ނަމާދުކުރުމާއިމެދު އެނގުން މުހިންމު ބައެއް ކަންކަން:
"ނަމާދުކުރާ މީހުން ކާމިޔާބު ލިބިގެންފިއެވެ" މިއީވެސް ﷲ ތަޢާލާގެ ވަޙީ ބަސްފުޅެކެވެ. އަދި "ނަމާދުކުރާމީހުންނަށް ހަލާކުހުއްޓެވެ!" މިއީވެސް ހަމަ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެކެވެ. ތިމާއަކީ ފަހުން މިބަޔާންކުރި ވަހީ ބަސްފުޅަށް ފެތިގެން ހިނގައިދާނެ ގޮތަށް ނަމާދުކުރެވޭ މީހަކަށް ވެއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ.
ނަމާދުކުރުމުން ކާމިޔާބުލިބޭނީ ނަމާދު ޤާއިމުކުރާ މީހުންނަށެވެ. ނަމާދު ޤާއިމްކުރުމަކީ ފަރުޟު 5 ނަމާދަށް ސަމާލުކަންދީގެން ނަމާދުކުރުމެވެ. އަދި ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރަން މަސައްކަތްކުރުމެވެ. ދެން ﷲ ތަޢާލާގެ ލަޢްނަތް އެބައަކަށް ލިބިގެންދަނީ ނަމާދުކުރުމުގައި ޣާފިލުވުމުންނެވެ.
މީސްތަކުންނޭވެ! ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ކުރުމަކީ ބުރަކަމެކެވެ. ބައެއް ބޭކަލުން ބަޔާންކުރައްވާ ގޮތުގައި އެބޭކަލުންނަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެއްވެވުނީ 20 އަހަރަށްވުރެވެސް ގިނަ ދުވަހު އެކަމަށް މަސައްކަތްކުރައްވައިގެންނެވެ.
ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން އެދޭމީހާ ފުރަތަމަކަމަކަށް ނަމާދަށް ދާންވާނީ ވަރަށް ރަނގަޅަށް އެކަމަށް ތައްޔާރުވެގެންނެވެ. އަދި ނަމާދުކުރަން ފަށަންވާނީ ދުނިޔަވީ ކަންކަމުން ޚިޔާލުތައް ދޫކޮށްލައިގެން ހުރެއެވެ. ނަމާދުގެ ކުރިން ކުރާ ސުންނަތް ނަމާދަކީ އެއްގޮތަކުން ބަލައިފިނަމަ ނަމާދަށް ތައްޔާރުވާން ކުރެވޭ "ޥޯމްއަޕެކެވެ."
މީސްތަކުންނޭވެ! އެހެންވީމާ ނަމާދަކަށް ނަމާދެއް ކުރުމަކުން އަދި ސަލާމަތެއް ނުވެއެވެ. ސަލާމަތްވެވޭނީ ނަމާދުގެ ސަބަބުން ތިމާއަށް ﷲ ތަޢާލާ ލައްނަތް ނުލައްވަވާނެ ގޮތަށް ނަމާދުކޮށްގެންނެވެ. ކާމިޔާބު ލިބިގެންވާ މީހަކަށް ވެވޭނެ ގޮތަށް ނަމާދުކުރެވިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން