ހަނދުމަކޮށްދިނުމެއް!: ކުރު ގޮތަކަށް ކަށުނަމާދުކުރާނެ ގޮތާ ކުރާނެ ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 10ސ
ހަނދުމަކޮށްދިނުމެއް!: ކުރު ގޮތަކަށް ކަށުނަމާދުކުރާނެ ގޮތާ ކުރާނެ ދުޢާ-

ގިނަ ބައަކު ކަށުނަމާދަށްދަނީ އެމީހެއްގެ ގާތް މީހަކު ނުވަތަ އެމީހަކު ރުހޭ މީހަކު ނިޔާވުމުންނެވެ. ގިނަ ބައަކު ދަނީ ކަށުނަމާދުކުރާނެ ގޮތް ނުއެނގިތިބެއެވެ. އެހެންކަމުން ވަރަށް ގިނަ ފަހަރު އިމާމުން ކަށުނަމާދުކުރާނެ ގޮތް ކިޔައިދެއެވެ. އަދި ބައެއް އިމާމުން ކިޔައި ނުދެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ކަށުނަމާދުކުރާނެ ގޮތް ދަސްކުރުމެވެ.

ކަށުނަމާދުގައިވަނީ ހަތަރު ތަކްބީރެވެ. ފުރަތަމަ ތަކްބީރަށްފަހު ސޫރަތުލްފާތިޙާ ކިޔަވާނީއެވެ. 

އެއަށްފަހު ޙަރަންމުހެލައި ދެވަނަ ފަހަރަށް ޙަރަމްބަންނާނީ އެވެ. ދެވަނަ ޙަރަމުގައި ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔަވާނީއެވެ. (اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدِ) . 

(ޖަނާޒާތަކުގައި ރާއްޖޭގައި ޢާންމުކޮށް ކިޔަނީ ނަމާދުގެ ފަހު އައްތަހިއްޔާތުގައި ކިޔާ އިބްރާހީމް ޞަލަވާތެވެ! އެންމެ މަތިވެރިކަން ބޮޑު ޞަލަވާތަކީ އެއީކަމަށްވާތީއެވެ.) 

އެއަށްފަހު ޙަރަމް މުހެލާފައި ތިންވަނަ ތަކްބީރަށް ޙަރަމް ބަންނާނީއެވެ. އަދި މައްޔިތާ އަށް ދުޢާ ކޮށް ދޭނީ އެވެ. 

(اَللَّهُمَّ اغْفِرْ لَهُ وَارْحَمْهُ،  وَعَافِهِ وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ،  وَوَسِّعْ مُدْخَلَهُ،  وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ،  وَنَقِّهِ مِنْ الْخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ،  وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ،  وَأَهْلًا خَيْرًا مِنْ أَهْلِهِ،  وَزَوْجًا خَيْرًا مِنْ زَوْجِهِ،  وَأَدْخِلْهُ الْجَنّةَ،  وَأَعِذْهُ مِنْ عَذَابِ الْقَبْرِ،  وَمِنْ عَذَابِ النَّارِ) 

އެއަށްފަހުގައި ޙަރަމް މުހެލުމަށްފަހު ހަތަރުވަނަ ތަކްބީރަށް ޙަރަމް ބަންނާނީއެވެ. އަދި އަމިއްލަ ނަފްސަށް ދުޢާ ކުރާނީއެވެ.(رَبَّنَا ءَاتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ)،އެއަށްފަހު ސަލާމްދޭނީއެވެ.واللهأعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން