ތައުބާވާން އޮތީ ހަމައެކަނި ސުވަރުގެ އެދިގެނެއް ނޫނެވެ. ތިމާއަށް ބާއްޖަވެރި ދިރިއުޅުމެއް ލިބުމަށާއި ރަނގަޅު ގޮތްތައް މެދުވެރިވުން އެދިގެންވެސް ކުރަން އޮތްކަމަކީ ގިނަގިނައިން ތައުބާވުމެވެ. އެހެންކަމުން ނަޞީޙަތެއްގެ ގޮތުން ބުނެލަމެވެ.
ތިމާއަށް ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް ފުރަތަމަ ކުރަންޖެހޭ 2 ކަމެއް ވެއެވެ. އެއީ ތައުބާވެ އެމީހާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމާއި ﷲ ތަޢާލާގެ މަގުގައި ޘާބިތުވުމެވެ. ފާފަކުރެވޭ މީހަކު ނަމަ ފާފަކުރުން ހުއްޓާލައި ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވުމެވެ.
މީސްތަކުންނޭވެ! ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމާއި ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމަކީ ދެކަމެކެވެ. ކޮންމެ މީހަކަށްވެސް ފާފަތައް ފުއްސަވައިދެއްވެވުން އެދި ދެންނެވުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ނަމަވެސް ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމަކީ އެހާފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. މާނައަކީ ފާފަކުރުމާއި ދުރުހެލިވެ ފާފަ ނުކޮށް ހުރުމަކީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ.
އެއީ ކުރަން އުނދަގޫ ކަމެކެވެ. ކުރަން އުނދަގޫކަމަކަށްވަނީ ޝައިޠޯނާ އެމީހެއްގެ ވަށައިގެން އެނބުރޭނެތީއެވެ. ވަސްވާސްދޭނެތީއެވެ. އެހެންކަމުން ޢިލްމުވެރިން ބަޔާނަކުރައްވަވާ ގޮތުގައި ފާފަކުރުމުން ސަލާމަތްވެވި ފާފަނުކޮށް ހުންނަން ބޭނުންމީހާ ފުރަތަމަ ކަމަކަށްވެސް ފާފައެއް ކުރެވޭއިރަށް ތައުބާވެ ވިއްދައިގެން ހެޔޮ ޢަމަލެއް ކުރަންވާނެއެވެ.
ފާފައެއް ކުރެވޭ އިރަށް ވިއްދައިގެން ހެޔޮ ޢަމަލެއް ކުރާނަމަ ޝައިޠޯނާ އެމީހަކާއި ދުރުހެލިވާން ފަށާނެއެވެ. އެއީ ފާފައެއް ކުރެވުމާއިއެކު ތައުބާވެ ވިއްދައިގެން ހެޔޮ ޢަމަލެއް ކުރާނަމަ އެމީހެއްގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންދާނެތީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން