ޙާފިޡަކަށްވާން މަސައްކަތްކުރާ އެންމެންނަށް އެހީއެއް!

ކިޔުމަށް ހޭދަވާނީ 2މ 36ސ
ޙާފިޡަކަށްވާން މަސައްކަތްކުރާ އެންމެންނަށް އެހީއެއް!

ފާޠިމަތު ނަޢީޝާ

 

މާތް ﷲ ގެ ވާގިފުޅާއި ރަޙްމަތްފުޅުން ކީރިތި ޤުރްޢާން ހިތުދަސްކުރަން މަސައްކަތްކުރާ ކުދިންނާއި ބޮޑެތި މީހުން އަންނަނީ ގިނަވަމުންނެވެ. އެއީ އުފާކުރަންޖެހޭނެ ކަމެކެވެ. ވީމާ ވިސްނާށެވެ!

ކޮންމެ ކަމެއްވެސް ތިބާއަށް ހާސިލްކުރެވޭނީ އެކަމެއް ހާސިލްކުރަން ނުގުޑާފަދަ އަޒުމެއް އޮވެގެންނެވެ. އެއީ ތިބާ ކުރާހިތްވާކަމެއްކަމުގައި ވަނީނަމައެވެ. އެގޮތުން ޤުރުއާން ހިތުދަސްކުރުމަކީ އަހަރެމެންނަށް މިދުނިޔެމަތީ ހާސިލްކުރެވޭނެ އެންމެ މުހިއްމު އެއް ކަންތަކެވެ. އެއީ އެކަމެއްގެ ސަބަބުން ތިބާގެ އާޚިރަތްވެސް ކާމިޔާބުކޮށްދޭނެކަމެކެވެ. ހަމަކަށަވަރުން، ހުރިހާ ރިޒްޤެއްގެ ވެރި ފަރާތަކީ އެކަލާނގެއެވެ. އަހަރެމެންނަށް އޮތީ ދުޢާ ކުރުމާއި އެކަމަކަށް މަސައްކަތްކުރުމެވެ. 

ޤުރުއާން ހިތުދަސްކުރަން އެދޭނަމަ، އެންމެ ފުރަތަމަވެސް ތިބާ ދެނެގަންނަންވީ އެއީ މާތްﷲ ގެ ޙަޟްރަތުގައި ކިހާ މަތިވެރިކަމެއްކަމެވެ. ރަނގަޅު ނިޔަތަކާއި އެކު ޤުރުއާން ހިތުދަސްކުރަން ފެށުމަކީ އެންމެ މުހިއްމުކަމެވެ. ތިބާ އެކަން ކުރަންވީ މިދުނިޔެމަތީ ލިބިދާނެ އެއްވެސް އުފަލެއް ހާސިލްކުރާކަށްނޫނެވެ. ހާފިޒުންނަށް އާޚިރަތުގައި ލިބޭނެ މަތިވެރި ދަރަޖަ ހަނދުމަކޮށްގެންނެވެ. ދެއްކުންތެރިކަމާއި ބޮޑާކަމަކީ އެކަލާނގެ ނުރުހުންވެވޮޑިގަންނަވާ ސިފަތަކެކެވެ. 

ޤުރައާން ހިތުދަސްކުރާއިރު އެންމެ ފަސޭހަވާނީ އަބަދުވެސް އެއް މުޞްޙަފެއް ބޭނުންކުރީމައެވެ. އަދި ދަސްކުރުމަށް ޤުރުޢާން އަޑުއަހާއިރު، ކޮންމެވެސް އެއް ޤާރީއެއްގެ ކިޔެވުން އަބަދުވެސް ބޭނުންކުރާށެވެ. ހަމައެއާއިއެކު ކޮންމެ ދުވަހަކުވެސް ވަކި މިންވަރެއް ދަސްކުރުމަށް ކަނޑައަޅާށެވެ. "ކިޔެވުން، ދަސްކުރުން، ތަކުރާރުކުރުން" މިއީ ޤުރުޢާން ހިތުދަސްކުރުމުގައި ވަރަށް ގިނަ މީހުން ބޭނުން ކުރާ އުކުޅެކެވެ. އެގޮތުން، ފުރަތަމަ ކަމަކަށް، ކަނޑައަޅާފައިވާ އާޔަތްތައް ބަލައިގެން ކިޔަވައި އަދި އަޑުއަހާނީއެވެ. 

ދެން އެއާޔަތްތައް ހިތުން ދަސްކޮށް، ގިނަ ގިނައިން ތަކުރާރުކުރާނީއެވެ. އެގޮތުން ނަމާދު ކުރާއިރު އެއާޔަތްތައް ކިއިދާނެއެވެ. އަބަދުވެސް ތިބާ ދަސްކޮށް ނިންމާފައިވާ އާޔަތްތައް ތަކުރާރުކޮށް ކިޔުން މުހިއްމެވެ. އެހެންނޫނީ ހަނދާންނެތޭނެއެވެ. ތިބާ ދަސްކުރާ އާޔަތްތަކުގެ މާނަ ކިޔާ ދެނެގަތުމަކީވެސް ލިބޭނެ އެހީއެކެވެ. އަދި ދަސްކުރާއިރު، ސޫރަތަކަށްފަހު ސޫރަތެއް، ކީރިތި ޤުރުޢާނުގައިވާ ތަރުތީބުން ދަސްކުރުމަށް ޚިޔާރުކުރާށެވެ. މިކަންކުރަންވާނީ ހަމަޖެހިލައިގެން، އެއްވެސް އަވަސްވެގަތުމެއްނެތިއެވެ. ހަމައެއާއިއެކު، ހަމައެކަނި ޤުރުޢާން ހިތުދަސްކުރުމަށް ދުވަހުގެ ކޮންމެވެސް ވަގުތެއް ކަނޑައަޅާށެވެ. އަދި އެންމެހާ ކުދިބޮޑު ފާފަތަކުން ތިބާގެ ނަފްސު ޠާހިރުކުރާށެވެ. ގިނަގިނައިން ތަޢުބާވެ އެކަލާނގެއަށް ވަކީލުކުރާށެވެ. އަދި އެކަލާނގެ ހަނދުމަކޮށް، އަޅުކަންތައް ކުރުމުން ދުރުހެލިކޮށްދޭ ކަންތައްތައް އެއްފަރާތްކޮށްލާށެވެ. 

މިކަން ހާސިލްކުރުމަށް ތިބާގެ އަމިށްލަ ނަފްސާމެދު އޮންނަ އިތުބާރަކީވެސް ވަރަށް މުހިއްމު އެއްޗެކެވެ. ކަމެއް ހާސިލްކޮށް އެކަމަކުން ކުރިއަރައިދާނީ އަމިށްލަ ނަފްސަށް އިތުބާރުކޮށްގެންނެވެ. މިކަމަކީވެސް ތިބާއަށް ކުރެވޭނެ ކަމެއްކަމަށް ހީކުރާށެވެ. އުމުރުން ދޮށިވުމުން މިކަންނުކުރެވޭނެއޭ ފަދަ ޚިޔާލުތައް ބޭރުކޮށްލާށެވެ. އެކަލާނގެ ރުއްސެވުން ހޯދާ، އާޚިރަތް ކާމިޔާބުކުރުމުގެ ނިޔަތުގައި ކީރިތި ޤުރުޢާން ހިތުދަސްކުރަންފަށާށެވެ. އިޚްލާޞްތެރިކަމާއިއެކު ތިބާ ކުރާ ކޮންމެ ހެޔޮކަމެއްގެ ޖަޒާ އެކަލާނގެ ދެއްވާނެއެވެ.

https://hidayahnetwork.com/memorization-tips/

މިއަދު އޮންލައިން