެ މާއްދާއަކުން ފާސްނުވުމުން "ތިއައީ ބަސްނާހާ ކުއްޖެއް! އަބަދުކުޅެން އުޅެނީ! ކަލެއަކަށް ނުކިޔެވޭނެ! ސްކޫލަށް ގޮސް ތިއަކުރާ ކަމަކީ އަހަރެމެންގެ ފައިސާ އިސްރާފްކުރުން. ޓިޔުޝަނަށް އެހައިބައިވަރު އެބަ ޚަރަދުކުރަންޖެހޭ!"
މައިންބަފައިން މިބާވަތުގެ ބަސްތައް ބުނުމުން އެއީ ހަމަ ތެދެއް ކަމަސް ކުދިންނަށް ޤަބޫލުކުރެވެއެވެ. ކިޔެވުންމަތިން ފޫހިވެއެވެ. ބަސްނާހާ ނުކިޔަވާ ކުއްޖެއްގެ އުޅެން ބޭނުންވެއެވެ. މައިންބަފައިންގެ ފައިސާ އިސްރާފް ނުކުރުވަން ކޮންމެވެސް ގޮތަކުން ފައިސާހޯދަންވެސް ބޭނުންވެއެވެ. އެކަމަށްޓަކައި މަސްތުވާތަކެތީގެ ޑީލަރުންނާއި ގުޅެއެވެ. ހަށިވިއްކަން ފަށައެވެ.
މިކަންކަމަކީ ހުރިހާ ޤަމުތަކެއްގައިވެސް ހިނގަމުންދާ ކަންކަމެވެ. ހުރިހާ މުޖުތަމައުތަކުގައިވެސް ހުރި މައްސަލަތަކެވެ. މިމައްސަކަތަކުގެ އަސްލަކީވެސް އަދި ސަބަބަކީވެސް މައިންބަފައިން ބުނާ ބަސްތަކުގެ ނުބައިކަން ބޮޑުކަމެވެ.
އެންމެ މާއްދާއަކުން ކީއްކުރަން 4، 5 މާއްދާއިން ފޭލްވިނަމަވެސް އަދި ހުރިހާ މާއްދާތަކުން ފޭލްވިނަމަވެސް ދެންމެ މިބަޔާންކުރި ފަދަ ބަސްތައް ދަރިންނަށް ނުބުނާށެވެ! މިސާލަކަށް ދެތިން މާއްދާއަކުން ފޭލްވިނަމަވެސް ބުނާށެވެ! 7 މާއްދާއިން މިއޮތީ ފާސްވެފައެވެ. ދެންފަހަރަކު ތންކޮޅެއް ބޮޑަށް ހިތްވަރުކޮށްލާނީއެވެ. މަންމަ ވެސް ބައިވެރިވާނަމެވެ. އެންމެ މާއްދާއަކުން ފޭލްވެއްޖެ ނަމަ އެކަމުގެ ވާހަކަ އެވަގުތު ނުވެސް ދައްކާށެވެ. އަނެއް 9 މާއްދާއިން ހޯދި ކާމިޔާބީ ފާހަގަކޮށް ތަޢްރީފްކުރާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން