ދުޢާކުރަންވާނީ ތިމާކުރާ ދުޢާ ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމާއިއެކު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 54ސ
ދުޢާކުރަންވާނީ ތިމާކުރާ ދުޢާ ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމާއިއެކު!

ދުއާކުރާއިރު ދެ ގޮތަކަށް ދުޢާކުރެއެވެ. އެއްގޮތަކީ ދުލުން ކިޔައިލުމެވެ. މާނައަކީ ކިޔާއެއްޗެއް ހިތްމައްޗަށް ނުގެނެސް ހަމައެކަނި ދުލުން ކިޔައިލާ އެއްޗެއްގެ ގޮތުގައި ކިޔައިލުމެވެ. ގިނަ ބައަކަށް ގިނަ ފަހަރު ދުޢާކުރެވެނީ އެގޮތަށެވެ.  

ނަމަވެސް އެއީ ރަނގަޅުގޮތެއް ނޫނެވެ. ދުޢާކުރަންވާނީ ދުލާއި ހިތުން އެކުއެކުގައެވެ. މާނައަކީ ދުލުންކިޔާ އެއްޗެއް ހިތްމައްޗަށް ގެންނަންވާނެއެވެ. ސަބަބަކީ ދުލުން ބަސްބުނި ނަމަވެސް ކަންކަމަށް އެދެވޭނީ ހިތުންކަމަށްވާތީއެވެ.

އިތުރުމަޢުލޫމާތު:

ދުޢާ އިޖާބަ ކުރައްވާނެކަމުގެ ޔަގީންކަން ބޭއްވުމާ ދުޢާ ކުރާ އިރުގައި ހިތާއި އެކު ދުޢާ ކުރުން-

ދުޢާ އިޖާބަ ކުރައްވާނެކަމުގެ ޔަގީންކަން ބޭއްވުމާ ދުޢާ ކުރާ އިރުގައި ހިތާއިއެކު ދުޢާ ކުރުން. 

(އެހެންކަމަކާއި ހިތް މަޝްޣޫލު ކޮށްގެން ނުހުރުން).  ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.  

(ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالإِجَابَةِ ، وَاعْلَمُوا أَنَّ اللَّهَ لا يَسْتَجِيبُ دُعَاءً مِنْ قَلْبٍ غَافِلٍ لاهٍ) 

މާނައަކީ: ތިޔަބައިމީހުން ދުޢާކުރާނަމަ، އިޖާބަ ކުރައްވާނެ ކަމުގެ ޔަގީން ކަމާއި އެކުގައި ދުޢާ ކުރާާށެވެ. އަދި ދަންނާށެވެ. ހިތް ޣާފިލުވެފައިވާ، ފަރުވާލެއްނެތި ކުރާ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެއެވެ". 

ގިނަގިނައިން ދެންނެވުން، ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދި ގިނަގިނައިން ތަކުރާރުކޮށް ދަންނަވަންވީއެވެ. އަދި ދުޢާ އިޖާބަ ނުކުރައްވައިގެން އަވަސް އަރައިނުގަންނަންވީއެވެ. ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޡް ކުރެއްވިއެވެ.  

(يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ ، مَا لَمْ يَسْتَعْجِلْ ، قِيلَ : يَا رَسُولَ اللَّهِ ، مَا الاسْتِعْجَالُ ؟ قَالَ : يَقُولُ : قَدْ دَعَوْتُ ، وَقَدْ دَعَوْتُ ، فَلَمْ أَرَ يَسْتَجِيبُ لِي ، فَيَسْتَحْسِرُ عِنْدَ ذَلِكَ وَيَدَعُ الدُّعَاءَ) 

