މާބޮޑު ތަނަވަސްކަމަކަށް ބޭނުން ނުވިނަމަވެސް ކޮންމެ މީހަކީވެސް އެމީހެއްގެ ބޭނުންތައް ފުއްދައިގެން އުޅެލެވޭ ވަރުގެ ތަނަވަސްކަމަކަށް އެދޭނެ މީހެކެވެ. ތަނަވަސްކަން ލިބިފައިވާނަމަ ތަނަވަސްކަން އިތުރުވުމަށްވެސް އެދޭނެ މީހެކެވެ. އެހެންވެ ގިނަ ބައަކު ނުވަތަ އެންމެންހެން އަވަދި ނެތި މަސައްކަތްކުރަމުން ގެންދަނީ ތަނަވަސްކަން އުތުރުކުރުމަށެވެ.
ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ތަނަވަސްކަން އިތުރުވާނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. ވީމާ ތަނަވަސްކަން އިތުރުވުމަށް އެދޭމީހާ ކުރަންޖެހޭ 2 ކަމެއް އެބައޮތެވެ.
ފުރަތަމަ ކަމަކީ ﷲ ތަޢާލާ ދެއްވަވާފައިވާ ތަނަވަސްކަމުން ﷲ ތަޢާލާގެ މަގުގައި ހޭދަކުރުން ގިނަކުރުމެވެ. ދެވަނަ ކަމަކީ ތައުބާވުން ގިނަކުރުމެވެ. ފާފަތައް ފުއްސަވައިދެއްވެވުން އެދި ގިނަގިނައިން ދެންނެވުމެވެ.
ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް އަސްތަޣްފާރުކުރުން ގިނަކުރާށެވެ. އެކަމުގައި އިހްމާލުނުވާށެވެ. އަސްތަޣްފާރުކުރުން ގިނަކުރަންވީ ހަމައެކަނި ތަނަވަސްކަން އިތުރުކުރުމަކަށްވެސް ނޫނެވެ. އެންމެ ދަތިޙާލުގައި ހުރިމީހަކުނަމަވެސް އަސްތަޣްފާރުކުރުން ގިނަކުރާށެވެ. އެކަމުގެ ސަބަބުން އެމީހަކަށް ރިޒުޤާއި އެހެން ނިޢުމަތްތައްވެސް އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން