ކައިވެނި ރޫޅުން ފަދަ ކަންކަމާއި ގުޅިގެން ކުރިމަތިވާ މާޔޫސްކަން ފިލުވާލަން އެންމެ ފަސޭހަ ގޮތް- ތަޖުރިބާއިން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 58ސ
ކައިވެނި ރޫޅުން ފަދަ ކަންކަމާއި ގުޅިގެން ކުރިމަތިވާ މާޔޫސްކަން ފިލުވާލަން އެންމެ ފަސޭހަ ގޮތް- ތަޖުރިބާއިން

މިއަދުނޫސްު

ކައިވެނި ރޫޅުން ފަދަ ކަންކަމާއި ގުޅިގެން ކުރިމަތިވާ މާޔޫސްކަން ބޭހުން ފިލުވައިލެވޭނެތޯ؟

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިއަފަދަ ކަންކަން މެދުވެރިވުމުން ބޭސްކުރަން މަޖުބޫރު ޙާލަތެއްގައި ނޫނީ ބޭސްކުރުމެއް ނެތެވެ. ބޭހާއި ނުލައި ޝިފާ ހޯދައިގެން ތިބި އެތައް ބައަކު ވަނީ އެކަންކަން މިއަދުނޫހާއި ޙިއޞާކޮށްފައެވެ. ތިރީގައި އެވަނީ ކިޔުންތެރިއެއްގެ ޙިއްޞާއެވެ. ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ކަމަށް ހީކުރަމެވެ.

އުމުރުން އެންމެ ސާދަ އަހަރުން ފެށިގެން އަހަރެން މިއަންނަނީ އެކި ކަހަލަ ނަފްސާނީ ބަލިތަކާއި ހަނގުރާމަ ކުރަމުންނެވެ. ޖިސްމާނީ ގޮތުން އަނިޔާތަކެއް ނުފެނުނުނަމަވެސް އެއީ ވަރަށް ވޭން ހުރި ބައްޔެއްކަން އިނގޭނީ އެކަން ތަހައްމަލު ކުރަމުންދާ މީހަކަށް އެކަންޏެވެ. ދުލުން ކިޔައިދީގެން އޭގެ ހުރި ހަޤީޤީ ވޭން އިހުސާސް ނުކުރެވޭނެއެވެ.

އުމުރުން ނަވާރަ އަހަރުން ފެށިގެން އެބަލިތަކަށް ބޭސްކުރަން ފެށީމެވެ. އެހެންނަމަވެސް އެކަށީގެންވާ ފަރުވާއެއް ނުލިބުނެވެ. އަހަރެން ބަރާބަރަށް ނަމާދުވެސް ކުރަމެވެ. ޤުރުއާން ކިޔަވައި ރޯދަވެސް ހިފަމެވެ. އެހެންނަމަވެސް އަހަންނަށް ލުއި ނުވާތީ އެކަމާއި ސުވާލު އުފެދުނެވެ. އުއްމީދު ގެއްލެމުން ދިޔައެވެ. ލޯބިވާ މަންމަ ކައިރީގައި ޝަކުވާ ކުރެވުނެވެ. މަންމަ ބުންޏެވެ. " ދަރުފުޅާއެވެ! ﷲ ގެ ރަޙުމަތުން އުއްމީދު ކަނޑާނުލާށެވެ. އެކަލާނގެ ހަޟްރަތަށް ދުޢާ ކުރާށެވެ!" އެ ބުނި ބަހާއި މެދު އަހަންނަށް ވަރަށް ފުންކޮށް ވިސްނާލެވުނެވެ.

އެދުވަހުގެ ފަހުން އަހަރެންގެ މުޅިން ދިރިއުޅުން ބަދަލުކޮށްލީމެވެ. ސުންނަތް ނަމާދުތައް ކުރުން ގިނަ ކުރީމެވެ. ޙާއްސަ ސަމާލުކަމެއްދީގެން ދަމުނަމާދު ކުރަން ފެށީމެވެ. ގިނަގިނައިން ދުޢާ ކުރީމެވެ. ދުޢާ ކުރުމުގައިވެސް ވަކި ކަންތައްތަކަކަށް ސަމާލުކަމެއް ދިނީމެވެ. ދުޢާ ކުރަން ފަށަނީ މާތް ﷲ ތަޢާލާއަށް ޙަމްދު ކުރަމުންނެވެ. ދުޢާ ކުރުމުގައި ﷲ ތަޢާލާގެ މަތިވެރި ރިވެތި އިސްމުފުޅުތައް ބޭނުންކުރީމެވެ. ދުޢާ ފަށާއިރު އަދި ނިމޭއިރު މާތް ރަސޫލާ މުޙައްމަދު ﷺ ޞަލަވާތް ކިޔަވަމެވެ. އެހެން ކަމަކަށް އެދެނީ ކުރެވުނީ ކުށްފާފަތަކަށް ތަޢުބާވުމަށްފަހުގައެވެ. ދުޢާކުރުމުގައި އާދޭސް ދަންނަވައި ރޮމެވެ. ﷲ ތަޢާލާ ޤުރުޢާނުގައި ޣާފިރް ސުރަތުގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. " ތިޔަބައިމީހުން ތިމަންރަސްކަލާންގެއަށް ދުޢާ ކުރާށެވެ. ތިމަންރަސްކަލާންގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ"

މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ޤުރުޢާން ކިޔަވާ މިންވަރު އިތުރުކުރީމެވެ. ޤުރުޢާނުގެ ޢިލްމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށް އާޔަތްތަކުގެ މާނައާއި ތަފްސީރު ކިޔަންފެށީމެވެ. އެމާތް އާޔަތްތައް ކިޔަވާއިރު ޤުރުޢާނަކީ ޝިފާއެއް ކަމުގައި އަބަދުވެސް ހިތުގައި ބާއްވަމެވެ. ﷲ ތަޢާލާ ޤުރުޢާނުގައި އިސްރާ ސޫރަތުގެ 82 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. " ތިމަންރަސްކަލާންގެ ޤުރުއާނުން މުއުމިނުންނަށް ރަޙުމަތާއި ޝިފާ ކަމުގައިވާ ތަކެތި ބާވާއިލައްވަމެވެ."

މީގެއުތުރުން ދީނީ ޢިލްމު ހޯދުމުގައި މަޝްއޫލުވީމެވެ. އެކި ކަހަލަ ދީނީ އާޓިކަލް ތަކާއި ފޮތްތައް ކިޔަން ފެށީމެވެ. ރަސޫލާ ﷺ ހަދީޘްތައް ކިޔައި ދަސްކުރަންފެށީމެވެ. ޣީބަ ބުނުމާއި ދުރުވެ މީހުންނާއި ދޭތެރޭގައި ހެޔޮކޮށް ދެކެން ފެށީމެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔައި އާންމު ދިރިޢުޅުމުގެ ކަންތައްތައް ކުރުމުގެ ކުރިން ކިޔާ ދުޢާތައް ކިޔަންފެށީމެވެ.

ސުބްޙާނަﷲ! އަލްޙަމްދުލިﷲ! އެންމެ ހަފްތާއެއްގެ ތެރޭގައި ތަފާތު ފެންނަން ފެށިއެވެ. ލިބެމުންދިޔައީ އުމުރުން އަށާވީސް އަހަރުވެގެން ދިޔައިރުވެސް ދުވަހަކުވެސް ނުލިބޭފަދަ އުފަލަކާއި ހިތްހަމަޖެހުމެކެވެ. ފެނިގެން ދިއައީ ﷲ ތަޢާލާ ރަޢުދު ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ ތެދުކަމެވެ.

" ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟"

އަހަރެންގެ އުއްމީދަކީ މިލިޔުމުގެ ސަބަބުން ގިނަ ބަޔަކަށް ފައިދާކުރުމެވެ. މިވޭން ހުރި ބަލި ތަޙައްމަލު ކުރަމުންދާ އެންމެނަށް މާތްﷲ އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރުކޮށްދެއްވާށި! އާމީން!

--ބިންތް މުޙައްމަދު

މިއަދު އޮންލައިން