މާނައަކީ: "އަޅާ ނުބައިކަމެއް ކުރުން ދޫކޮށްނުލާހުރުން، ނުވަތަ ރަޙިމްގެ ގުޅުންކެނޑުން، ނުވަތަ އަވަސް އަރައިނުގަންނަ ކަމަށް ވަނީ ނަމަ ދުޢާ އިޖާބަ ކުރައްވާނެއެވެ. ޞަޙާބީން ދެންނެވިއެވެ. އަވަސްއަރައިގަތުމަކީ ކޮބައިތޯއެވެ. ޙަދީޘް ކުރެއްވިއެވެ. އޭނާ ބުނާނެއެވެ. ހަމަކަށަވަރުން ވަރަށް ގިނައިން ދުޢާ ކޮށްފީމެވެ. އެކެމަކު އިޖާބަ އެއް ނުކުރައްވައެވެ. ދެން އެކަމާ މާޔޫސްވެ، ދުޢާ ކުރުން ދޫކޮށްލައެވެ". 

ކަނޑައެޅިގެން ދެންނެވުން.  

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (لا يَقُولَنَّ أَحَدُكُمْ : اللَّهُمَّ اغْفِرْ لِي إِنْ شِئْتَ ، اللَّهُمَّ ارْحَمْنِي إِنْ شِئْتَ ، لِيَعْزِمْ الْمَسْأَلَةَ ، فَإِنَّ اللهَ لا مُكْرِهَ لَهُ) 

މާނައަކީ: އިބަ ﷲ އިރާދަކުރައްވައިފިނަމަ މިއަޅާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށޭ ނުބުނާށެވެ. އެދޭ ކަމެއް ކަނޑައެޅިގެން ބުނާށެވެ. ﷲ އަށް އެއްވެސް މަޖްބޫރުކަމެއް ނެތެވެ".  

ބިރުވެރިކަމާއި، ތަވާޟުޢުވެރިކަމާއި، ސިއްރު ގޮތުގައި ދެންނެވުން. 

އަލްއަޢުރާފް ސޫރަތުގެ 55 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (اُدْعُوْا رَبَّكُمْ تَضَرُّعًا وَخُفْيَةً)  

މާނައަކީ: "މަޑުމޮޅިވެތިބެ އަދި ސިއްރުގޮތުގައި ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހަށް ކުއްތަންވެ ދުޢާ ކުރާށެވެ". އަލްއަންބިޔާ ސޫރަތުގެ 90 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ.  

(إِنَّهُمْ كَانُوْا يُسَارِعُوْنَ فِيْ الْخَيْرَاتِ وَيَدْعُوْنَنَا رَغَبًا وَّرَهَبًا وَّكَانُوْا لَنَا خَاشِعِيْنَ) 

މާނައަކީ: "އެބޭކަލުންވީ ހެޔޮކަންތައް ކުރުމަށް އަވަސްވެގަންނަ، އަދި ތިމަން ﷲ ގެ ޙަޟްރަތަށް، އެދުމާއި ބިރުވެތިކަމާއިއެކު، އަޅުކަންކުރާ ބަޔަކު ކަމުގައެވެ".  

އަލްއަޢުރާފް ސޫރަތުގެ 205 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

(وَاذْكُرْ رَّبَّكَ فِيْ نَفْسِكَ تَضَرُّعًا وَّخِيْفَةً وَّدُوْنَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ) 

މާނައަކީ: "ކަލޭގެފާނުންގެ ހިތްޕުޅުން، ކަލޭގެފާނުންގެ ސާހިބުވަންތަ އިލާހު ހަނދުމަކުރައްވާށެވެ. ކިޔަމަންވެ (ނިކަމެތިވުމުގެ) ގޮތުގައެވެ. އަދި، ބިރުވެތިވުމުގެ ގޮތުގައެވެ. ބަސްބުނުމުގެ ތެރެއިން، އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނުގެ ވަގުތުތަކާއި، ހަވީރުގެ ވަގުތު ތަކުގައެވެ. އަދި ޣާފިލުވެގެންވާ މީހުންގެ ތެރެއިން ކަލޭގެފާނު ނުވާށެވެ".

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން